Advertisement

ޗެތުރީ ތަފާތު ދެއްކި، ޕްލޭން ކާމިޔާބު: އެސިސްޓަންޓް ކޯޗު ވެންކަޓޭޝް

14 އޮކްޓޯބަރު 2021 - 09:02 0


ޗެތުރީ ތަފާތު ދެއްކި، ޕްލޭން ކާމިޔާބު: އެސިސްޓަންޓް ކޯޗު ވެންކަޓޭޝް

14 އޮކްޓޯބަރު 2021 - 09:02 0

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރޭ ރާއްޖެ އަތުން 3-1 އިން މޮޅުވެ، އިންޑިއާ ފައިނަލަށް ދަތުރުކުރިއިރު، ޕްލޭން ކާމިޔާބުވީ އެ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ދެއްކި މޮޅު ކުޅުމާ އެކުގައި ކަމަށް އިންޑިއާގެ އެސިސްޓަންޓް ކޯޗު ޝަންމުގަމް ވެންކަޓޭޝް ބުނެފި އެވެ.

އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ތަކުރާރުކޮށް ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާތީ ރޭގެ މެޗުގައި އޭނާ އަށް ދެ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައި ވަނީ ބެންޗުން ފޮނުވާލައިފަ އެވެ. އެހެންވެ، ރޭގެ މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވީ ވެންކަޓޭޝް އެވެ.

ވެންކަޓޭޝް ބުނީ ފައިނަލަށް ދެވުމުން ވަރަށް ހިތްހަަމަ ޖެހޭ ކަމަށާއި ފައިނަލަށް ދާން ރޭ ރާއްޖެ ބަލިކުރުން މަޖުބޫރުވެފައި އޮތުމުން ޕްލޭން ހެދީ ވެސް އެ ގޮތަށް ކަމަށެވެ.

"ރަނގަޅު ޓީމަކާ ދެކޮޅަށް އަހަރެމެން ކުޅޭއިރު މި މުބާރާތުގައި ވިޔަސް އެހެން މުބާރާތެއްގައި ވިޔަސް އަހަރެމެން ވިސްނާނެ. ޓެކްނިކަލީ ބަލަންޏާ ރާއްޖެ ޓީމު ވަރަށް ރަނގަޅު. ހާލަތުތައް ވެސް ތަފާތު މިއަދު. މި މެޗުން އަހަރެމެންނަށް މޮޅުވޫން ނޫން ގޮތެއް ނެތް. އެހެންވެ ޕްލޭން ވެސް ތަފާތު ކުުޅުންތެރިން މެޗަށް މޯޓިވޭޓްވެފައި އޮތީ ވެސް ތަފާތު ކޮށް،" އިންޑިއާ ގައުމީ ޓީމަށް ކުރިން ކުޅުނު ވެންކަޓޭޝް ބުންޏެވެ.

ރޭގެ މެޗުގައި މަންވީރު ސިންގް 32 ވަނަ މިނިޓްގައި އިންޑިއާ އަށް ލީޑުނަގައިދީފައި ވަނިކޮށް ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އަލީ އަޝްފާގު (ދަގަނޑޭ)ގެ ޕެނަލްޓީން ރާއްޖ ނަތީޖާ ހަމަހަމަކުރި އެވެ. ދެ ވަނަ ހާފްގައި ސުނިލް ޗެތުރީ ދެ ގޯލު ޖަހައި އިންޑިއާ މޮޅުކޮށްދިނެވެ. ދެ ގޯލު ވެސް ޖެހީ އޭރިއާތެރެއިންނެވެ.

"މިއީ ޓީމް އެފޯޓެއް. ކުޅުންތެރިންގެ ކޮމްބިނޭޝަން ދިޔައީ ވަރަށް ރަނގަޅަށް. ޔަގީނުން ވެސް ޗެތުރީ ވަރަށް މޮޅަށް ކުޅުނު. މަންވީރާ އެކު އޭނަގެ ކޮމްބިނޭޝަން ވެސް ރަނގަޅު،" ވެންކަޓޭޝް ބުންޏެވެ.

ރޭގެ މެޗުގައި ޖެހި ދެ ގޯލާ އެކު ޗެތުރީ ވަނީ ގައުމީ ޓީމަށް 124 މެޗުން 79 ގޯލު ޖަހައިފަ އެެވެ. ޗެތުރީ އަކީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީގެން ދުނިޔޭގެ ލަނޑު ލިސްޓުގެ ހަ ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ލަނޑު ލިސްޓުގެ ކުރީގައި އޮތީ ވެސް ޗެތުރީ އެވެ. އޭނާ ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ.

ވެންކަޓޭޝް ބުނީ ރޭގެ މެޗަކީ ކޮވިޑް ޕެންޑަމިކްގެ ފަހުން ވަރަށް ފޯރިގަދަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި އިންޑިއާ އިން ކުޅުނު ވަރަށް ފޯރިގަދަ މެޗެއް ކަމަށެވެ.

"އަހަރެމެންނަށް ޕްރެޝަރެއް ނެތް ހަގީގަތުގައެއް. މި ކަހަލަ ހާލަތްތަކުގައި ކުޅުންތެރިން އުފަލުން ހިތްހަމަޖެހިގެން ކުޅެލަން ބޭނުންވަނީ. ރާއްޖެ އާއި އިންޑިއާ ވެސް އެ ސަޕޯޓަރުންގެ ސަޕޯޓާ އެކު މެޗު ކުޅުނީ ރަނގަޅު މާހައުލެއްގައި. ދިވެހި ސަޕޯޓަރުން ފުޓްބޯޅަ އަށް އޮންނަ ފޯރި ފެނުނު،"

އިންޑިއާ އިން ރޭގެ މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެ ޓީމުގެ ފަހަތަށް ކުޅޭ ސުބަޝިޝް ބޯސް އަށް ވަނީ ރޭގެ މެޗުގެ އިތުރު ވަގުތުގައި ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. ވެންކަޓޭޝް ބުނީ ފައިނަލުގައި ސުބަޝިޝްގެ ބަދަލުގައި އަރާ ކުޅުންތެރިއަކަށް ވެސް ތަފާތު ދެއްކޭނެ ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހުގެރޭ ނޭޕާލާ ދެކޮޅަށް އިންޑިއާ ފައިނަލުގައި ކުޅޭއިރު، މިއީ ސާފްގެ ފައިނަލުގައި އިންޑިއާ ކުޅޭ 12 ވަނަ ފަހަރެވެ. އަނެއްކޮޅުން މިއީ ނޭޕާލަށް ސާފުގައި އަލަތު ފައިނަލެވެ. އިންޑިއާ އިން ވަނީ ސާފް ޗެމްޕިއަންޝިޕްގެ ތަށި ހަތް ފަހަރު އުފުލާލައިފަ އެވެ.