Advertisement

ދަނޑުވެރި އުފެއްދުންތައް އިތުރުކުރަން ޖަޕާނުން 2.7 މިލިއަން ޑޮލަރުގެ އެހީއެއް

14 އޮކްޓޯބަރު 2021 - 08:12 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ކަނާތުން: އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، ޔޫއެންޑީޕީގެ ރާއްޖޭގެ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް އެންރިކޯ ގަވެލިއާ، ޖަޕާން ސަފީރު ކެއިކޯ ޔަނައީ އަދި އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން، ޕްރޮޖެކްޓު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ހަފުލާގައި. -- ފޮޓޯ:ޔޫއެންޑީޕީ


ދަނޑުވެރި އުފެއްދުންތައް އިތުރުކުރަން ޖަޕާނުން 2.7 މިލިއަން ޑޮލަރުގެ އެހީއެއް

14 އޮކްޓޯބަރު 2021 - 08:12 0

ދިވެހި ދަނޑުވެރިކަން ތަރައްގީކޮށް އަމިއްލަ އުފެއްދުންތައް އިތުރުކުރުމަށް ޖަޕާނު ސަރުކާރުގެ ފަރާތުން 2.7 މިލިއަން އެމެރިކާ ޑޮލަރު (42 މިލިއަން ރުފިޔާ) އެހީގެ ގޮތުގައި ދީފި އެވެ.

އިއްޔެ ބޭއްވި ހަފުލާއެއްގައި ޔޫއެންޑީޕީ އަދި ޖަޕާނު ސަރުކާރާ ދެމެދު ވަނީ މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ޔޫއެންޑީޕީގެ ފަރާތުން އެޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް އެންރިކޯ ގަވެލިއާ އެއްބަސްވުމުގައި ސޮއިކުރެއްވި އިރު، ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައީ އެވެ.

ޖަޕާނުގެ މިފަންޑު އެހީ އާއެކު ޔޫއެންޑީޕީ އާއި ދިވެހި ސަރުކާރާ ގުޅިގެން ދިވެހި ދަނޑުވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދިވެހި އުފެއްދުންތައް އިތުރުކޮށް ފުޑް ސެކިއުރިޓީ ވަރުގަދަކުރުމަކީ މި މަޝްރޫއުގެ މައިގަނޑު އެއް އަމާޒެވެ.

މީގެ އިތުުރުން ދަނޑުވެރިކަމާ ގުޅުންހުރި އެހެން ސިނާއަތްތަކާ އޮންނަ ގުޅުން ފުޅާކޮށް، އުފެއްދުންތަކަށް ވެލިއު އެޑްކޮށް ވިޔަފާރިތައް ފުޅާކުރެވޭނެ މަގުފަހިކޮށްދިނުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ނިންމައިފަ އެވެ.

ޔޫއެންޑީޕީ އާއި ދިވެހި ސަރުކާރުން ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ "ޕްރޮޖެކްޓް ފޮ ޑިވެލޮޕިންގް ސަސްޓެއިނަބަލް އެގްރިކަލްޗަރަލް އިކޮނޮމީ' ޑޮކިއުމެންޓުގައި ވެސް އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.

ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ފަރާތުން ސޮއިކުރެއްވީ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް އެންރިކޯ ގަވެލިއާ އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓާ އޮފް އެގްރިކަލްޗާ ޑރ. ހުސައިން ރަޝީދު ހަސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ޕްރޮޖެކްޓު ޑޮކިއުމެންޓުގައި ސޮއިކުރައްވާފަ އެވެ.

ކަނާތުން: އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، ޔޫއެންޑީޕީގެ ރާއްޖޭގެ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް އެންރިކޯ ގަވެލިއާ، ޖަޕާން ސަފީރު ކެއިކޯ ޔަނައީ އަދި އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން، ޕްރޮޖެކްޓު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ހަފުލާގައި. -- ފޮޓޯ:ޔޫއެންޑީޕީ


މިޕްރޮޖެކްޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދަނޑުވެރިކަމުގެ މިނިސްޓަރު ހުސައިން ރަޝީދު ހަސަން ވަނީ ޖަޕާނުގެ މި ފަންޑަކީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ލިބުނު ވަރަށް ބޮޑު އެހީއެއް ކަމަށް ވިދާޅުވެފަ އެވެ.

އަދި މީގެ ސަބަބުން ދަނޑުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ވަރަށް ގިނަ ދިވެހިންނަށް ފައިދާ ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ވަނީ ދެމެހެއްޓެނިވި އިގުތިސާދީ ތަރައްގީއަކަށް މަސައްކަތްކުރާ އިރު މިފަދަ ޕްރޮޖެކްޓުތަކުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ. އަދި މިފަހަރު ސޮއި ކުރެވިގެން މިދިޔަ ޕްރޮޖެކްޓަކީ ދަނޑުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ސިފަކުރެއްވި އެވެ.

ޖަޕާނަކީ ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުން އަންނަ ގައުމެކެވެ. ކޮވިޑުގެ ބަލިމަޑުގެ ތެރޭގައި އެކަނިވެސް 8.5 މިލިއަން އެމެރިކާ ޑޮލަރުގެ ގްރާންޓް އެހީ ޖަޕާނުން ވަނީ ރާއްޖެއަށް ފޯރުކޮށްދީފަ އެވެ.

މީގެ އިތުރުން ކޮވިޑުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން 47.5 މިލިއަން އެމެރިކާ ޑޮލަރުގެ އެމެޖެންސީ ލޯނެއްވެސް އެގައުމުން ވަނީ ފަހިކޮށްދީފަ އެވެ.

އަދި ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންތަކުގެ ތެރެއިން އެސްޓްރަޒެނެކާގެ ވެކްސިންގެ 112،000 ޑޯޒް ޖަޕާނުން ވަނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.