Advertisement

އޮގަސްޓް މަހު ގްރީން ޓެކްސްގެ ގޮތުގައި 75.6 މިލިއަން ރުފިޔާ

13 އޮކްޓޯބަރު 2021 - 13:11 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ރާއްޖޭގެ ރިސޯޓެއް: ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ރެއަކަށް ހަ ޑޮލަރު ނަގާ.


އޮގަސްޓް މަހު ގްރީން ޓެކްސްގެ ގޮތުގައި 75.6 މިލިއަން ރުފިޔާ

13 އޮކްޓޯބަރު 2021 - 13:11 0

މި އަހަރުގެ އޮގަސްޓް މަހު ގްރީން ޓެކްސްގެ ގޮތުގައި 75.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ގްރީން ޓެކްސް އަކީ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހެކެވެ. ރިސޯޓުތަކަށާއި ސަފާރީތަކަށް އަދި ހޮޓަލްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ރެއަކަށް ހަ ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގާ އިރު، ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރެއަކަށް ތިން ޑޮލަރެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އޮގަސްޓް މަހުގެ ގްރީން ފަންޑު ރިޕޯޓު ދައްކާގޮތުން އެ މަހު ރިސޯޓުތަކުން ގްރީން ޓެކްސްގެ ގޮތުގައި 72.3 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ގެސްޓް ހައުސްތަކުން އޮގަސްޓް މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ 1.5 މިލިއަން ރުފިޔާ އެވެ. އަދި ހޮޓެލްތަކުން އެއް މިލިއަން ރުފިޔާ ވަނީ ގްރީން ފަންޑަށް ލިބިފަ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ލިވަބޯޑްތަކުން ވަނީ 790,501.04ރ. ގްރީން ޓެކްސްގެ ގޮތުގައި ހޯދާފަ އެވެ.

އޮގަސްޓު މަހު ގްރީން ޓެކުހުން އެންމެ ބޮޑު އަދަދެއް ހޯދާފައި ވަނީ ކ. އަތޮޅުގެ ރިސޯޓުތަކުން ނެވެ. އެއީ 29 މިލިއަން ރުފިޔާ އެވެ.

ފިނޭންސް އިން އާންމުކޮށްފައިވަ މައުލޫމާތުތައް ދައްކާގޮތުން އޮގަސްޓް މަހު ގްރީން ފަންޑުން 32.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އޭގެ ތެރޭގައި ރަށްރަށުގެ ނަރުދަމާގެ މަޝްރޫއުތަކާއި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ކުރި ހަރަދުގެ އިތުރުން ގޮޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާ ކުނި ނައްތާލުމުގެ މަޝްރޫއުތައް ހިމެނެ އެވެ.

އޮގަސްޓް މަހުގެ ނިޔަލަށް ގްރީން ފަންޑަށް 502.8 މިލިއަން ރުފިޔާ ޖަމާވި އިރު 247.2 މިލިއަން ރުފިޔާ ވަނީ ފަންޑުން ހަރަދުކޮށްފަ އެވެ.

މިހާރު ގްރީން ފަންޑުގެ ބެލެންސް އަކީ 1.07 ބިލިއަން ރުފިޔާ އެވެ.