18 އޭޕްރީލް 2024 - 14:39 0
ނިމާ ހަސަން
ފިނޭންސް މިނިސްޓްރީއަށް އަލަށް އައްޔަނުކުރި ނައިބު, އައިޝަތު އުމައިމާ. މިއީ އެ މިނިސްޓްރީއަށް އައްޔަނުކުރި ހަތްވަނަ ޑެޕިއުޓީ މިނިސްޓަރު ...
18 އޭޕްރީލް 2024 - 14:39 0
ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ސަރުކާރުގެ އިސް ސިޔާސީ މަގާމުތަކަށް އިސްތިސްނާ ހާލަތެއްގައި މެނުވީ މީހުން އައްޔަނު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި އޮއްވައި މަޖިލިސް އިންތިހާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް ފިނޭންސް މިނިސްޓްރީއަށް އާ ޑެޕިއުޓީ މިނިސްޓަރަކު އައްޔަނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ އެ މަގާމަށް އައްޔަނުކުރި އައްޝަތު އުމައިމާއަށް މަރުހަބާ ކިޔައި, އެކްސްގައި ޕޯސްޓެއް ޖަހާފަ އެވެ. މިއީ ފިނޭންސް މިނިސްޓްރީއަށް އައްޔަނުކުރި ހަތް ވަނަ ޑެޕިއުޓީ މިނިސްޓަރެވެ.
ފިނޭންސް މިނިސްޓްރީގައި މިނިސްޓަރުގެ އިތުރުން, މިނިސްޓަރު ފެންވަރުގައި ދެ އެޑްވައިޒަރުން އައްޔަނުކޮށްފައި ތިބެ އެވެ.
އެހެންކަމުން އެ މިނިސްޓްރީގެ މަތީފަޑީފައި މިނިސްޓަރު ފެންވަރުގެ ތިން ބޭފުޅުންނާއި, ސްޓޭޓް މިނިސްޓަރު ފެންވަރުގެ ހަތަރު ބޭފުޅުން އަދި ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ ހަތް ބޭފުޅުން މިހާރު ތިއްބަވަ އެވެ.
މީގެ އިތުރުން, ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ވެސް އެ މިނިސްޓްރީގައި ސިޔާސީ މުވައްޒަފުން އައްޔަނުކޮށްފައި އެބަތިއްބެވެ. ސިޔާސީ މަގާމުތަކުގެ ތަފްސީލުތައް ސަރުކާރުން ހާމަނުކުރާތީ އެ މަގާމުތަކުގައި ތިބި މީހުންގެ އަދަދެއް ނޭނގެ އެވެ.
"ހަމައެހެންމެ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ހާލަތްތައް ފިޔަވައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން އަޅުގަނޑު ނިންމާފައިވާ ވާހަކަ ދަންނަވާލަން," ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވެފައިވެ އެވެ. މިއަދު އައްޔަނުކުރީ އިސްތިސްނާ ހާލަތެއްގައި ކަމެއް ސަރުކާރުން ނުބުނެ އެވެ.
މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ތަފުސީލު ހާމަކުރަން ދެކޮޅު ހަދަމުން އަންނަ އިރު ރެކޯޑު އަދަދަކަށް ސިޔާސީ މަގާމުތައް އިތުރުވެފައިވާ ކަމަށް އިދިކޮޅުން އަންނަނީ ތުހުމަތުކުރަމުންނެވެ. އެކަމަކު މި މައުލޫމާތު ކަށަވަރުކުރެވޭނެ ގޮތެއް ނެތުމާ ގުޅިގެން ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދެއް ނޭނގެ އެވެ.
ސަރުކާރުން މި ތުހުމަތުތައް ދޮގުކުރެ އެވެ. އަދި ބުނަނީ ކުރިން ބުނި ގޮތަށް 700 ސިޔާސީ މަގާމަށް ވުރެ އިތުރު ނުވާނެ ކަމަށެވެ. ނަމަވެސް, މިވަގުތު ލިބެން ހުރި މައުލޫމާތުތަކަށް ބަލާއިރު އެ އަދަދަށް ވުރެ ސިޔާސީ މުވައްޒަފުން އިތުރުވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment