Advertisement

ޑެންމާކް ވޯލްޑް ކަޕަށް ކޮލިފައިވިއިރު، ރޮނާލްޑޯގެ ހެޓްރިކާ އެކު ޕޯޗުގަލް މޮޅުވެއްޖެ

13 އޮކްޓޯބަރު 2021 - 09:24 0

ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ޑެންމާކް ވޯލްޑް ކަޕަށް ކޮލިފައިވިއިރު، ރޮނާލްޑޯގެ ހެޓްރިކާ އެކު ޕޯޗުގަލް މޮޅުވެއްޖެ

13 އޮކްޓޯބަރު 2021 - 09:24 0

ލިޒްބަން (އޮކްޓޫބަރު 13) - ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ކޮލިފައިންގައި މިހާތަަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެން ޑެންމާކް އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވިއިރު، ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާ އެކު 5-0 އިން ލަގްޒެމްބާގް އަތުން ޕޯޗުގަލް މޮޅުވެއްޖެ އެވެ.

ޑެންމާކުން ވަނީ ރޭ ޔަކީމް މޭލާގެ ގޯލުން 1-0 އިން އޮސްޓްރިއާ އަތުން މޮޅުވެފަ އެވެ. މި ނަތީޖާއާ އެކު ޑެންމާކް ވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު އަށް މެޗުން ވެސް މޮޅުވެފަ އެވެ. ޑެންމާކަކީ ކޮލިފައިން ބުރުން ވޯލްޑް ކަޕްގެ ޖާގަ ހޯދި ދެ ވަނަ ޓީމެވެ. ޖަރުމަނު ވެސް ވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ހޯދައިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޕޯޗުގަލް އިން ލަގްޒެމްބާގް ބަލިކުރި މެޗުގައި ރޮނާލްޑޯގެ ހެޓްރިކާ އެކު އޭނާ ވަނީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑް އިތުރަށް ފުރިހަމަ ކޮށްފަ އެވެ. ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް ކުޅުނު 182 މެޗުން 115 ގޯލު ޖަހައިފަ އެވެ. ރޭގެ މެޗުގައި ރޮނާލްޑޯ ހެދި ހެޓްރިކަކީ ގައުމީ ޓީމަށް އޭނާ ފުރިހަމަ ކުރި 10 ވަނަ ހެޓްރިކް އެވެ.

ރޮނާލްޑޯގެ އިތުރުން ރޭގެ މެޗުގައި ޕޯޗުގަލް އަށް ދެން ގޯލުތައް ޖަހައިދިނީ ބްރޫނޯ ފެނާންޑޭސް އާއި ސްޕޯޓިން ލިޒްބަންގެ ޕަލީނިއާ އެވެ.

ޕޯޗުގަލް އޮތީ ކޮލިފައިން ގްރޫޕް އޭގެ ދެ ވަނައިގަ އެވެ. އެ ގްރޫޕްގެ އެއް ވަނައިގައި އޮތީ ރޭ އަޒަރުބައިޖާން އަތުން 3-1 އިން މޮޅުވި ސާބިއާ އެވެ. ސާބިއާ އަށް ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، ޕޯޗުގަލް އަށް ވަނީ ހަ މެޗުން 16 ޕޮއިންޓް ލިބިފަ އެވެ.

ރޭ އިންގްލެންޑް ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި 1-1 އިން ހަންގޭރީއާ އެއްވަރުވެފަ އެވެ. ހަންގޭރީން ލީޑުނެގީ ރޮލާންޑް ސަލާއީ ވައްދާލި ޕެނަލްޓީންނެވެ. މިއީ އިންގްލެންޑްގެ ލޫކް ޝޯ ހަންގޭރީގެ ލޮއިކް ނެގީ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. އިންގްލެންޑަށް އެއްވަރުކޮށްދިނީ ޖޯން ސްޓޯންސް އެވެ.

ކޮލިފައިން ގްރޫޕް އައިގެ އެއް ވަނައިގައި އިންގްލެންޑް އޮތީ އަށް މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ. އެ ގްރޫޕްގެ ދެ ވަނައިގައި އޮތީ އަށް މެޗުން 17 ޕޮއިންޓާ އެކު ޕޮލެންޑް އެވެ. ޕޮލެންޑް ވަނީ ރޭ އަލްބޭނިއާ ދަނޑުގައި 1-0 އިން މޮޅުވެފަ އެވެ.