Advertisement

ކައުންސިލާއި ބަންޑާރަ ނައިބުގެ ދައުލަތް: ވަކިވަކި ސަރުކާރުތަކެއްގެ ބަހުސް

11 އޮކްޓޯބަރު 2021 - 10:13 1

ނާޒިމް ހަސަން

ނާޒިމް ހަސަން

ދައުލަތާއި ކައުންސިލްތައް ރަމްޒުކޮށްދޭ ކުރެހުމެއް: ދައުލަތް ތަމްސީލު ކުރުމާމެދު އޮތީ ބޮޑު ބަހުސެއް - އަހުމަދު އިހުސާން (އަރަކަ)


ކައުންސިލާއި ބަންޑާރަ ނައިބުގެ ދައުލަތް: ވަކިވަކި ސަރުކާރުތަކެއްގެ ބަހުސް

11 އޮކްޓޯބަރު 2021 - 10:13 1

އދ. ފެންފުށީ ކައުންސިލުގެ ރައީސް އަހުމަދު އަބްދުއް ޝަކޫރު ދެކެވަޑައިގަންނަވާ ގޮތުގައި, ލާމަރުކަޒުކޮށް ގައުމު ހިންގުމަށް ކައުންސިލްތަކަށް ބާރުތައް ދޫކޮށްލަން ޖެހެއެވެ. އޭގެ ތެރޭ ކޯޓުތަކުގައި ކައުންސިލުން ދައުލަތް ތަމްސީލު ކުރުން ވެސް ހިމެނެއެވެ. އެކަމަކު, ޝަކޫރު އެކަން ބޭނުންވި ނަމަވެސް, ހުރަސް އެޅީ އެ ކައުންސިލް އޮތް ހާލަތެވެ.

ލީގަލް އޮފިސަރެއް ނެތެވެ. ގާނޫނީ އެހީތެރިކަން ހޯދާނެ ގޮތެއް އެ ގާބިލް ކަމެއް ނެތެވެ. އެހެންވެ, ފެންފުށީ ކޯޓުން ނިންމާފައި އޮތް ރަށުގެ ބިމާ ގުޅޭ މައްސަލައެއްގެ އިސްތިއުނާފު ހައިކޯޓާ ހަމައަށް ދިޔުމުން ފެންފުށީ ކައުންސިލަށް ޖެހުނީ ބަންޑާރަ ނައިބުގެ އަރިހަށް ދާށެވެ.

މިކަމުގައި ގާނޫނީ ބަހުސެއް މި އުފެދުނީ މިހެންވެއެވެ;

ފެންފުށީ ދުވަސްވީ ބަންޑާރަ ބިމެއްގެ މައްސަލަ މިފަހުން ހައިކޯޓާ ހަމައަށް ދިޔައެވެ. ހިޔާލު ތަފާތުވުންތަކުގެ ތާރީހެއް އޮތް އެ ބިމުގެ މައްސަލަ ދައުލަތާ ދެކޮޅަށް ހުށަހެޅުމުން, ދައުލަތް ތަމްސީލު ކުރަން ކޯޓަށް ދާނެ ފަރާތަކާމެދު ދެބަސްވިއެވެ.

އެ ބިމަކީ ފެންފުށީގައި އޮތް ބިމެއް ކަމުން މައްސަލާގައި ޖަވާބުދާރީވުމަށް ހައިކޯޓުން ފެންފުށީ ކައުންސިލަށް އެންގިއެވެ. އެއީ, ދައުވާ ލިބިގަތުމުގެ ގާނޫނީ ބާރު ލިބޭ މުއައްސަސާތަކުން ކޯޓުގައި ތަމްސީލުކުރަނީ ސީދާ އެ މުއައްސަސާއަކުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮތުމުންނެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 21 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ޝަހުސެކެވެ.

އެކަމަކު, ފެންފުށީ ކައުންސިލުން ހައިކޯޓަށް އެންގީ މައްސަލާގައި ޖަވާބުދާރީވާނީ ދިވެހި ދައުލަތުގެ ހައިސިއްޔަތުން ބަންޑާރަ ނައިބު ކަމެވެ. އަދި, އެ ކައުންސިލަށް ހައިކޯޓުގައި ޖަވާބުދާރީވުމުގެ ފަންނީ އަދި ގާބިލްކަން ލިބިފައިނުވާ ކަމަށެވެ. ގާނޫނީ ވަކީލެއް, ލީގަލް އޮފިސަރެއް ވެސް ނެތް ކަމެވެ.

އެހެންވެ, ހައިކޯޓުން ބަންޑާރަ ނައިބުގެ އޮފީހަށް އެކަން އެންގުމުން އެ އޮފީހުން ބުނީ ހައިކޯޓުގައި ފެންފުށީ ކައުންސިލް ތަމްސީލުކޮށް ބަންޑާރަ ނައިބަށް ވަކާލާތު ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށެވެ. އެގޮތަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނާ ސަބަބަކީ, އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 22 ވަަނަ މާއްދާއާ ހަވާލާދީއެވެ.

މި ހިޔާލު ތަފާތުވުންތަކާ އެކު, ހައިކޯޓުން ނިންމީ ބަހުސް އިތުރަށް ބޮޑުވެގެން ދިޔަ ނިންމުމެކެވެ.

އެގޮތުން, ހައިކޯޓުން ބުނި ގޮތުގައި ގާނޫނުއަސާސީ ބަޔާންކުރާ ރާއްޖޭގެ ސަރަަހައްދުގެ ތެރޭ ހިމެނޭ ބިން މިލްކުވެގެން ވަނީ ދިވެހި ދައުލަތަށް ކަމަށެވެ. ވީމާ, ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން މެނުވީ ބަންޑާރަ ބިމުގެ މައްސަލަތަކުގައި ކައުންސިލްތަކަށް ދައުލަތް ތަމްސީލު ނުކުރެވޭނެއެވެ.

އަދި, ދައުލަތާ ގުޅުންހުރި ގާނޫނު އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުމަކީ ބަންޑާރަ ނައިބުގެ ވާޖިބުތަކުގެ ތެރޭ ހިމެނޭ ކަމެއްކަން ފާހަގަކުރިއެވެ. ކައުންސިލްތަކަކީ ގާނޫނުން އުފައްދާ ވަކިވަކި ސަރުކާރުތަކެއް ނޫން ކަމާއި ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެއްކަން ވެސް އެ ކޯޓުން ހަނދާންކޮށްދިނެވެ.

އެހެންވެ, ބަންޑާރަ ބިން ހިމެނޭ މައްސަލަތަކުގައި ދައުލަތުގެ މަސްލަހަތު އޮންނާނެތީ ދައުލަތުގެ މަސްލަހަތު ހިމެނޭ މި ބާވަތުގެ މައްސަލަތަކުގައި ގާނޫނީ ލަފާދިނުމާއި ދައުލަތް ތަމްސީލު ކުރުމަކީ ބަންޑާރަ ނައިބުގެ ވާޖިބުތަކުގެ ތެރޭ ނުހިމަނައި ދޫކޮށްލެވޭނެ ކަންތައްތަކެއް ނޫން ކަމަށް ހުކުމްގައި ބުންޏެވެ.

އެކަންކަން އެހެން އޮތުމުން, މިފަދަ މައްސަލަތަކުގައި ބަންޑާރަ ނައިބުގެ އޮފީހުން އަތްފޮޅާލަން ދެއްކި ގާނޫނީ ތަރުޖަމާއަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ އަލީގައި ބަލާއިރު, ހައިކޯޓުން ބުނި ގޮތުގައި ރަނގަޅު ތަރުޖަމާއެއް ނޫނެވެ.

ހައިކޯޓުން ބުނި ގޮތުގައި, ދައުލަތުގެ އާންމު މަސްލަހަތު ހިމެނޭ މި ބާވަތުގެ މައްސަލަތަކުގައި ބަންޑާރަ ނައިބާއި ކައުންސިލްތަކާ ދެމެދު އޮންނަން ޖެހޭ އިދާރީ ގުޅުން ތަންޒީމުކުރުމަކީ އެ ދެ މުއައްސަސާގެ ދެމެދުގައި ހަމަޖައްސަން ޖެހޭ ކަމެކެވެ. އެހެންވެ, ހައިކޯޓުން މި މައްސަލާގެ އިސްތިއުނާފު ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުގެ ވަކީލާއި ފެންފުށީ ކައުންސިލްގެ ހާޒިރުގައެވެ.

އެކަމަކު, ބަންޑާރަ ނައިބު ގެންގުޅުއްވި ގާނޫނީ މާނަކުރުން ދިފާއު ކުރަން ސުޕްރީމް ކޯޓަށް ދިޔުމަށް މިހާރު ވަނީ ނިންމަވާފައެވެ. ބަންޑާރަ ނައިބު ގަބޫލު ކުރައްވާ ގޮތުގައި, ލާމަރުކަޒީ ގާނޫނުގެ މަގުސަދު އޮތީ މިފަދަ މައްސަލަތަކުގައި ކައުންސިލްތަކަށް އެ ބޭރު ދިނުމެވެ.

ލާމަރުކަޒުގެ މަގުސަދު; ވަސީލަތްތައް ވެސް ދޭންވީ

އެކަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވެސް ތަފްސީލު ކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި, ގާނޫނުން ކައުންސިލްތަކަށް ބާރު ދިނުމާއެކު އެ ފުރުސަތުތަކާއި ވަސީލަތްތައް ވެސް ދޭން ޖެހޭނެއެވެ.

ނިޔާޒު ވިދާޅުވީ މިވަގުތު ކައުންސިލްތަކުގައި އެންމެ ރަނގަޅު ވަސީލަތްތައް ނުހުރެދާނެ ކަމާއި ނަމަވެސް, އެ ވަސީލަތްތައް ކުރިއަށް އޮތް ތަނުގައި ފޯރުކޮށްދެމުން ދެވޭނެ ކަމަށެވެ. އަދި, މިހާރު ކައުންސިލްތަކުގައި ލީގަލް އޮފިސަރުން ނެތް ނަމަވެސް, އިދާރީ އޮނިގަނޑަށް ބަދަލު ގެނެސް އެފަދަ މުވައްޒަފުން ހޯދުމުގެ ފުރުސަތު އޮންނާނެއެވެ.

އޭގެ އިތުރުން އަތޮޅު ކައުންސިލްތަކަށް މިހާރު ވެސް ލީގަލް އޮފިސަރުންނާއި އޮޑިޓަރުންނާއި ސާވަރުން ފަދަ މުވައްޒަފުން ހޯދަމުންދާ ކަމަށާއި ބައެއް ކައުންސިލްތަކުގައި އެފަދަ ފަންނީ ބޭފުޅުން ތިއްބެވިކަން ވެސް ނިޔާޒު ފާހަގަ ކުރެއްވިއެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނަށް ގެނައި އިސްލާހުތަކުން އަތޮޅު ކައުންސިލްތަކަކީ މިހާރު ރިސޯސް ހަބްތަކެއްގެ ގޮތުގައި އޮޕަރޭޓް ކުރާ ތަންތަނެވެ.

އެގޮތުން, އަތޮޅުގެ ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން އަތޮޅު ކައުންސިލަށް ފޯރުކޮށްދެވޭނެ ވަސީލަތްތައް ގާއިމުކުރުމަކީ ގާނޫނުގެ މަގުސަދު ކަމާއި ލާމަރުކަޒީ ނިޒާމްގެ އޭގެ ފުރިހަމަ ގޮތުގައި ހިނގަމުންދާނީ އޭރަށް ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ލާމަރުކަޒު ކޮމިޓީގެ މުގައްރިރު ނިޔުާޒު: ކައުންސިލްތަކަށް ބާރު ދޭން ޖެހޭ ކަމުގެ ވަކާލާތު ކުރެއްވި


ނިޔާޒުގެ ވާހަކަތަކަށް ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވެސް ތާއީދު ކުރެއްވިއެވެ. އަދި, އެ ކައުންސިލުން މިސާލު ދެއްކެވިއެވެ. އެގޮތުން އެ ކައުންސިލްގައި މިވަގުތު ވެސް ލީގަލް އޮފިސަރަކާއި ކޮންޓްރެކްޓް އުސޫލުން ވަކީލަކު ގެންގުޅޭކަން ފާހަގަ ކުރެއްވިއެވެ. އަދި, އެހެން ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ވެސް ފޯރުކޮށްދެމުންދާ ކަމަށް ވިދާޅުވިއެވެ.

ބަޝީރު ވިދާޅުވި ގޮތުގައި, ވަކި ގާނޫނީ ޝަހުސެއްގެ ގޮތުގައި ކައުންސިލްތައް ހެދުމުގެ ބޭނުމަކީ އެ ކައުންސިލްތަކަށް ރަށުގެ ބިންތަކާއި އެ ތަންތަނާ ގުޅޭ ކަންކަމުގެ ބަސް ކިޔުމުގެ ބާރުވެރިކަން ވެސް ދިނުމެވެ. ބައެއް ކައުންސިލްތަކުގައި މިވަގުތު ވަސީލަތްތަކާއި ބަޖެޓް ނުހުރެދާނެ ކަމާއި ނަމަވެސް, އެއީ ކައުންސިލްތަކަށް އޮތް ގާނޫނީ ބާރެއް ނެގުމަށް އޮތް ސަބަބެއް ނޫން ކަމަށް ބަޝީރު ވިދާޅުވިއެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ވެސް މިކަމަށް އޮތް ހައްލަކީ ކައުންސިލްތަކަށް ބާރުތަކާ އެކު ވަސީލަތްތައް ވެސް ފޯރުކޮށްދިނުމެވެ.

ނ. އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި, ބިމުގެ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަމަށް އެދިއްޖެނަމަ އެކަން ބަންޑާރަނައިބު ކޮށްދިނުމާއި, ކައުންސިލްގެ ބަދަލުގައި ކޯޓަށް ދިޔުން ވަރަށް ތަފާތެވެ. މީގައި އޮތް ގޮތަކީ, ކައުންސިލްތަކަށް އެ ބާރު ދޫކޮށްލުމެވެ.

ނަމަވެސް, ގާނޫނީ ބައެއް ބޭފުޅުން ވިސްނުން މިކަމުގައި ހައިކޯޓާ ދިމާވެއެވެ.

ކައުންސިލްތަކާއި މައި ސަރުކާރުގެ ކޯޅުންތައް ގިނަވެދާނެ

ގާނޫނީ ވަކީލަކު ދެއްކެވީ މިސާލެކެވެ. މިފަހުން ވެސް މައި ސަރުކާރާއި މާލޭ ސިޓީ ކައުންސިލާ ދެމެދު ހިޔާލު ތަފާތުވުން އުފެދުނު އިންޑަސްޓްރިއަލް ވިލެޖް އެ އޮތް ބިމެވެ. އެ ބިމާ ގުޅޭ ގޮތުން ދައުލަތާ ދެކޮޅަށް އަމިއްލަ މީހަކު ދައުވާއެއް ކޮށްފިނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟

"ދައުލަތް ތަމްސީލު ކުރާނީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން ބަންޑާރަ ނައިބު ބާ؟ ނޫނީ މާލޭ ސިޓީ ކައުންސިލްބާ؟" ވަކީލް ސުވާލު އުފެއްދެވިއެވެ.

"އެހެންވެ, ހައިކޯޓުން އެ ބުނަނީ މިއީ ޔުނިޓަރީ ދައުލަތެކޭ, ވަކިވަކި ސަރުކާރުތަކެއް ނެތޭ."

އޭނާ ވިދާޅުވި ގޮތުގައި, ކައުންސިލްތަކަށް ދައުލަތް ތަމްސީލު ކުރެވޭނަމަ, ޔުނިޓަރީ ދައުލަތެއްގެ ސިފަ ގެއްލިގެން ދިޔުމުގެ ފުރުސަތު އެބަ އޮތެވެ. ހާއްސަކޮށް ބަންޑާރަ ބިމާ ގުޅޭ މައްސަލަތަކުގައެވެ. އެއީ, އެފަދަ ބިންތަކުގެ މަސްލަހަތު މައި ސަރުކާރަށް ވެސް އޮންނާނެއިރު, އެފަދަ ހާލަތްތަކުގައި ދައުލަތް ތަމްސީލު ކުރަން ޖެހޭނީ ބަންޑާރަ ނައިބު ކަމަށް ގާނޫނުއަސާސީގައި ސާފުކޮށް ބުނެފައިވާތީއެވެ.

ގާނޫނުއަސާސީގެ 133 ވަނަ މާއްދާގައި ބުނަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅައިފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލު ކުރާނީ ބަންޑާރަ ނައިބު، ނުވަތަ އޭނާ ކަނޑައަޅާ މީހެއް ކަމެވެ. ގާނޫނުއަސާސީގެ އަށް ވަނަ ބާބުގައި ލާމަރުކަޒީ އިދާރާތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރުމުގެ ބާރެއް ލިބިދީ ނުވަތަ މަސްއޫލިއްޔަތެއް ހަވާލު ކޮށްފައެއް ނެތެވެ.

އެހެންވެ, އެ ނޫން ގޮތަކަށް ކައުންސިލްތަކަށް ދައުލަތް ތަމްސީލު ކުރުމުގެ ބާރު ދީފިނަމަ, ވަކީލް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަންތައްތަކެއް ހިނގައިގެން ގޮސްދާނެއެވެ.

"ކައުންސިލްތަކަށް ބާރު ދިނުމަކީ މުޅި ދައުލަތް ރޫޅާލުމެއް ނޫން, އެންމެ ރަނގަޅު ގޮތަކީ ހައިކޯޓުން ކަންތައް ކުރި ގޮތަށް ކައުންސިލްގެ ހާޒިރުގައި ބަންޑާރަ ނައިބު ދައުލަތް ތަމްސީލު ކުރާ ގޮތަށް މައްސަލަ ކުރިއަށް ގެންދިޔުން," ވަކީލް ވިދާޅުވިއެވެ.

"އޭރަށް މަޝްވަރާގެ އުސޫލުން އެއް މިސްރާބަކަށް ދައުލަތް ދާނީ, ނޫންނަމަ, މައި ސަރުކާރާއި ކައުންސިލްތަކުގެ އަރާރުން ކޯޓުތަކާ ހަމައަށް ވެސް ގޮސް, އޭގެ ގެއްލުން ރައްޔިތު މީހާއަށް ވެގެންދާނެ."

ގާނޫނީ ވަކީލު ވިދާޅުވި ގޮތުގައި, ކައުންސިލްތަކަށް ވެސް އޮންނަން ވާނީ ސަރުކާރުގެ މިނިސްޓްރީތަކަށް ކޯޓުތަކުގައި އޮންނަ މަގެވެ. މިނިސްޓްރީތަކާ ދެކޮޅަށް ކުރާ ދައުވާތަކުގައި ވެސް ދައުލަތުގެ ހައިިސިއްޔަތުން ތަމްސީލު ކުރަނީ ބަންޑާރަ ނައިބު ކަމާއި ނަމަވެސް, މައްސަލަ ކުރިއަށް ގެންދަނީ އެ މިނިސްޓްރީއެއްގެ ލަފާޔާއި މަޝްވަރާގެ މަތިންކަން ވަކީލް ފާހަގަ ކުރެއްވިއެވެ.

"ކައުންސިލްތަކަށް މި ނޫން ގޮތަކަށް ކޯޓަށް ދެވެންވެއްޖެނަމަ މަސްލަހަތު ގޯސްވެދާނެ, ލާމަރުކަޒު ކުރަމުން ކުރަމުން ގޮސް, މުޅި ދައުލަތް ރޫޅާލައި ފެޑްރަލް ސިސްޓަމަކަށް ދިޔުމަކީ ގާނޫނުއަސާސީ ދަންނާނެ ކަމެއް ނޫން," އޭނާ ވިދާޅުވިއެވެ.

"ހަގީގަތުގަ ވެސް މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް."

ރަށެއްގެ މަގުމަތީ ބަޔަކު މަޑުކޮށްލައިގެން: ލާމަރުކަޒީ ނިޒާމ ގުޅޭ ގޮތުން އުފުލިފައިވަނީ ގާނޫނީ ބޮޑު ހިޔާލު ތަފާތުވުމެއް


ހައިކޯޓުން ބުނި ގޮތަށް ރައްޔިތެއްގެ ފަރާތުން ކޯޓަށް އިސްތިއުނާފުކޮށްފައިވާ މައްސަލައެއްގައި ދައުލަތް ތަމްސީލު ކުރާނެ ފަރާތެއް ނެތިގެން މައްސަލަ ކޯޓުން ބޭރުވެގެން ނުވާނެއެވެ. ހަމައެހެން, ދައުލަތް ތަމްސީލު ކުރާނެ ފަރާތެއް ނެތިގެން ކޯޓުގައި މައްސަލަ ބޭއްވޭކަށް ވެސް ނޯންނާނެއެވެ.

އެހެންވެ, ގާނޫނީ މި ބަހުސަށް ސުޕްރީމް ކޯޓުން މުހިންމު ފަރުވާއެއް ނެރެން ޖެހެއެވެ. އެ ފަރުވާ ވާން ޖެހޭނީ ލާމަރުކަޒީ ނިޒާމު ފުނޑިގެން ނުދާނެ އެކަމަކު ޔުނިޓަރީ ދައުލަތް ވެސް ނެތިގެން ނުދާނެ ފަރުވާއަކަށެވެ.