Advertisement

ހާރިޖީ ސިޔާސަތުގެ ދިފާއުގައި ޝާހިދުގެ އައްޑަނައަކަށް ބޮޑު ތަކުރުފާނުގެ ނަމޫނާ

6 އޮކްޓޯބަރު 2021 - 23:08 0

އަމަން ހަލީމް

އަމަން ހަލީމް

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު: މިރޭ ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި އެ މަނިކުފާނަށް ވަނީ ނިޝާން އިއްޒުއްދީން ޝަރަފު އަރުވާފައި. -- ފޮޓޯ: ޕްރެސިޑެންސީ މޯލްޑިވްސް


ހާރިޖީ ސިޔާސަތުގެ ދިފާއުގައި ޝާހިދުގެ އައްޑަނައަކަށް ބޮޑު ތަކުރުފާނުގެ ނަމޫނާ

6 އޮކްޓޯބަރު 2021 - 23:08 0

ގިނަ ގައުމުތަކާ ގުޅުން ބާއްވަން ރައީސް ސޯލިހުގެ ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތަކީ މުހައްމަދު ތަކުރުފާނު (ބޮޑު ތަކުރުފާނު) އުފެއްދެވި ގައުމިއްޔަތުގެ އަސާސްތަކާ އެއްގޮތް ސިޔާސަތެއް ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ޖަލްސާގައި ތާރީހުން މިސާލު ނަންގަވަމުން ޝާހިދު ވިދާޅުވީ، އަވައްޓެރި ގައުމުތަކާ ގުޅުން ބާއްވައިގެން އެ ފަރާތްތަކުގެ އެހީ ބޮޑު ތަކުރުފާނު ހޯއްދެވި ކަމަށެވެ.

"ބޭރުގެ ފަރާތްތަކާ ގުޅިގެން އެކަތިގަނޑަކަށް ވެގެން ބާރު އެޅި، އެ މަހާރަދުން އުޅުއްވީ އަވައްޓެރި ގައުމުތަކާ ގުޅިގެން އެކުވެރިވެގެން," ޝާހިދު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކަށް ނުސީދާކޮށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވަމުން ޝާހިދު ވިދާޅުވީ ބައިނަލްއަގުވާމީ މައިދާނުން އެކަހެރިވެގެން އުޅެން ގޮވާލާ ފަރާތްތަކުން އެ ވަކާލާތުކުރަނީ ބޮޑު ތަކުރުފާނުގެ ގައުމިއްޔަތާ ދެކޮޅަށް ކަމަށެވެ.

އަދި ވިދާޅުވީ އެއީ ގިނަ ގައުމުތަކާ ގުޅިގެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަން ބާރުއަޅާ މަލްޓިލެޓެރަލިޒަމްގެ ސިޔާސަތާ ހިލާފު ކަމެއް ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ މިނިވަންކަން ގެއްލުވާލަން މި ސަރުކާރުން މަސައްކަތް ކުރާ ކަމަށް ކުރާ ތުހުމަތުތަކަށް ރައްދުދެއްވަމުން ޝާހިދު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދުވަހަކުވެސް ފިލައިގެން ނުދާނެ ކަމަށެވެ.

"މި ރާއްޖޭގެ މިނިވަންކަން ދަމަހައްޓަން، ޖިހާދުވީ ބޭފުޅުންނާއި މިނިވަންކަން ހޯއްދަވައިދެއްވި ބޭފުޅުންގެ މަތިވެރި ޒިކުރާ އަދާކުރަނިކޮށް. މިނިވަންކަން ދުވަހަކުވެސް ރާއްޖެއިން ފިލައިގެން ނުދާނެ." ޝާހިދު ވިދާޅުވި އެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެއަށް ރަސްމީ ދަތުރެއް ޝާހިދު ކުރައްވަމުންދާއިރު, އެ މަގާމާއެކު ރާއްޖެއަށް ޝާހިދު ހޯއްދެވި ޝަރަފާއި ފަހުރުގެ އަގު ވަޒަންކުރުމުގެ ގޮތުން ދައުލަތުގެ އެންމެ މަތީ އިއްޒަތް ކަމަށްވާ ނިޝާން އިއްޒުއްދީން އިއްޒަތުގެ ލަގަބު މިރޭ ވަނީ އަރުވާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު, އެ އިއްޒަތް ޝާހިދަށް އަރުވަން ނިންމެވީ އދ. އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެން ގައުމަށް ހޯއްދަވައިދެއްވި ފަހުރާއި ޝަރަފަށްޓަކަ އެވެ.

ނިޝާނުގެ އިއްޒަތަކީ އެމީހެއްގެ ގައުމީ ހިދުމަތް ފާހަގަކުރުމުގެ ގޮތުން ނުވަތަ ބައިނަލްއަގްވާމީ ހިދުމަތް ވަޒަންކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ އިއްޒަތެކެވެ. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ) ނިސްބަތްކުރެވެނީ އައްސުލްޠާނުލް ޣާޒީ ހަސަން އިއްޒުއްދީން، ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަށެވެ.

އެ ސުލްތާންއަކީ މިނިސްޓަރު ޝާހިދުގެ ހަވަަނަ ކާފާފުޅެވެ.

ޝާހިދަށް ލަގަބު އެރުއްވުމަށްފަހު, ރައީސް ސޯލިހު ވަނީ އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު މިހާރު ބަލަހައްޓަވަމުން ގެންދަވާ ޝާހިދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ ޝާހިދު ދިވެހި ގައުމަށް، ހާއްސަކޮށް ރާއްޖޭގެ ހާރިޖީ ދާއިރާއަށް ކޮށްދެއްވި ހިދުމަތްތަކާއި، ރާއްޖެއާއި އެހެން ގައުމުތަކާއެކު ގުޅުން ބަދަހިކުރައްވައި، ބޭރު ދުނިޔޭގައި ރާއްޖޭގެ ގަދަރާއި ހައިބަތު އުފުއްލެވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ރާއްޖެ އާއި ބައިނަލްއަގްވާމީ މުޖްތަމައާ ދެމެދު ވަރަށް ބަދަހި ގުޅުމެއް ދެމެހެއްޓުމަށް ކަމަށާއި ސަރުކާރުގެ މި ސިޔާސަތު ތަންފީޒު ކުރެއްވުމުގައި، ޝާހިދު ކޮށްދެއްވި އަދި މިހާރުވެސް ކޮށްދެއްވާ މަސައްކަތަކީ ތައުރީފް ހައްގު މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.