Advertisement

ކައުންސިލްތަކަށް އެސްޖީން އައްޔަން ކުރަން ލަފަޔަށް އެދެން ފަށައިފި

4 އޮކްޓޯބަރު 2021 - 13:27 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ކައުންސިލްތަކުގެ އެސްޖީންގެ މަގާމަށް ކުރިމަތިލާފައިވާ މީހުންނަށް އިމްތިހާނު ދެނީ: އެސްޖީން އައްޔަން ކުރެވޭނެ ތާރީހެއް އަދި ނޭނގޭ. -- ފޮޓޯ: ސީއެސްސީ


ކައުންސިލްތަކަށް އެސްޖީން އައްޔަން ކުރަން ލަފަޔަށް އެދެން ފަށައިފި

4 އޮކްޓޯބަރު 2021 - 13:27 0

ލޯކަލް ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިން އައްޔަން ކުރުމަށް ކައުންސިލްތަކުގެ ލަފަޔަށް އެދެން ފަށާފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.

ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއަކީ އެ ކައުންސިލެއްގެ އެންމެ އިސް އިދާރީ މުވައްޒަފެވެ. ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން އެ މަގާމަށް މީހުން އައްޔަނުކުރަނީ އެ ކައުންސިލެއްގެ ލަފާގެ މަތިން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިންނެވެ.

ސީއެސްސީން ފުރަތަމަ ނިންމީ މިދިޔަ އޮގަސްޓް މަހު ކައުންސިލްތަކަށް އެސްޖީން އައްޔަން ކުރުމަށެވެ. އޭގެ ފަހުން މިދިޔަ މަހު އައްޔަން ކުރަން ފަސްކުރި އެވެ. އެސްޖީންނާ އިންޓަވިއޫކޮށް ނިމިފައިވީ ނަމަވެސް އެކި ސަބަބުތަކާ ހުރެ މިހާތަނަށް އެއްވެސް ކައުންސިލަކަށް އެސްޖީން އައްޔަން ކޮށްފައެއް ނުވެ އެވެ.

ސީއެސްސީގެ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ސައީދު، "އަދަދު" އަށް ވިދާޅުވީ އެ ކައުންސިލްއެއްގެ އެސްޖީންނަށް ކުރިމަތިލި މީހުންގެ ތެރެއިން އެންމެ މަތިން މާކްސް ހޯދި މީހާއާ މެދު ކައުންސިލުން ދެކޭގޮތެއް ބެލުމަށް ލަފަޔަށް އެދެން ފަށާފައިވާ ކަމަށެވެ.

އެސްޖީން އައްޔަން ކުރާނީ އެ ލަފާއަށް ބަލާފައި ކަމަށާއި އެސްޖީން އައްޔަން ކުރެވޭނެ ވަކި ދުވަހެއް ދަންނަވަން އަދި ނޭންގޭ ކަމަށް ސައީދު ވިދާޅުވި އެވެ.

ހުރިހާ ކައުންސިލަކަށް ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ފުރުސަތު ހުޅުވާލުމުން 511 މީހަކު ވަނީ ކުރިމަތިލައިފަ އެވެ. އެއީ ރަށު ކައުންސިލްތަކަށް ކުރިމަތިލި 371 މީހަކާއި އަތޮޅު ކައުންސިލްތަކަށް ކުރިމަތިލި 86 މީހެއްގެ އިތުރުން ސިޓީ ކައުންސިލްތަކަށް ކުރިމަތިލި 54 މީހެކެވެ.

ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މުސާރައިގެ ގޮތުގައި މަހަކު 18،170 ރުފިޔާ ލިބެ އެވެ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަކީ 21،000 ރުފިޔާ އެވެ. ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މަހަކު 35،500 ރުފިޔާ ލިބޭނެ އެވެ.

ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރަނީ ފަސް އަހަރުގެ މުއްދަތަށެވެ.