Advertisement

ފެންފުށީ އެނބުރޭ ރުއް ދުށިންތަ؟

5 އޮކްޓޯބަރު 2021 - 11:09 2

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

ފެންފުއްޓަށް ކުރި ދަތުރުގައި ރީމާ ނަގާފައިވާ ރުކުގެ ފޮޓޯއެއް. މިއީ ނުކުޅަދުންތެރިކަމެއް ކަމަށް ތަޖުރިބާކާރުން ބުނޭ -- ފޮޓޯ: އިންސްޓަގްރާމް


ފެންފުށީ އެނބުރޭ ރުއް ދުށިންތަ؟

5 އޮކްޓޯބަރު 2021 - 11:09 2

ފެންނަ ފެނުމަށް މިއީ އެޑިޓުކޮށްފައި ހުރި ފޮޓޯއެކޭ ހީވެދާނެ އެވެ. ނަމަވެސް މިއީ އދ. ފެންފުށީގައި އަދިވެސް ހެދެމުން، ބޮޑުވަމުން އަންނަ ރުކެކެވެ. ބައި ގަރުނު ވެފައިވާ މި ރުކަށް ވަނަމަކަށް "ކުރި އެނބުރޭ ރުކޭ" ވެސް ކިޔައި އުޅެ އެވެ.

މި ރުއް ލޮލުގައި އަޅައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގައި ރީމާ މުހައްމަދު (ރީމް) ފެންފުއްޓަށް ގޮސް މި ރުއް ފެނިގެން އިންސްޓަގްރާމުގައި ހިއްސާކޮށްފައިވާ ފޮޓޯއަކުންނެވެ. ރީމާއާ އޭނާގެ އެކުވެރިޔާ މި ރުކައް ދިން ނަމަކީ "ގުޑުގުޑާ" ރުކެވެ.

ފެންފުށީ ކައުންސިލަރު މުހައްމަދު މޫސާ ވިދާޅުވި ގޮތުގައި މިއީ ފެންފުއްޓަށް މަޝްހޫރު ރުކެކެވެ. ރުށް ބަލާލުމަށް ވެސް މީހުން ޒިޔާރަތްކުރާއިރު އޭނާގެ 70 އަހަރުވީ ބައްޕަ ބުނާ ގޮތުން ޅަ އުމުރުއްސުރެ މި ރުއް މަޝްހޫރީ ހަމަ ކުރި އެނބުރޭ ރުކުގެ ގޮތުގަ އެވެ. އަދި ރުއް ހުންނަ ސަރަހައްދަށް ވެސް ކުރި އެނބުރޭ ސަރަހައްދުގެ ނަން ކިޔާ އުޅެ އެވެ.

މި ފަހަކަށް އައިސް ބައެއް ޒުވާނުން މި ރުކައް "ހަރު ފަރޫ" ކިޔާއުޅޭއިރު، މިހާރު ފެންނަންހުރި ފަދައިން ރުކުގައި ބަނޑިބަނޑި ލާންފެށީ މީގެ 25 ހަކަށް އަހަރު ކުރިންކަމަށް ލަފާކުރެވޭ ކަމަށް މުހައްމަދު މޫސާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުޑަައިރު ވަލަށް ގޮސް އުޅުނުއިރުހެން ހަނދާންވަނީ.. މި ރުށް އެނބުރެން ފަށާފައި ހުރީ .. މިހާރު ބޮޑަށް ހީވަނީ އެނބުރުން ހުއްޓިފައި ހެން މިހުރީ،" ކައުންސިލަރު މުހައްމަދު މޫސާ ވިދާޅުވި އެވެ.

ރުކުގެ ދިގު މިނުގައި 70 ވަރަކަށް ފޫޓު ހުންނާނެ ކަމަށް ބެލެވޭއިރު، އެނބުރުން ފެށިފައިފަނީ 30 ވަރަކަށް ފޫޓާއި ހިސާބުންނެވެ. މި ރުކާއި ބެހޭ މާބޮޑު ތާރީހީ މައުލޫމާތުތަކެއް އެއްކުރެވިފައެއް ނުވެ އެވެ.

ފެންފުށީ އެނބުރޭ ރުއް-- ފޮޓޯ: މުހައްމަދު މޫސާ /ކައުންސިލަރު


އެންވަރަމަންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ވިދާޅުވި ގޮތުގައި ރުކަކީ ވަރަށް ފަަސޭހައިން އެކި ބަލިތައް ޖެހޭ އަދި ނުކުޅެދުންތެރިކަން ހުރުމުގެ ފުރުސަތު ބޮޑު ގަހެކެވެ. އަދި ބެލެވޭ ގޮތުގައި މި ރުކައް ވެސް ދިމާވެފައިވަނީ އެފަދަ ގޮތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މާ ބޮޑު މައްސަލައެއް ނޫން މިއީ. ހަމަ ޑިސްއެބިލިޓީއެއް މި ރުކަށް ދިމާވެފައި މިހުރީ. ދެން ކައިރީގައި ހުރި އެހެން ރުއްތަކަށް ކޮންމެހެން މިހެން ވާކަށް ވެސް ނުޖެހޭ،" ޒާހިރު ވިދާޅުވި އެވެ.

މިފަދައިން ހުރި އެހެން އެއްވެސް ރުކެއް އަދި މިހާތަނަށްް ފެނިފައި ނުވާ ކަމަށް ޒާހިރު ވެސް ވިދާޅުވި އެވެ. އެހެންނަމަވެސް މިފަދަ ނުކުޅެދުންތެރިކަން ހުންނަ އެހެން ބައެއް ރުއްތައް ރާއްޖޭގައި އެކި ސަރަހައްދުތަކުގައި ހުރިއިރު ރުކުގެ ކޮންމެ ފަނެއްގެ ބުޑުން ރުކެއް ފަޅާފައި ހުރި ރުކެއްގެ ވާހަކަ ވެސް އޭނާ ވިދާޅުވި އެވެ.

ކޮންމެއަކަސް، މި ތަފާތު ރުއް ބަލާލަން ފެންފުއްޓަށް ނުދާންވީ އެއްވެސް ސަބަބެއް ނެތްތާ އެވެ.