ފުރަތަމަ މެޗުން ނޭޕާލް އަތުން ރާއްޖެ ބަލިވެއްޖެ

ފުރަތަމަ މެޗުން ނޭޕާލް އަތުން ރާއްޖެ ބަލިވެއްޖެ

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ ރާއްޖޭން ކުޅުނު ފުރަތަަމަ މެޗުން 1-0 އިން ނޭޕާލް އަތުން ބަލިވެއްޖެ އެވެ.

މިއީ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް ނޭޕާލާ ދެކޮޅަށް ކުޅުނު އަށް މެޗުގެ ތެރެއިން ރާއްޖެ ބަލިވި ފުަރަތަމަ ފަހަރެވެ. މީގެ ކުރިން މި ދެ ޓީމު ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން ވަނީ ރާއްޖެ މޮޅުވެފަ އެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެންމެ ފަހުން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންކަން ރާއްޖޭން ހޯދިއިރު، ސެމީ ފައިނަލުގައި ނޭޕާލް އަތުން 3-0 އިން ރާއްޖެ މޮޅުވި އެވެ.

ނޭޕާލުން މީގެ ކުރިން މުބާރާތް ކާމިޔާބު ކޮށްފައިނުވާއިރު، މިއީ މި ފަހަރުގެ މުބާރާތް ކާމިޔާބު ކުރުމުގެ އަމާޒުގައި އެ ޓީމުން ނުކުމެ ހޯދި ވަރަށް ބޮޑު މޮޅެކެވެ. މި ފަހަރުގެ މުބާރާތް ފަސް ޓީމުގެ މެދުގައި ކުޅޭނީ ފުރަތަމަ ލީގު ބުރެކެވެ. ފައިނަލަށްދާނީ އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމެކެވެ.

ފުރަތަމަ މެޗުން ބަލިވުމުން ރާއްޖެ އަށް ކޮންމެ ވެސް ވަރެއްގެ ޕްރެޝަރެެއް މިހާރު އޮތީ ކުރިމަތިވެފަ އެވެ. އަމިއްލަ ބާރުގައި ފައިނަލަށް ދާ ނަމަ ދެން ކުޅޭ މެޗުތަކުން މޮޅުވާން ޖެހޭނެ އެވެ.

ނޭޕާލާ ދެކޮޅަށް ރާއްޖޭން ނުކުތް ފުރަތަމަ އެގާރަ އަކީ ގޯލްކީޕަރު މުހައްމަދު ފައިސަލް، ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ)، ސަމޫހު އަލީ (ސަމުއްޓެ)، ހުސެއިން ސިފާއު (ކުރޯ)، ހައިޝަމް ހަސަން (ބިޑި)، އަސްހަދު އަލީ (އަޑޭ)، އިބްރާހިމް އައިސަމް، އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މިއީ ފަސް އަހަރު ތެރޭ ދަގަނޑޭ އާއި އަޑޭ ސާފް ޗެމްޕިއަންޝިޕް މުބާރާތެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ.

މެޗު ފަށައިގެން މާ ގިނައިރެއް ނުވެ ދަގަނޑޭ އަރިމަތިން ލިބުނު ބޯޅައެއް ބާރަށް ފޮނުވާލުމުން ނޭޕާލުގެ ކީޕަރު ކިރަން ޝެމްޝޮން އަތުން ޕަންޗް ކޮށްލުމުން އަލުން އެ ބޯޅަ ހޯދުމަށް ފަހު ހަމްޕު ޖެހި ބޯޅަ ބޭރުވީ ނޭޕާލްގެ ޑިފެންޑަރުން ގައިގައި ޖެހިފަ އެވެ.

ރާއްޖޭން ގޯލާ ސީދާކޮށް ފުރަތަމަ ހަމަލާ ފޮނުވާލީ މެޗުގެ 17 ވަނަ މިނިޓްގަ އެވެ. ސެންޓޭ ޖެހި ޝޮޓް އަމާޒުވީ ކީޕަރު ކިރަން އަތަށެވެ. އޭގެ ހަތަރު މިނިޓް ފަހުން ނޭޕާލްގެ ފޯވާޑް ނަވަޔުގް ޝްރެސްތާ ބޮލުން ޖެހި ބޯޅައެއް ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ރާއްޖޭން ކުރި އެންމެ ރަނގަޅު އެޓޭކްގެ ބޭނުމެއް ނުހިފުނެވެ. މެޗުގެ 23 ވަނަ މިނިޓްގައި ނެޕާލް ކުޅުންތެރިއަކު ކައިރިން ބޯޅަ ހޯދައި ސެންޓޭ އެ ޖައްސާލީ ދަގަނޑޭ އަށެވެ. އޭނާ ބޯޅަ ދޭން މަސައްކަތްކުރީ ހުސްކޮށް ހުރި ފޭދޫ އިއްބެ އަށެވެ. އެ ބޯޅަ ފޭދޫ އިއްބެ އަށް ކޮންޓްރޯލްކުރެވޭ ވަރަށް ދިންނަމަ ގޯލަށް ނުރައްކާ ކުރަން ފުރުސަތު ލިބޭނެ އެވެ. އެކަމަކު، ދަގަނޑޭ އަށް ޖައްސާލެވުނީ ބާރަށް ކަމަށްވާތީ ފޭދޫ އިއްބެ އަށް ބޯޅަ ނުލިބި ފުރުސަތު ގެއްލުނީ އެވެ. އޭގެ ތިން މިނިޓް ފަހުން ކުރޯ ނެތި ހުރަހަކުން ސެންޓޭ ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެެ.

ރާއްޖޭގެ މެދުތެރެއިން އަޑުބަރޭ އާއި އައިސަމް އަވަހަށް ކުރިއަށް ކުޅޭ ބޯޅަތައް ފުރަތަމަ ހާފުގެ ފަހު ކޮޅު އިތުރުވި އެވެ. އޭގެ ދެ ފުރުސަތެއްގައި ދަގަނޑޭ ޖެހި ހަމަލާތައް ގޯލަކަށް ހަދައިނުލެވުނެވެ. އެ ބޯޅަ ކީޕަރު ކިރަން އަތަށް އަމާޒުވިއިރު، އަނެއް ހަމަލާ ދިޔައީ ބޭރުންނެވެ.

ނޭޕާލުން ދެ ވަނަ ހާފް ފަށައިގެން ރާއްޖެ ހާފް ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެން ފެށި އެވެ. އެ ވަގުތުތަކުގައި ނޭޕާލުން އެޓޭކެއް ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް ރާއްޖޭގެ ޑިފެންޑަރުން ދިޔައީ ހުއްޓުވަމުންނެވެ.

މެޗުގެ 61 ވަނަ މިނިޓްގައި ރާއްޖޭން ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމަކުން ސެންޓޭ ނެގި ބޯޅަ ސަމުއްޓޭ ބޮލުން ފޮނުވާލުމުން ކީޕަރު ކިރަން ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ.

ރާއްޖޭން ވަނީ މެޗުގެ ފަހު 20 މިނިޓަށް އައިސަމްގެ ބަދަލުގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ފޭދޫ އިއްބެގެ ބަދަލުގައި ނާއިޒު ހަސަން (ދާދު) ކުޅެން އަރުވައިފަ އެވެ. މެޗުގެ 75 ވަނަ މިނިޓްގައި އޭރިއާތެރެއިން ސެންޓޭ ޖެހި ބޯޅަ ކީޕަރު ކިރަން އަތުގައި ޖެހިފައި ނުކުތްއިރު، ރީބައުންސުން ދަގަނޑޭ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ މިނިޓެއް ފަހުން އޭރިއާބޭރުން ދާދު ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މެޗުގެ 84 ވަނަ މިނިޓްގައި ރާއްޖޭން ކުރިއަށް އަރައިގެން ކުޅެމުން ދަނިކޮށް ކައުންޓަ އެޓޭކެއްގައި ނޭޕާލުން ވަނީ ގޯލު ޖަހައިފަ އެވެ. ހާފުގެ މެދެެއްހާ ހިސާބުން ނޭޕާލްގެ މަނީޝް ދަންގީ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ވަނީ ގޯލުގެ ދުރުކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މަނީޝް އޭރިއާތެރެއަށް ދިޔަ ނުދިނުމަށް ރާއްޖޭގެ ކުޅުންތެރިން ފައުލުކުރަން މަސައްކަތް ކުރި ނަމަވެސް އޭނާ ވަނީ ދުވެފައި ގޮސް އޭރިއާތެރެއަށް ވަދެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ތެރޭގައި ދަަގަނޑޭ ޖެހި ބޯޅައެއް ބްލޮކްވިއިރު، ނޭޕާލްގެ ކުޅުންތެރިއަކު އަތުގައި އޭރިއާތެރެއިން ބޯޅަ ޖެހުނު ކަމަށް ބަލައި ރާއްޖޭން ޕެނަލްޓީ އަކަށް އެޕީލްކުރި އެވެ.

މުބާރާތުގައި މިއަދު ހަވީރު ބަންގްލަދޭޝް ވަނީ ސްރީ ލަންކާ އަތުން 1-0 އިން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox