Advertisement

ކެނެރީ އައިލެންޑްސް: އަލިފާނުގެ ކޯރެއް އުފެދި ކަނޑުގެ ބޮޑު ސަރަހައްދަކަށް ފެތުރިއްޖެ

1 އޮކްޓޯބަރު 2021 - 06:47 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަލިފާން ފަރުބަދަ ގޮވުމުން ދިޔާ އަލިފާން ނުވަތަ ލާވާ ކޯރެއް ގޮތަށް ފެތުރިފައި. -- ސެޓެލައިޓް ފޮޓޯ: މަކްސާ ޓެކްނޮލޮޖީޒް/ އޭއެފްޕީ


ކެނެރީ އައިލެންޑްސް: އަލިފާނުގެ ކޯރެއް އުފެދި ކަނޑުގެ ބޮޑު ސަރަހައްދަކަށް ފެތުރިއްޖެ

1 އޮކްޓޯބަރު 2021 - 06:47 0

އައިލާ ޑި ލަ ޕާމާ، ސްޕެއިން (ސެޕްޓެމްބަރު 30) - ކެނެރީ އައިލެންޑްސްގެ ލަ ޕާމާ ރަށުގެ އަލިފާން ފަރުބަދައެއް ގޮވައި 36 ގަޑިއިރުގެ ތެރޭގައި ކަނޑުގެ 25 އޭކަރު ސަރަހައްދަށް ދިޔާ އަލިފާން ނުވަތަ ލާވާ ފެތުރިއްޖެ އެވެ.

ސެޕްޓެމްބަރު 19 ވަނަ ދުވަހު އަލިފާން ފަރުބަދަ ގޮވަން ފެށުމާއެކު އެތައް ހާސް ބަޔަކު ވަނީ ގެތައް ދޫކޮށް އެހެން ތަންތަނަށް ބަދަލުވެފަ އެވެ. ފެތުރެމުންދާ އަލިފާންގަނޑުގެ ދަށުވެ އެތައް ސަތޭކަ ގެތަކާއި، ވިޔަފާރިތަކާއި ދަނޑުބިންތައް ވެސް ވަނީ އަނދާ އަޅިއަށް ވެފަ އެވެ.

ފަރުބަދަ ގޮވުމުން އުފެދުނު އަލިފާނުގެ ކޯރު ދަތުރު ކުރީ ކަނޑާ ދިމާލަށެވެ. އަންގާރަ ދުވަހު އަލިފާންގަނޑު އެޓްލާންޓިކް އޯޝަން ކަނޑާ ހަމައަށް ފޯރި އެވެ. އަލިފާނުގެ ކޯރު ދައުރުވުން އަދިވެސް ނުހުއްޓޭ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

"ލަފާކުރެވޭ ގޮތުގައި މިހާރު ވެސް ކަނޑުގެ 25 އޭކަރުގެ ސަރަހައްދަކަށް ވަނީ ފެތުރިފައި،" ކެނެރީ އައިލެންޑްސްގެ އަލިފާން ފަރުބަދަތަކާ ގުޅޭ އިންސްޓިޓިއުޓް، އިންވޮލްކެންގެ އޮފިޝަލް ޑޭވިޑް ކަލްވޯ ވިދާޅުވި އެވެ. ޑްރޯންތައް ބޭނުންކޮށްގެން އެ ސަރަހައްދު އިތުރަށް ބެލުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ދިޔާ އަލިފާނުގެ ކޯރު ކަނޑާ ހަމައަށް ފޯރުމުން އެސިޑު ދުންތަކެއް އުފެދި ވައިގެ ތެރެއަށް ވަނީ ފެތުރިފަ އެވެ. ތަޖުރިބާކާރުން ބުނެފައި ވަނީ އެ ދުމުގެ އަސަރު ކުރުމުން ލޮލާއި، ހަމާއި، ނޭވާލުމުގެ ނިޒާމަށް މައްސަލަ ދިމާވެ، ނޭވާލާން އުނދަގޫވެދާނެ ކަމަށެވެ.

އަލިފާން ފަރުބަދަ ގޮވަނީ. -- ފޮޓޯ: އޭއެފްޕީ


ސްޕެއިންގެ އެއިމެޓް މޫސުމީ އިދާރާ އިން ބުނީ ގަދަ ވައި ޖެހުމުން ދާތީ ދުންތައް ވަރަށް އަވަހަށް ދުރަށް ފެތުރި، އެ ސަރަހައްދުގައި އުޅޭ އާއްމުންނަށް ގެއްލުން ވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"ބުރާސްފަތު ދުވަހާއި ހުކުރު ދުވަހު، އިރުއުތުރުން ގަދަ ވައި އައިސް، ދުންތައް ކަނޑުގެ މަތިން ދުރަށް ދާނެ،" އެ އިދާރާގެ ރުބެން ޑެލް ކާމްޕޯ ވިދާޅުވި އެވެ.

"އެހެންވީމަ މީހުން އުޅޭ ހިސާބުތަކުގައި ވައިގެ ކޮލިޓީ އަށް އަސަރެއް ނުކުރާނެ. އެކަމަކު ފަރުބަދައާ އެންމެ ކައިރި ހިސާބުތަކުގައި މި މައްސަލަ ކުރިމަތިވެދާނެ."

ނަމަވެސް ކައިރީގައި ހުންނަ ޓަޒަކޯޓޭ އަވަށުގެ 300 ރައްޔިތުން ގެތަކުން ނުނިކުންނަން ވަނީ އަންގާފަ އެވެ. ކަމާ ބެހޭ އިދާރާތަކުން ބުނީ އާއްމުންނަށް ނުރައްކަލެއް ނެތްކަން ކަށަވަރު ކުރެވެންދެން ފިޔަވަޅުތައް ދަމަހައްޓަން ޖެހޭނެ ކަމަށެވެ.

ލަ ޕާމާ އަކީ "ގުދުރަތީ ކާރިސާގެ ޒޯނެއްގެ" ގޮތުގައި މިހާރު ވަނީ ކަނޑައަޅާފަ އެވެ. ފަރުބަދައިން ފޭބި ދިޔާ އަލިފާން ވަނީ އެ ރަށުގެ ބިމުގެ 1،176 އޭކަރަށް ފެތުރިފަ އެވެ.

މިހާތަނަށް 855 އިމާރާތަށް ގެއްލުންވެފައި ވާއިރު، އޭގެ ތެރެއިން 200 އިމާރާތް ހަލާކުވީ ފާއިތުވި 24 ގަޑިއިރު ތެރޭގަ އެވެ. ލަ ކުމްބްރެ ވިއެޖާ ފަރުބަދަ ގޮވުމުން 6،000 އަށް ވުރެ ގިނަ މީހުން ގެތަކުން ދާން ޖެހިފައި ވެ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއްވެ ނުވަތަ މަރުވެފައެއް ނުވެ އެވެ.