Advertisement

ސުޕަ ލީގުގެ ޓީމުތަކުގެ މައްސަލަ ޔުއެފާ އިން ދޫކޮށްލައިފި

28 ސެޕްޓެންބަރު 2021 - 11:56 1

ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން (ކ) އާއި ރެއާލްގެ ރައީސް އަދި ސުޕަ ލީގުގެ ޗެއާމަން ޕެރޭޒް.-- ފޮޓޯ: އޭއެފްޕީ


ސުޕަ ލީގުގެ ޓީމުތަކުގެ މައްސަލަ ޔުއެފާ އިން ދޫކޮށްލައިފި

28 ސެޕްޓެންބަރު 2021 - 11:56 1

ޒިއުރިކް (ސެޕްޓެމްބަރު 28) - ޔޫރަޕިއަން ސުޕަ ލީގުގައި ދެމި އޮންނަން ނިންމި އިޓަލީގެ ޔުވެންޓަސް އާއި ސްޕެއިނުގެ ރެއާލް މެޑްރިޑާއި ބާސެލޯނާއާ ދެކޮޅަށް ޔުއެފާ އިން ހުށަހަޅައިގެން ކުރިއަށް ގެންދިޔަ މައްސަލަ ދޫކޮށްލަން ޔުއެފާ އިން ނިންމައިފި އެވެ.

މިދިޔަ އޭޕްރީލް މަހު 18 ވަަނަ ދުވަހު 12 ކްލަބާ އެކު ސުޕަ ލީގު އިއުލާނުކުރި ނަމަވެސް އެކި ފިއްތުންތަކާ ހުރެ 72 ގަޑިއިރު ވެސް ނުވަނީސް އޭގެ ތެެރެއިން ނުވަ ޓީމެއް ވަނީ އެ ލީގުން ވަކިވެފަ އެވެ. ފީފާ އާއި ޔުއެފާ އަދި ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ ޕްރެޝަރާ ހެދި ސުޕަ ލީގުން ވަކިވި ކްލަބްތަކަކީ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ، ލިވަޕޫލް، އާސެނަލް، ޓޮޓެންހަމް، ޗެލްސީ، އިޓަލީގެ އޭސީ މިލާނާއި އިންޓަ މިލާން އަދި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އެވެ. ލީގުން ވަކިނުވާން ސާބިތުކަންމަތީ ދެމި އޮތީ ރެއާލާއި ބާސެލޯނާ އަދި ޔުވެންޓަސް އެވެ.

ޔުއެފާ އިން ސުޕަ ލީގުގައި ބައިވެރިވި ޓީމުތަކުގެ މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދަނިކޮށް މިދިޔަ ހަފްތާގައި މެޑްރިޑްގެ ކޯޓުން ސުޕަ ލީގުގެ ކްލަބްތަކާ އެއްކޮޅަށް ވަނީ އިތުރު އަމުރެއް ނެރެފަ އެވެ. އެ އަމުރުގައިވާ ގޮތުން ސުޕަ ލީގު އުފައްދަން އުޅެގެން ޔުއެފާ އަށް އެއްވެސް އަދަބެއް ނުދެވޭނެ ކަމަށް ވަނީ ނިންމައިފަ އެވެ.

ޔުއެފާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުޕަ ލީގާ ދެކޮޅަށް މިހާތަނަށް ކޯޓުގައި ކުރިއަށް ގެންދިޔަ މައްސަލަ އަނބުރާ ގެންދިޔައީ އެއީ ނުހިނގާ ކަމެއްގެ ގޮތުގައި އެއްބަސްވުމަށް ފަހު ކަމަށެވެ. އަދި އެ މައްސަލަ ޔުއެފާ އިން ކުރިއަށް ގެންދިޔަ ކަމުގެ އެއްވެސް ރެކޯޑެއް ބާއްވަން ބޭނުމެއް ނުވާ ކަމަށް ޔުއެފާގެ އޮފިޝަލަކާ ހަވާލާދީ ސްޕެއިނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ސުޕަ ލީގުގެ ކްލަބްތަކުގެ މައްސަލައިގައި ކުރިއަށް ނުދާން ނިންމި ނަމަވެސް ޔުއެފާ އިން އަދިވެސް ސުޕަ ލީގުގެ ވިސްނުމާ ދެކޮޅެވެ. ކުރިއަށް އޮތްތަނުގައި ވެސް ސުޕަ ލީގުގައި ބައިވެރިވާ ޓީމުތަކަށް ޔުއެފާގެ ފަރާތުން ލިބޭ އެއްބާރުލުން ކުޑަވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސުޕަ ލީގާ ދެކޮޅަށް އެންމެ ފުރަަތަމަ ފިޔަވަޅު އެޅީ ޔުއެފާ އިންނެވެ. ޔުއެފާ އިން ދިން އަދަބަކީ ސުޕަ ލީގުން ވަކިވި ހުރިހާ ޓީމެއް އެކުވެގެން 13.4 މިލިއަން ޕައުންޑް (18.8 މިލިއަން ޑޮލަރު)ގެ ޖޫރިމަނާއެއް ދެއްކުމެވެ. އޭގެ އިތުރުން އެއް ސީޒަން ވަންދެން މި ކްލަބްތަކަށް ޔުއެފާ މެދުވެރިކޮށް ލިބޭ ފައިސާގެ ފަސް ޕަސެންޓް ޔުއެފާ އަށް ނެގުމެވެ. އަދި މުސްތަގުބަލުގައި މި ފަދަ ޔުއެފާގެ އުސޫލާ ހިލާފު ޕްރޮޖެކްޓްތަކުގައި ބައިވެރިވެއްޖެނަމަ 100 މިލިއަން ޕައުންޑް (136 މިލިއަން ޑޮލަރު)ގެ ޖޫރިމަނާއެއް އަންނާނެކަން އަންގާފައިވެ އެވެ.

ސުޕަ ލީގުގެ ދިފާއުގައި އެ ލީގުގެ ޗެއާމަން އަދި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ގިނަ އިންޓަވިއުތަކެއް ދެއްވައިފަ އެވެ. ޕެރޭޒް ވިދާޅުވީ ސުޕަ ލީގު ނުހުއްޓުވޭނެ ކަމަށާއި ފުޓްބޯޅައިގެ ކޮންޓްރޯލް ނަގައިގެން ޔުއެފާ އަށް ކްލަބްތަކުން ކުރާ އިންވެސްޓްތަކާ އެއްވަރުގެ ބަދަލެއް އިންސާފުވެރިކަމާ އެކު ހޯދައި ނުދެވޭ ކަމަށެވެ.

ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވެސް ވަނީ ސުޕަ ލީގަކީ މުސްތަގުބަލަށް ބަލާއިރު، ރަނގަޅު ޕްރޮޖެކްޓަކަށް ވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ވިދާޅުވެފަ އެވެ. ޔުވެންޓަސްގެ ރައީސް އަންދްރެއާ އަގްނެލީ ވެސް ވަނީ ސުޕަ ލީގަކީ އަންނަން ޖެހޭ ޕްރޮޖެކްޓެއް ކަމަށް ވިދާޅުވެފަ އެވެ.