Advertisement

ރެއާލަށް ރޮނާލްޑޯ ވިއްކާލީ ރަނގަޅަށް: ފާގަސަން

28 ސެޕްޓެންބަރު 2021 - 09:33 0


ރެއާލަށް ރޮނާލްޑޯ ވިއްކާލީ ރަނގަޅަށް: ފާގަސަން

28 ސެޕްޓެންބަރު 2021 - 09:33 0

މެންޗެސްޓާ (ސެޕްޓެމްބަރު 28) - މެންޗެސްޓާ ޔުނައިޓެޑުން 2009 ވަނަ އަހަރު ކްރިސްޓިއާނޯ ރޮނާލްޑޯ، ރެއާލް މެޑްރިޑަށް ވިއްކާލީ ރަނގަޅަށް ކަމަށް އޭރު ޔުނައިޓެޑްގެ ކޯޗަކަށް ހުރި އަލެކްސް ފާގަސަން ބުނެފި އެވެ.

ޔުނައިޓެޑަށް 2003 ވަނަ އަހަރު ސޮއިކުރި ރޮނާލްޑޯ އެ ޓީމު ދޫކޮށް ރެއާލާ ގުޅުނީ 2009 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 80 މިލިއަން ޕައުންޑަށެވެ. ރެއާލުގައި ރޮނާލްޑޯ ހޭދަކުރި ނުވަ ވަރަކަށް އަހަރުގައި ވަނީ އެ ޓީމަށް 451 ގޯލު ޖަހައިދީފަ އެވެ. އެ ކްލަބާ އެކު ގިނަ ރެެކޯޑްތަކެއް މުގުރާލި ރޮނާލްޑޯ ވަނީ އެ ޓީމުގައި ހުރެ 15 ތަށި އުފުލާލައިފަ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަވާނީ އެ ޓީމާ އެކު އޭނާ ހޯދި ޗެމްޕިއަންސް ލީގުގެ ހަތަރު ތަށްޓާއި ކްލަބް ވޯލްޑް ކަޕްގެ ތިން ތަށްޓެވެ.

މި ސީޒަނުގައި ރޮނާލްޑޯ ވަނީ އަލުން ޔުނައިޓެޑަށް ސޮއިކޮށްފަ އެވެ. އެއީ 2018 އިން މިދިޔަ ސީޒަނުގެ ނިޔަަލަށް އިޓަލީގެ ޔުވެންޓަސް އަށް ކުޅުމަށް ފަހު އެވެ. ޔުނައިޓެޑްގެ އޮފިޝަލް ޕޮޑްކާސްޓް ޝޯއެއްގައި ވާހަކަ ދައްކަމުން ފާގަސަން ބުނީ ރޮނާލްޑޯ ރެެއާލަށް ދޫކޮށްލަން ޖެހުނުއިރު، އޮތީ ހާއްސަ ހާލަތެއް ކަމަށެވެ.

"ރެއާލަށް ކުޅުމަކީ ރޮނާލްޑޯގެ ހުވަފެނެއް. އަހަރެން ބޭނުމެއް ނުވި އެކަން ފުރިހަމަ ވިޔަ ނުދޭން ދެކޮޅު ހަދާ މީހަކަށް ވާން. އަހަރެމެންނާ އެކު ރޮނާލްޑޯ ހޭދަކުރި ހަ އަހަރު ވަރަށް ފުރިހަމަ. މެޑެއިރާ އިން 18 ވަނަ އުފަން ދުވަސް ފާހަގަކުރިތާ މާ ގިނަ ދުވަހެއް ނުވެ އައި ރޮނާލްޑޯ ވަނީ ޔުނައިޓެޑްގައި ހުރިހާ ކަމެއް ހާސިލްކޮށްފައި،" ފާގަސަން ބުންޏެވެ.

ފުޓްބޯޅައިގައި ރެއާލުން ބޭނުންވާ ކުޅުންތެރިއަކު ގިނަ ފަހަރު އެ ކްލަބަށް ގެންދެވޭނެ ކަމަށް ފާގަަސަން ވަނީ ބުނެފަ އެވެ. އޭގެ ސަބަބެއްގެ ގޮތުގައި ފާގަސަން ފާހަގަކޮށްފައި ވަނީ ރެއާލްގައި އޮތް މުއްސަނދި ތާރީހެވެ.

"ދުނިޔޭގެ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް ރެއާލަށް ކުޅެފި. ކުރިއަށް އޮތްތަނުގައި ވެސް ކުޅޭނެ. ރެއާލްގެ ތާރީހާއި ސަގާފަތް އޮތީ އެ ގޮތަށް. މި ދައްކަނީ 13 ވަރަކަށް ފަހު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމެއްގެ ވާހަކަ،" މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ޔުނައިޓެޑުން ރެއާލަށް ވިއްކާލި ފާގަސަން ބުންޏެވެ.

ފާގަަސަން ބުނީ ރޮނާލްޑޯ ނެތްތަނަށް ފުރަތަމަ ގެނައީ އެކުއެޑޯގެ އެންޓޯނިއޯ ވެލެންސިއާ ކަމަށާއި އޭނާގެ ފަރާތުން ބައެއް ކަހަލަ ކަންކަން ފުރިހަމަވި ކަމަށެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރޮނާލްޑޯ އެންމެ ފުރަތަމަ ގުޅޭނެ ކަމަށް ބެލެވުނީ ޔުނައިޓެޑްގެ ވާދަވެރި މެންޗެސްޓާ ސިޓީ އަށެވެ. އެކަމަކު، ފާގަސަން އާއި ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިންގެ އެހީއާ އެކު ރޮނާލްޑޯ އަލުން ޔުނައިޓެޑަށް ސޮއިކުރީ އެވެ. އެނބުރި އައިސް ރޮނާލްޑޯ ވަނީ ޔުނައިޓެޑްގައި މިހާތަނަށް ވެސް ތަފާތު ދައްކައިފަ އެވެ. އޭނާ ވަނީ މިހާތަނަށް ކުޅުނު މެޗުތަކުގައި ޔުނައިޓެޑަށް ހަތަރު ގޯލު ޖަހައިފަ އެވެ.