Advertisement

ބްލޫޓޫތު ފައިވާނުގެ އެހީގައި އިމްތިހާނުގައި މަކަރު ހަދަން އުޅެފި

28 ސެޕްޓެންބަރު 2021 - 05:32 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑިއާގެ އިމްތިހާން މަރުކަޒަކަށް މީހަކު ވަންނަނީ. -- ފޮޓޯ: އޭއެފްޕީ


ބްލޫޓޫތު ފައިވާނުގެ އެހީގައި އިމްތިހާނުގައި މަކަރު ހަދަން އުޅެފި

28 ސެޕްޓެންބަރު 2021 - 05:32 1

ނިއު ދިއްލީ، އިންޑިއާ (ސެޕްޓެމްބަރު 27) - ފައިވާނުގައި ފޮރުވާފައިވާ ބްލޫޓޫތު ޑިވައިސެއްގެ އެހީގައި އިމްތިހާނުގައި މަކަރު ހަދަން އުޅުނު 10 މީހަކު ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ އިމްތިހާނުތަކުގައި މަކަރު ހެދުމަކީ އާއްމު ކަމެކެވެ. އާދީއްތަ ދުވަހު ރާޖަސްތާން ސްޓޭޓުގައި 1.6 މިލިއަން ދަރިވަރުން ބައިވެރިވި ސަރުކާރު އިމްތިހާނާ ދިމާކޮށް މޮބައިލް އިންޓަނެޓު ކަނޑާލަން ފުލުހުންނަށް އޮތީ ހުއްދަ ދީފަ އެވެ.

އިންޓަނެޓް ނުލިބޭތީ ދަރިވަރުންތަކެއް މަސައްކަތް ކުރީ ބްލޫޓޫތުގެ އެހީގައި މަކަރު ހެދުމަށެވެ. ފައިވާނުގައި ފޮރުވާފައިވާ އެ ޑިވައިސްތަކުން ފޯނު ކޯލު ނެގުމަށް ފަހު، އަޑު އަހަން ބޭނުން ކުރާނީ ކަންފަތުގައި ފޮރުވާފައި ހުރި ކުދި ރިސީވަރުތަކެވެ.

ހުޅަނގު ބިކަނެރް ސިޓީގެ ފުލުހުންގެ އޮފިޝަލް ޕްރިތީ ޗަންދްރަ ވިދާޅުވީ އިމްތިހާނު މަރުކަޒުގެ ބޭރުގައި ތިބި މީހުން ގުޅައިގެން ރަނގަޅު ޖަވާބު ކިޔައިދޭ ގޮތަށް ރޭވި ކަމަށެވެ.

ޓީޗަރުކަމުގެ ވަޒީފާއަށް ހޮވޭ މީހުން ކަނޑައަޅަން ބޭއްވި އިމްތިހާން ހޯލް ބޭރުގައި އެއް ދުވަސް ކުރިން އެ މީހުން ޝައްކު ކުރެވޭ ގޮތްތަކަށް އުޅެފައި ވެ އެވެ. އެހެންވެ، އެ މީހުން ހައްޔަރު ކުރިއިރު، ފައިވާނުގައި ފޮރުވާފައި ހުރި ޑިވައިސްތައް ވަނީ ފެނިފަ އެވެ.

"މަކަރު ހަދަން މަސައްކަތް ކުރާނެކަން ކުރިން ވެސް އެނގުނު. އެކަމަކު އަޅުގަނޑުމެން ހީކުރީ މަކަރު ހަދާނީ ޕޭޕަރު ލީކުކޮށްގެން ނޫނީ އިންޓަނެޓް ބޭނުންކޮށްގެން ކަމަށް،" ޗަންދްރަ ވިދާޅުވި އެވެ.

"މިއީ މުޅިން އާ އުކުޅެއް. މަކަރު ހަދާ ދަރިވަރުން މިހާރު ދަނީ އެކި ޓެކްނޮލޮޖީ ބޭނުން ކުރަމުން."

ތަހުގީގުން އެނގުނު ގޮތުގައި ބްލޫޓޫތް ޑިވައިސް ފޮރުވާފައިވާ ފައިވާން 25 ކުއްޖަކު ގަނެފައި ވެ އެވެ. ގޭންގަކުން އެ ފައިވާންތައް ވިއްކަނީ 8،100 ޑޮލަރަށެވެ.

އެކަން ފަޅާއެރުމާއެކު އެހެން ޑިސްޓްރިކްޓުތަކުގައި ވެސް އިމްތިހާން މަރުކަޒަށް ދަރިވަރުން ވަންނަން ޖެހުނީ ފައިވާން ބޭލުމަށް ފަހު އެވެ.

"އެއް ކޭސްގައި ދަރިވަރަކު ފަޅާއެރީ އިމްތިހާން ނިންމި ފަހުން. އޭނާގެ ކަންފަތުގައި ފޮރުވާފައި ހުރި ބްލޫޓުތް ޑިވައިސް ނެގުމަށް ގެންދަން ޖެހުނީ ޑޮކްޓަރެއް ކައިރިއަށް،" ޗަންދްރަ ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރާއި ޔުނިވާސިޓީތަކާއި ސްކޫލުތަކުގެ އިމްތިހާނުގެ ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން މަކަރު ހެދުމަކީ އާއްމު ކަމެކެވެ.