Advertisement

ޖެހިޖެހިގެން ދެ ވަނަ މޮޅާ އެކު ޔުވެންޓަސް އަށް ހިތްހަަމަޖެހުން

27 ސެޕްޓެންބަރު 2021 - 05:07 0


ޖެހިޖެހިގެން ދެ ވަނަ މޮޅާ އެކު ޔުވެންޓަސް އަށް ހިތްހަަމަޖެހުން

27 ސެޕްޓެންބަރު 2021 - 05:07 0

ޓިއުރިން (ސެޕްޓެމްބަރު 27) - އިޓާލިއަން ލީގުގައި ޔުވެންޓަސް އިން ރޭ ސަމްޑޯރިއާ އަތުން 3-2 އިން މޮޅުވެ، ލީގުގައި ޖެެހިޖެހިގެން ދެ ވަނަ މޮޅު ހޯދައިފި އެވެ.

ލީގުގައި ރޭ ނަޕޯލީން ވަނީ 2-0 އިން ކަލިއަރީ ބަލިކޮށް އަލުން ލީގުގެ އެއް ވަނަ އަށް އަރައިފަ އެވެ. ނަޕޯލީ އެއް ވަނައިގައި އޮތީ ހަ މެޗުން 18 ޕޮއިންޓް ހޯދައިގެން ފުރިހަމަ ރެކޯޑަކާ އެކު އެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނަށް ވަނީ ހަ މެޗުން 16 ޕޮއިންޓް ލިބިފަ އެވެ.

ފުރަތަމަ ހަތަރު މެޗުން މޮޅެއް ނުލިބި ނިންމާލަން ޖެހުނު ޔުވެންޓަސް އިން ދެން ކުޅުނު ދެ މެޗުން މި ވަނީ މޮޅުވެފަ އެވެ. މި ނަތީޖާއާ އެކު ޔުވެންޓަސް ވަނީ ލީގުގެ ނުވަ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ހަ މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ.

ޔުވެންޓަސް ދަނޑުގައި ކުޅުނު މެޗުގެ 10 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ފަހަކަށް އައިސް މޮޅު ފޯމެއްގައި ހުރި އާޖެންޓީނާގެ ވިންގް ޕައޮލޯ ޑިބާލާ އެވެ. މެޗުގެ 22 ވަނަ މިނިޓްގައި ޑިބާލާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވަނީ ބަދަލުކޮށްފަ އެވެ. އަނިޔާގެ ސަބަބުން ޑިބާލާ އަށް ކުޅުމާ ދުރުގައި މުއްދަތެއް ވަންދެން ހުންނަން ޖެހޭނެ އެވެ.

ލީޑުފުޅާކުރަން ޔުވެންޓަސް އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 43 ވަނަ މިނިޓްގަ އެވެ. ލެއޮނާޑޯ ބޮނޫޗީ މި ގޯލު ޖެހި ޕެނަލްޓީ އަކުންނެވެ. އޭގެ މިނިޓެއް ފަހުން ސަމްޑޯރިއާ އަށް އުއްމީދެއް ހޯދައިދިނީ ޖަޕާންގެ ޑިފެންޑަރު މާޔާ ޔޮޝީޑާ ބޮލުން ޖެހި ގޯލުންނެވެ.

ޔުވެންޓަސް އަށް އަލުން ދެ ގޯލުގެ ލީޑެއް ނަަގައިދިނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ގެނައި އިޓަލީގެ މިޑްފީލްޑަރު މެނުއަލް ލޮކަޓެލީ އެވެ. އޭގެ ފަހުން ސަމްޑޯރިއާގެ ދެ ވަނަ ގޯލު ޖެހީ އެންޓޯނިއޯ ކަންޑްރޭވާ އެވެ.

ކަލިއަރީ ކޮޅަށް ނަޕޯލީގެ ފުރަަތަމަ ގޯލު ޖެހީ ނައިޖީރިއާގެ ފޯވާޑް ވިކްޓަ އޮސިމްހެއިން އެވެ، އެ ޓީމުގެ ދެ ވަނަ ގޯލު ޖެހީ ޓީމުގެ ކެޕްޓަން އިޓަލީގެ މިޑްފީލްޑަރު ލޮރެންޒޯ އިންސީނިއޭ އެވެ.