Advertisement

އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނު 4 މީހުން މަރުވެއްޖެ

26 ސެޕްޓެންބަރު 2021 - 15:22 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލުގެ ޓޭންކަރަކުން ހަމަލާދެނީ.


އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނު 4 މީހުން މަރުވެއްޖެ

26 ސެޕްޓެންބަރު 2021 - 15:22 0

ގުދުސް (ސެޕްޓެމްބަރު 26) - ހުޅަނގު އައްސޭރީގައި ހިންގާ ހަމާސްގެ ސެލްއެއް ރޫޅާލުމަށް އިޒްރޭލުން ފެށި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ހަތަރު މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.

ގާޒާގައި ވެރިކަން ކުރާ ހަމާސް އަކީ ޓެރަރިސްޓު ގްރޫޕެއްގެ ގޮތުގައި ދެކޭ އިޒްރޭލުން ހުޅަނގު އައްސޭރީގައި ހިންގި އޮޕަރޭޝަނުގައި ތަފާތު އެކި ސަރަހައްދުތަކުގައި ބަޑި ޖަހާފައި ވެ އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުން ދިން ހަމަލާތަކުގައި ހަތަރު މީހަކު މަރުވި ކަމަށެވެ. އެކަކު މަރުވީ ޖެނިން ސިޓީ ކައިރި އޮންނަ ބުރްގިން އަވަށުގަ އެވެ. އަނެއް ތިން މީހުން މަރުވީ ގުދުސް ކައިރީ އޮންނަ ބޭދޫގަ އެވެ.

އިޒްރޭލު ސިފައިންގެ ތަރުޖަމާނު އެމްނޮން ޝެފްލާ އޭއެފްޕީ އަށް ވިދާޅުވީ މަރުވި ހަތަރު މީހުންނަކީ ވެސް ޓެރަރިސްޓުން ހުއްޓުވަން ހިންގި އޮޕަރޭޝަނެއްގައި މަރުވި ހަމާސްގެ ހަނގުރާމަވެރިން ކަމަށެވެ.

ހަމާސް އިން ވެސް ބުނެފައި ވަނީ އެ ގްރޫޕުގެ ހަނގުރާމަވެރިންނާއި އިޒްރޭލް ސިފައިންނާ ދެމެދު ގުދުސް އަދި ޖެނިން ކައިރީގައި ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށެވެ.

މިދިޔަ މޭ މަހު އިޒްރޭލާއި ހަމާސްއާ ދެމެދު 11 ދުވަސް ވަންދެން ހަމަލާ ބަދަލު ކުރުމުގެ ސަބަބުން ގާޒާ ވަރަށް ބޮޑަށް ސުންނާފަތިވެ، ގިނަ ބަޔަކު މަރުވި އެވެ.

އޭގެ ފަހުން ވެސް ދޭތެރެ ދޭތެރެއިން އިޒްރޭލް ސިފައިންނާއި ފަލަސްތީން ރައްޔިތުންނާ ދެމެދު ކުރިމަތިލުންތައް ދަނީ ހިނގަމުންނެވެ.