Advertisement

ގިނަ ގޮނޑި ލިބުނީ ބަރުލަމާނީއަށް ތާއިދުކުރާ ކެންޑިޑޭޓުންނަށް: ނަޝީދު

26 ސެޕްޓެންބަރު 2021 - 12:56 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ކުރީގެ ރައީސް ނަޝީދު: ވިދާޅުވީ ބަރުލަމާނީއަށް ތާއީދު ކުރައްވާ ގިނަ ކެންޑިޑޭޓުންނަށް ކާމިޔާބު ލިބުމަކީ ގައުމަށް ލިބުނު ކުރިއެރުމެއް ކަމަށް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ގިނަ ގޮނޑި ލިބުނީ ބަރުލަމާނީއަށް ތާއިދުކުރާ ކެންޑިޑޭޓުންނަށް: ނަޝީދު

26 ސެޕްޓެންބަރު 2021 - 12:56 1

ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިއްޔެ ބޭއްވި އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގެ ގިނަ ގޮނޑި ކާމިޔާބު ކުރެއްވީ ބަރުލަމާނީއަށް ތާއީދު ކުރެއްވި ކެންޑިޑޭޓުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް ނަޝީދާ ދެމެދު މައްސަލަ ޖެހި، ޕާޓީގެ ކޮންޓްރޯލް ހޯއްދެވުމަށް ދެ ބޭފުޅުން ވެސް މަސައްކަތް ކުރައްވަމުން ވަޑައިގެންނެވި ދަނޑިވަޅެއްގަ އެވެ.

އިއްޔެ އިންތިހާބު ކާމިޔާބު ކުރީ ރައީސް ސޯލިހަށް ތާއީދު ކުރި ކެންޑިޑޭޓުން ކަމަށް ބައެއް ދުވަހު ނޫސްތަކުން ކަނޑައަޅާފައި އޮއްވާ ކުރީގެ ރައީސް ނަޝީދު ޓުވިޓާ މެދުވެރިކޮށް ވިދާޅުވީ "ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ގިނަ ކެންޑިޑޭޓުން އެމްޑީޕީގެ ގައުމީ މަޖިލީހަށް އިންތިހާބުވިކަމީ ރާއްޖެއަށް ލިބުނު ކުރިއެރުމެއް" ކަމަށެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ 97 ގޮނޑިއަށް 730 ކެންޑިޑޭޓަކު ވާދަ ކުރި އެވެ. އަދި އެ އިންތިހާބުގައި މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމްލަ 284 ވޯޓު ފޮށި ބެހެއްޓި އެވެ. ވޯޓުލުމުގެ ހައްގު 90،000 މީހަކަށް އެ އިންތިހާބުގައި ލިބުނު ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

އިންތިހާބުގެ ކުރިން ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު ތާއީދު ކުރައްވާނީ، ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ކެންޑިޑޭޓުންނަށް ކަމަށެވެ. ނަޝީދު ބޭނުންވެވަޑައިގަންނަވަނީ މި ހިނގާ ރިޔާސީ ދައުރު ނިމުމުގެ ކުރިން ބަރުލަމާނީ ނިޒާމަކަށް ގައުމުގެ ހިންގުން ބަދަލު ކުރުމަށް ކަމަށް އޭގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހުއަށް ތާއީދު ކުރައްވާ ކެންޑިޑޭޓުން ކެމްޕެއިނުގައި ކުރިއަށް ނެރުނު ވައުދަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރުމެވެ. ދާއިރާތަކުގެ އިންތިހާބުގައި ރައީސް ސޯލިހުގެ ކެބިނެޓުގެ ބައެއް މެމްބަރުންނާއި ސަރުކާރު ކުންފުނިތަކުގެ ބައެއް އިސްވެރިން ވާދަ ކުރެއްވި އެވެ.

އިއްޔެ އިންތިހާބުގައި މާލޭ ދާއިރާގެ ގޮނޑީގައި ފެށުނީއްސުރެ އިންނެވި އަކްރަމް ކަމާލުއްދީން ބަލި ކުރައްވައި އެ ގޮނޑި ނެންގެވީ ކުރީގެ މާލޭގެ މޭޔަރު ސިފާ މުހައްމަދެވެ. އެ ދެ ކެންޑިޑޭޓުންގެ ތެރެއިން ސިފާއަކީ ނަޝީދު ތާއިދު ކުރެއްވި ކެންޑިޑޭޓެވެ.

ރައީސް ސޯލިހުގެ މިނިސްޓަރުންގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިންތިހާބު ކާމިޔާބު ކުރެއްވި އެވެ. އަދި ކުންފުނިތަކުގެ ވެރިންގެ ތެރެއިން ހަތަރު ބޭފުޅަކު ދާއިރާތަކުގެ އިންތިހާބު ކާމިޔާބު ކުރި އެވެ.

ދާއިރާތަކުގެ ރައީސުންނަކީ އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގައި ހިމެނޭ ބައެކެވެ. ރައީސުލްޖުމްހޫރިއްޔާ، ކެބިނެޓް މެމްބަރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ގޮތަށް ގައުމީ މަޖިލިސް ނުވަތަ ކޮންގްރެސްގައި ޖުމްލަ 142 މެމްބަރުން މިހާރު ތިބެ އެވެ.