Advertisement

ޓްރެއިނިން ކޭމްޕާ މެދު ހިތްހަމަޖެހޭ، މުބާރާތުގައި ބޭނުންހިފޭނެ: އަކޫ

26 ސެޕްޓެންބަރު 2021 - 11:36 0


ޓްރެއިނިން ކޭމްޕާ މެދު ހިތްހަމަޖެހޭ، މުބާރާތުގައި ބޭނުންހިފޭނެ: އަކޫ

26 ސެޕްޓެންބަރު 2021 - 11:36 0

އަންނަ ހުކުރު ދުވަހު މާލޭގައި ފަށާ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގަތަރުގައި ކުރިއަށްދިޔަ ޓްރެއިނިން ކޭމްޕާ މެދު ހިތްހަމަޖެހޭ ކަމަށާއި އޭގެ ބޭނުން މުބާރާތުގައި ހިފޭނެ ކަމަށް ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ބުނެފި އެވެ.

މިދިޔަ މަހު 25 ވަނަ ދުވަހު ގައުމީ ޓީމުން މާލޭގައި ޓްރެއިނިންތައް ފެށީ 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް އިއުލާނުކުރުމަށް ފަހު އެވެ. އެ ސްކޮޑު 30 އަށް ކުޑަކޮށްގެން މި މަހު 10 ވަނަ ދުވަހު ގަތަރަށް އަންނަން ނިންމިއިރު، ކޭމްޕްގައި ބައިވެރިވީ 29 ކުޅުންތެރިންނެވެ. އެއީ ފަހު ވަގުތު ގޯލްކީޕަރު ހުސެއިން ޝަރީފް (ހުސެން) އަށް އަނިޔާވެގެން ގަތަރަށް އާދެވޭގޮތް ނުވުމުންނެވެ.

ގަތަރު ޓްރެއިނިން ކޭމްޕްގައި ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ އަންގާރަ ދުވަހުގެރޭ ވަނީ ގަތަރު ދެ ވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ ލުސައިލް އެފްސީ އަތުން 4-3 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި ރޭ ގަތަރުގެ އާމީ ނެޝަނަލް ޓީމާ ކުޅެ 1-1 އިން ވީ އެއްވަރެވެ. އާމީ ޓީމުގައި ގަތަރުގެ އެކި ޑިވިޝަނުތަކުގައި ކުޅޭ ކުޅުންތެރިން ހިމެނެ އެވެ.

"އަޅުގަނޑު ދެކޭގޮތުގައި މި ޓްރެއިނިން ކޭމްޕަކީ ވަރަށް ކާމިޔާބު ޓްރެއިނިން ކޭމްޕެއް،" އާމީ ކްލަބާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ދިން އިންޓަވިއުގައި އަކޫ ބުންޏެވެ.

މާލޭގައި ބޭއްވި ގައުމީ ޓީމުގެ ޓްރެއިނިންއެއްގެ ތެރެއިން އަކޫ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


އަކޫ ބުނީ ޓްރެއިނިން ކޭމްޕްގެ ފަހު ކަމަކަށް އާމީ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭން މެޗު ޑޮމިނޭޓް ކޮށްގެން ރަނގަޅަށް ކުޅުނު ކަމަށާއި މެޗުން މޮޅުވާން ބޭނުންވާ އިތުރު ގޯލެއް ނުޖެހުނީ ކަމަށެވެ.

"ކަންދިމާކުރި ގޮތުން މެޗު އެއްވަރުވެގެން ނިމުނީ. އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން ވަރަށް މޮޅަށް ކުޅެ ބައިވަރު ޗާންސް (ފުރުސަތު) ހޯދި. ޖުމްލަ ގޮތެއްގައި މި ކޭމްޕް ވަރަށް ކާމިޔާބޭ ބުނާނީ. އިންޝާﷲ މުބާރާތަށް ވަރަށް ރަނގަޅު ކަމަކަށް ވެގެންދާނެ މީގެއިން،" 2018 ވަނަ އަހަރު ރާއްޖެ އަށް ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިދިން ކެޕްޓަން އަކޫ ބުންޏެވެ.

ގަތަރު ޓްރެއިނިން ކޭމްޕަށް ފަހު ގައުމީ ޓީމު އެނބުރި މާލެ ދާނީ މާދަމާ އެވެ.

މީގެ ތިން އަހަރު ކުރިން ބަންގްލަދޭޝްގެ ޑާކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް (ސުޒުކީ ކަޕް)ގެ ތަށި ރާއްޖޭން އުފުލާލީ ފައިނަލުގައި 2-1 އިން އިންޑިއާ ބަލިކޮށްފަ އެވެ. މި ފަހަރުގެ މުބާރާތް ރާއްޖޭން ހޯސްޓްކުރާއިރު، ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން އެދެނީ ތަށި ދިފާއުކުރަން ސަޕޯޓަރުންގެ އެހީތެރިކަމަށެވެ.

ރާއްޖޭން އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2008 ވަނަ އަހަރު ރާއްޖެ އާއި ލަންކާ އިން މުބާރާތް ހޯސްޓްކުރިއިރު އެވެ. ގިނަ ބަޔަކު އެދެނީ އެ ފަހަރުގެ މުބާރާތުގައި ގައުމުން ފެނުނު ވަރުގެ ފޯރިއެއް މި ފަހަރުގެ މުބާރާތުގައި ވެސް ފެނުމަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ ނޭޕާލާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. ތިން ވަނަ މެޗުގައި 10 ވަނަ ދުވަހު ހަވީރު ލަންކާއާ ކުޅުމަށް ފަހު ލީގު ބުުރުގެ ފަހު މެޗުގައި އަންނަ މަހު 13 ވަނަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާ އެވެ.

މި ފަހަރުގެ މުބާރާތް ރޭވިފައި އޮތީ ފަސް ގައުމުގެ މެދުގައި ފުރަތަަމަ ލީގު ބުރެއް ކުޅެފައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ.