Advertisement

އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑާއި ލިވަޕޫލް އެއްވަރު

26 ސެޕްޓެންބަރު 2021 - 04:04 0


އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑާއި ލިވަޕޫލް އެއްވަރު

26 ސެޕްޓެންބަރު 2021 - 04:04 0

ލަންޑަން (ސެޕްޓެމްބަރު 26) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑުން 3-3 އިން ލިވަޕޫލާ އެއްވަރުކޮށްފި އެވެ.

މި ޕޮއިންޓާ އެކު ލިވަޕޫލް އެއް ވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ މިރޭ ޗެލްސީ އަތުން 1-0 އިން މޮޅުވި މެންޗެސްޓާ ސިޓީ އެވެ. ދެ ވަނައިގައި އޮތް ސިޓީ އާއި ތިން ވަނައިގައި އޮތް ޗެލްސީ، ހަތަރެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑް އަދި ފަހެއްގައި އޮތް އެވަޓަން އަށް ވަނީ ހަ މެޗުން 13 ޕޮއިންޓް ލިބިފަ އެވެ.

ބްރެންޓްފޯޑް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ލީޑުނެގީ އެ ޓީމުންނެވެ. ލިވަޕޫލްގެ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ބްރެންޓްފޯޑަށް މި ގޯލު ޖަހައިދިނީ މެޗުގެ 27 ވަނަ މިނިޓްގައި އީތަން ޕިނޮކް އެވެ. އޭގެ ހަތަރު މިނިޓް ފަހުން ޖޯޑަން ހެންޑަސަން ނެގި ހުރަހަކުން ޑިއޯގޯ ޖޮޓާ ބޮލުން ޖެހި ގޯލުން ލިވަޕޫލުން ނަތީޖާ ހަމަހަމަކުރި އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ނުވަ ވަނަ މިނިޓްގެ ތެރޭ ފަބީނިއޯ ނަގައިދިން ބޯޅަ އަކުން މުހައްމަދު ސަލާހު ލިވަޕޫލަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިދިނެވެ. މެޗުގެ 54 ވަނަ މިނިޓްގައި ސަލާހު ޖެހި މި ގޯލު ބަލައިގެންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ. މިއީ ސަލާހު ލިވަޕޫލަށް ލީގުގައި ޖަހައިދިން 100 ވަނަ ގޯލެވެ. ސަލާހަކީ ލީގުގައި އެންމެ މަދުން މެޗު ކުޅެގެން ލިވަޕޫލަށް އެ އަދަދަށް ގޯލު ހަމަކުރި ކުޅުންތެރިޔާ އެވެ.

މެޗުގެ 63 ވަނަ މިނިޓްގައި ބްރެންޓްފޯޑުން އެއްވަރުކުރި ގޯލަކީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ވައިޓަލީ ޔަނެލްޓް ޖެހި ގޯލެކެވެ. އޭގެ ހަތަރު މިނިޓް ފަހުން އޭރިއާ ބޭރުން ޒުވާން މިޑްފީލްޑަރު ކާޓިސް ޖޯންސް ޖެހި ގޯލުން ލިވަޕޫލުން އަނެއްކާ ވެސް ލީޑުނެގި އެވެ.

އެކަމަކު، މެޗު ނިމެން އަށް މިނިޓަށް ވެފައި ހުއްޓައި ބްރެންޓްފޯޑުން އެއްވަރުކުރީ ޔޮއާން ވިއްސާ ޖެހި ގޯލުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވިއްސާ މި ގޯލު ޖެހި ލިވަޕޫލް އޭރިއާތެރެއިން ދޫވި ބޯޅައެއް ހޯދައި ކީޕަރު އެލިސަން ބެކާ ގައި މަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ބްރެންޓްފޯޑުން އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި މި ފަަހަރު ވާދަކުރަނީ 74 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. މިއީ 1992 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގަށް ރިބްރޭންޑްވި ފަހުން ބްރެންޓްފޯޑް ވާދަކުރާ ފުރަތަމަ ފަހަރެވެ. މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ކުޅުނު ހަ މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު ބްރެންޓްފޯޑް އޮތީ ލީގުގެ ނުވަ ވަަނައިގަ އެވެ.