Advertisement

ނަޝީދު ވިދާޅުވަނީ މިއަދަކީ ފަހުރުވެރި ކާމިޔާބެއް ހޯދޭނެ ދުވަހެއް ކަމަށް

25 ސެޕްޓެންބަރު 2021 - 13:46 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ނަޝީދު އެމްޑީޕީގެ ޖަލްސާއެއްގައި: ގައުމިއްޔަތަށް މިއަދު ފަހުރުވެރި ކާމިޔާބެއް ހޯދޭނެ ކަމަށް ވިދާޅުވި


ނަޝީދު ވިދާޅުވަނީ މިއަދަކީ ފަހުރުވެރި ކާމިޔާބެއް ހޯދޭނެ ދުވަހެއް ކަމަށް

25 ސެޕްޓެންބަރު 2021 - 13:46 0

މިއަދަކީ ގައުމިއްޔަތެއް ބިނާ ކުރުމުގައި އަނެއްކާވެސް ފަހުރުވެރި ކާމިޔާބީއެއް ލިބޭނެ ދުވަހެއް ކަމަށް، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ގާނޫނުއަސާސީއަށް އިސްލާހުކޮށް މަލްޓި ޕާޓީ ނިޒާމެއްގެ ތެރެއިން ބޭއްވި އެންމެ ފުރަތަމަ އިންތިހާބު ކާމިޔާބުކުރައްވައި، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ރައީސްކަން ކުރެއްވި ނަޝީދު ވަނީ މިއަދު ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަކީ ކާމިޔާބުތަކެއް ލިބޭނެ އިންތިހާބެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

އިންތިހާބުގެ މެދު ތެރެއިން ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ފެށުނީއްސުރެ، ޑިމޮކްރެސީގެ ހަމަތަކަށް ވަކާލާތުކުރާ އެމްޑީޕީގެ ސިޔާސަތަކީ އެންމެންގެ ބައިވެރިވުމާއެކު ޑިމޮކްރެސީގެ ރިވެތި އުސޫލުން، ޕާޓީގެ ކަންކަން ނިންމުން ކަމަށެވެ.

އެގޮތުން, އެމްޑީޕީގެ އިންތިހާބުތަަކަކީ ޕާޓީގެ އެންމެންނަަށްވެސް ހުޅުވައިލައިގެން، އެންމެންގެ ބައިވެރިވުމާއި އެކު ވޯޓުފޮށިތަކުން ގޮތް ނިންމާ ޕާޓީއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއަދަކީ ގައުމިއްޔަތު ބިނާ ކުރުމުގައި އަނެއްކާ ވެސް ފަހުރުވެރި ކާމިޔާބީއެއް ހޯދޭ ދުވަހެއް، އެންމެންގެ ބައިވެރިވުމާއި ވޯޓު ފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ އެންމެ މުހިއްމު އަމާޒު، ވަރަށް މަރުހަބާ"

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް ރައީސް ނަޝީދު ކުރެއްވި ޓްވީޓެއް


އެމްޑީޕީ ދެ ފެކްޝަންގެ ވާދަވެރިކަން އިންތިހާއަށް

ސިޔާސީ ގޮތުން ގުޅުން ހީނަރުވެފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް ނަޝީދު ވަނީ އެ ބޭފުޅުންގެ ކެންޑިޑޭޓުން އިންތިހާބަށް ނެރުއްވައިފަ އެވެ.

ރައީސް ސޯލިހާއި ނަޝީދާ ދެމެދު ބަހުގެ ހަމަލާތައް ބަދަލު ކުރެވި، ޕާޓީގެ ކޮންޓްރޯލް ހޯއްދަވަން ދެބޭފުޅުން ވެސް މަސައްކަތް ކުރައްވާއިރު، ނަޝީދު އަދި އެމަނިކުފާނު ތާއިދު ކުރައްވާ ކެންޑިޑޭޓުން ކުރިއަށް ނެރޭ އިންތިހާބީ ވައުދަކީ ބަރުލަމާނީ ނިޒާމް ގެންނަން މަސައްކަތް ކުރުމެވެ. ރައީސް ސޯލިހުގެ ތާއިދު ކުރައްވާ ކެންޑިޑޭޓުންގެ ވައުދަކީ ރިޔާސީ ވައުދުތައް ފުއްދަން މަސައްކަތް ކުރުމެވެ.

އެކަމަކު، ވޯޓުލުމުގެ ހައްގު ލިބޭ ވަރަށް ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް ބެލެވޭ މި އިންތިހާބު ކުރިއަށްދާއިރު ރައީސް ސޯލިހާއި ނަޝީދު ތިއްބެވީ ރާއްޖޭން ބޭރުގަ އެވެ. ރައީސް ސޯލިހު ހުންނެވީ އދ. ގައި ތަގުރީރު ކުރެއްވުމަށް ވަޑައިގެންނެވި ގޮތަށް އަދި ވެސް އެމެރިކާގެ ނިއު ޔޯކް ސިޓީގަ އެވެ. ނަޝީދު ހުންނެވީ މޭ 6 ގައި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް އިތުރު ފަރުވާ ހޯއްދެވުމަށް އިނގިރޭސި ވިލާތުގެ ލަންޑަނުގަ އެވެ.

ޖުމްލަ 90،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ މި އިންތިހާބަކީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބެވެ. މި އިންތިހާބުގައި ޖުމްލަ 97 ދާއިރާއަކަށް 730 ކެންޑިޑޭޓުން ވާދަ ކުރެ އެވެ.

އެއީ، 87 ދާއިރާގެ ރައީސުންގެ މަގާމާއި ހަ ޕްރޮވިންސް ރައީސުންގެ މަގާމުގެ އިތުރުން ހަތަރު ސިޓީއެއްގެ ރައީސުންގެ މަގާމެވެ.

ޖުމްލަ 284 ވޯޓު ފޮށި ބަހައްޓާއިރު ރާއްޖޭގެ މީހުން ހުރިހާ ރަށެއްގައި ވޯޓުލުން ކުރިއަށްދާނެ އެވެ. އޭގެ ތެރެއިން 94 ފޮށި ބަހައްޓާފައިވަނީ މާލޭގަ އެވެ. އަދި 190 ފޮށި ބަހައްޓާފައި ވަނީ އެހެން ރަށްތަކުގަ އެވެ. މި އިންތިހާބުގެ ވޯޓުލުން ނިންމާނީ ހަވީރު 5:00 ޖަހާއިރެވެ.