Advertisement

މިސްކިތް ހުޅުވަން ވަލީއަހުދު ވަޑައިގަންނަވާ ވާހަކަ: އޮޅުމެއްތަ؟

25 ސެޕްޓެންބަރު 2021 - 14:24 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މާލޭގައި ބިނާކޮށްފައިވާ ކިންގް ސަލްމާން މިސްކިތް.


މިސްކިތް ހުޅުވަން ވަލީއަހުދު ވަޑައިގަންނަވާ ވާހަކަ: އޮޅުމެއްތަ؟

25 ސެޕްޓެންބަރު 2021 - 14:24 0

ސައޫދީ އަރަބިއްޔާގެ ވަރަށް ބޮޑު އެހީއެއްގައި ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޕްރޮޖެކްޓެއްގެ ދަށުން މާލޭގައި ބިނާކުރި ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ރާއްޖެ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

ދުނިޔޭގެ ސިޔާސީ މައިދާނުގައި އެންމެ ބޮޑަށް އަރަމުން އަންނަ އެއް ލީޑަރު އަދި ސެކިއުރިޓީ އިންތިހާއަށް ވަރުގަދަ މުހައްމަދު މިސްކިތް ހުޅުވަން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ބެލެވުނީ، ސައުދީގައި ހުންނަ ދިވެހި ސަފީރު މުހައްމަދު ޚަލީލްއާ ހަވާލާދީ އެ ގައުމުގެ އަރަބް ނޫހުން އެކަން ރިޕޯޓްކުރުމުންނެވެ.

ދިވެހި ސަރުކާރުން މީގެ ކުރިން ބުނެފައި އޮތީ އަންނަ ރޯދައިގެ ކުރިން ހުޅުވަން ރާވާފައިވާ އެ މިސްކިތުގެ އިފްތިތާހީ ހަރަކާތްތައް އޮންނާނީ ސައުދީގެ ވަފުދެއް ރާއްޖެ އަށް ކުރައްވާ ދަތުރުފުޅެއްގައި ކަމަށެވެ. އެކަމަކު ޚަލީލްއާ ހަވާލާދެއްވައި އެ ނޫހުން އެހެން ރިޕޯޓްކުރުމުން ގަބޫލުކުރެވުނީ އެ ވަފުދުގެ އިސް ބޭފުޅަކަށް ވާނީ މުހައްމަދު ކަމަށެވެ.

އެކަމަކު އެކަން ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއަކުން ކަށަވަރުކޮށްނުދެއްވަ އެވެ. ސަރުކާރަށް އެފަދަ މައުލޫމާތެއް ލިބިފައެއް ވެސް ނުވެ އެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު "އަދަދު" އަށް ވިދާޅުވީ މިސްކިތް ހުޅުވަން މުހައްމަދު ވަޑައިގަންނަވާނެކަމަށް ބަސްދީގަތުމުގައި ސަފީރު ވިދާޅުނުވާ ކަމަށާއި ބެލެވެނީ ސަފީރު ދެއްކެވި ވާހަކަ އެ ނޫހަށް އޮޅުނީހެން ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވެސް ވިދާޅުވީ މިސްކިތް ހުޅުވުމަށް ވަލީއަހުދު ވަޑައިގަންނަވާކަމެއް އެނގިފައިނުވާ ކަމަށާއި އެފަދަ ވާހަކައެއް އޭނާ އަށް ވެސް އަޑުއިވުނީ ނޫސްވެރިއަކު އެ ސުވާލުކުރުމުން ކަމަށެވެ.

"އެކަމާ ގުޅޭގޮތުން އަދި ފޮރިން މިނިސްޓްރީއާ ސުވާލެއް ނުކުރަން. ރަސްމީކޮށް އަންގާފައެއްވެސް ނެތް. އަޅުގަނޑުމެންނަށް އެނގިގެން އެކޮޅަށް ދާނީ. އެކަމަކު އަދި އަންގާފައެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވެސް ވިދާޅުވީ މިހާތަނަށް އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

ރައީސް ޔާމީންގެ ދައުރުގައި 2018 ވަނަ އަހަރު އަޅަން ފެށި ކިންގް ސަލްމާން މިސްކިތަކީ 25 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އޭގެ ތެރެއިން 14 މިލިއަން ޑޮލަރަކީ ސައުދީގެ ހިލޭ އެހީ އެވެ. ބާކީ ހަރަދުކުރީ ދިވެހި ސަރުކާރުންނެވެ.

ޖުމްލަ ހަ ފަންގިފިލާގެ އެ މިސްކިތުގެ ފުރަތަމަ ދެ ފަންގިފިލާ ހާއްސަކޮށްފައިވަނީ ނަމާދުކުރުމަށެވެ. ޖާގައަކީ 4000 އެވެ. ތިން ވަަނަ ފަންގިފިލާގައި ހަތަރު ކްލާސްރޫމާއި ފަސް ސެމިނާ ރޫމް ހުންނާނެ އެވެ. ހަތަރުވަނަ ފަންގިފިލާގައި ލައިބްރަރީއެއް އަދި 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއެއް ހުންނައިރު ފަސްވަނަ ފަންގިފިލާ ހާއްސަކޮށްފައިވަނީ 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކަށެވެ.