Advertisement

މޫސުން ގޯސްވެ އިދިކޮޅުގެ ޖަލްސާ ފަސްކޮށްފި

24 ސެޕްޓެންބަރު 2021 - 19:49 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

އިދިކޮޅުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން: މިރޭ ބާއްވަން އުޅުނު ޖަލްސާ ފަސްކޮށްފި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު


މޫސުން ގޯސްވެ އިދިކޮޅުގެ ޖަލްސާ ފަސްކޮށްފި

24 ސެޕްޓެންބަރު 2021 - 19:49 0

އިދިކޮޅު ކޯލިޝަނުން މިރޭ މާލޭގައި ބޭއްވުމަށް ހަމަޖެއްސި ޖަލްސާ ފަސްކޮށްފި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު "އަދަދު"އަށް ވިދާޅުވީ ޖަލްސާ ފަސް ކުރަން ޖެހުނީ މޫސުން ތަންނުދޭތީ ކަމަށެވެ. އަދި ޖަލްސާ ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާދަމާގެ މޫސުންވެސް ލަފާ ކުރަނީ ގޯސް ވާނެ ކަމަށް. އެހެންވެ ވަކި ދުވަހެއް އަދި ނުނިންމާ،" ހީނާ ވިދާޅުވި އެވެ.

"މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި ބާއްވަން އުޅުނު ޖަލްސާ ފަސް ކޮށްފައި މިވަނީ ކާނިވާ ސަރަހައްދުގައި ޖަލްސާ ބޭއްވުމަށް ހުރިހާ ތައްޔާރީތަކެއް ވެސް ވުމަށް ފަހުގަ އެވެ.

މިއަދު ހަވީރުން ފެށިގެން މޫސުން ގޯސްވެ، މާލެއަށް ވަނީ ވަރަށް ބޯކޮށް ވިއްސާރަ ވެހިފަ އެވެ.

އިދިކޮޅު ކޯލިޝަނުން މިރޭގެ ޖަލްސާއިން ފަށަން އުޅުނު "މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ހަރަކާތަކީ މި ސަރުކާރުން އަވަށްޓެރި އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ގެއްލުންވާ ކަމަށް ބުނެ އެކަމާ ދެކޮޅަށް ފަށާ ހަރަކާތެއް ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފަ އެވެ.

އެއްބަސްވުންތަކާމެދު އޮތް ކަންބޮޑުވުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިންޑިއާއާއެކު އޮންނަ ޒަމާންވީ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި އޮތުމަށްފަހު، މި ސަރުކާރުން އެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ.

އެގޮތުން، އިންޑިއާއިން ދަނީ ތިލަފުއްޓާއި މާލެ ގުޅާލުމުގެ ބުރިޖު މަޝްރޫއުގެ އިތުރުން ގުޅިފަޅަށް ބަނދަރު ބަދަލުކުރުންފަދަ ބިޔަ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން ވެސް އިންޑިއާއިން ރާއްޖެއަށް މެދުނުކެނޑި ގިނަ އެހީތަކެއް ދަނީ ފޯރުކޮށްދެމުންނެވެ.

މި ސަރުކާރު އައި ފަހުން، އިންޑިއާއިން ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި ފޯރުކޮށްދީފައިވާ ފައިސާގެ އަދަދު މިހާރު ވަނީ ދެ ބިލިއަން އެމެރިކާ ޑޮލަރު ހުރަސްކޮށްފަ އެވެ.

ނަމަވެސް، އިންޑިއާގެ އެހީގައި ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ހިންގަނީ ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިން ބޭތިއްބުމުގެ ބޭނުމުގައި ކަމުގެ ތުހުމަތުތައް އިދިކޮޅުން އިސްވެ ދަނީ ކުރަމުންނެވެ. އެގޮތުން، އައްޑޫގައި ޕޮލިސް އެކޭޑެމީއެއް އެޅުން ފަދަ މަޝްރޫއުތަކުގެ އިތުރުން އިންޑިއާގެ ކޮންސިޔުލޭޓެއް އަޅަނީ އެ ބޭނުމުގައި ކަމަށް ބުނެ އެ އަތޮޅުގެ ޕީޕީއެމް މެމްބަރުން ވެސް ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

އަދި އުތުރުތިލަފަޅުގައި ދިވެހި ކޯސްޓްގާޑަށް ޑޮކްޔާޑަކާއި ބަނދަރެއް އިންޑިއާ ސަރުކާރުން އަޅައިދެނީ ހަތިޔާރާއެކު އިންޑިއާ ސިފައިން އެތަނުގައި ތިބެވޭ ގޮތަށް ކަމަށް ވެސް އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ.

އޭގެ އިތުރުން، ހދ. ހަނިމާދޫގެ އެއާޕޯޓު ތަރައްގީކުރާއިރު އެތަނުގައި އިންޑިއާގެ ވައިގެ ސިފައިން ތިބޭނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

ނަމަވެސް، ސަރުކާރާއެކު ސަލާމަތީ ބާރުތަކުން ވެސް ދަނީ ތަކުރާރުކޮށް އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ.

އެގޮތުން، ރާއްޖޭގެ މިނިވަންކަމަށް ނުރައްކާވާފަދަ ގޮތަކަށް ބޭރު ގައުމެއްގެ ސިފައިން ދިވެހި ފަސްގަނޑުގައި ތިބޭނެ ޖާގަ ނުދޭނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.