Advertisement

ރައީސް، ކުވޭތުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

24 ސެޕްޓެންބަރު 2021 - 15:30 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ރައީސް ކުވައިތުގެ ބޮޑުވަޒީރާ ބައްދަލު ކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް


ރައީސް، ކުވޭތުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

24 ސެޕްޓެންބަރު 2021 - 15:30 0

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކުވޭތުގެ ބޮޑުވަޒީރު ޝައިހް ސަބާހް ޚާލިދު އަލް-ޙަމަދް އަލް-ސަބާހް ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ، އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް ރައީސް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގަ އެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު އދ. ގެ މައި އިދާރާގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކުވޭތަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ހާއްސަގޮތެއްގައި ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) މެދުވެރިކޮށް ރާއްޖެއަށް ލިބޭ އެހީތެރިކަން ފާހަގަކުރައްވާފަ އެވެ.

އެގޮތުން ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި އިޖުތިމާއީ ތަރައްގީގެ ދާއިރާއިން ކުވޭތު ފަންޑުގެ އެހީތެރިކަމާއެކު ގިނަ މަޝްރޫއުތަކެއް ހިންގާފައި ވާތީ ރައީސް އެކަމަށް ޝުކުރު އަދާ ކުރެއްވި އެވެ.

ކުވޭތުގެ ބޮޑުވަޒީރު ވަނީ ރާއްޖެއިން އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ކާމިޔާބު ކޮށްފައިވާތީ މަރުޙަބާ ވިދާޅުވެފަ އެވެ. ރާއްޖެއާއި ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ދެމިއޮތުމަށްޓަކައި ވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

އަދި، އދ. ގެ އާންމު މަޖިލީހުގެ ބަހުސްތައް ކުރިއަށްދިޔަގޮތަށް ރިއާޔަތް ކުރާއިރު އ.ދ ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް އަބްދުﷲ ޝާހިދުގެ ރިޔާސަތުގެ ދައުރުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ އާންމު މަޖިލީހުގެ އެޖެންޑާގެ އެންމެ އިސްކަންދޭ މައްސަލައެއްގެ ގޮތުގައި އަބަދުވެސް އޮންނާނެ ކަމެއްކަމުގައި ގަބޫލުކުރައްވާ ކަމުގައިވެސް ކުވޭތުގެ ބޮޑު ވަޒީރު ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއާއި ކުވޭތާ ދެ ގައުމުގެ ދޭތެރޭގައި ފަތުވެރިވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ދެގައުމުގެ ރައްޔިތުންގެ މެދުގަޔާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކޯވިޑް-19 ޕެންޑަމިކްއަށް ފަހު ކުވޭތުގެ ފަތުރުވެރިން ރާއްޖެ އަންނަން ފަށާފައިވާކަން އުފަލާއެކު ފާހަގަކުރައްވާފަ އެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން ފުރިހަމަ ކުރަންޖެހޭ ކަންކަން ވީހާވެސް ލުއިފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ހަމަޖެއްސޭގޮތަށް ހަމަޖައްސަވައި ދެއްވާނެކަމުގެ ޔަގީންކަން ކުވޭތުގެ ބޮޑުވަޒީރަށް ދެއްވަމުން، ރައީސް ވަނީ ކުވޭތުގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު އިތުރުވެގެންދިއުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފަ އެވެ.

ރާއްޖެއިން ކުވޭތާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1977 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ގައެވެ.