23 ސެޕްޓެންބަރު 2021 - 08:41 0
23 ސެޕްޓެންބަރު 2021 - 08:41 0
އަންގާރަ ދުވަހުގެ ރޭ ގަތަރުގެ ދެ ވަނަ ޑިވިޝަންގެ ކްލަބް ލުސައިލް އެފްސީ އަތުން 4-3 އިން ރާއްޖޭގެ ގައުމީ ޓީމު މޮޅުވި މެޗުގައި ދެ ގޯލު ޖަހައި މޮޅު ކުޅުމެއް ދެއްކި އަލީ ހައިޝަމް (ޗުމްޕު) އަށް އެ މެޗު ފުރިހަމަކުރެވޭ ގޮތްނުވީ ދެ ވަނަ ހާފްގައި އަނިޔާވެގެން ބަދަލުކުރަން ޖެހުމުންނެވެ. އެ މެޗަކީ ގައުމީ ޖޯޒީގައި ޗުމްޕުގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ފެނުނު މެޗެވެ.
އުމުރުން 29 އަހަރުގެ ޗުމްޕު އަށް އެންމެ ފުރަތަމަ ގައުމީ ޓީމުން ޖާގަ ލިބުނީ މިދިޔަ ޖޫން މަހު ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުންނެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ފިލިޕީންސާ ކޮޅަށް ރާއްޖޭން ޖެހި ގޯލު އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކުރިއިރު، އެ ފުރުސަތު ތަނަަވަސްކޮށްދިނީ ޗުމްޕު އެވެ. މި ފަހަރު ސާފް ޗެމްޕިއަންޝިޕަށް ނެގި ޕްރިލިމިނަރީ ސްކޮޑު ފުރަތަމަ އިއުލާނުކުރިއިރު، ޗުމްޕު ނުހިމެނުނު ނަމަވެސް ފަހުން އޭނާ ވަނީ އިތުރުކޮށްފަ އެވެ. އެއީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ކޯޗުންނާއި ގައުމީ ޓީމުގެ ކޯޗިން ސްޓާފުން ބައްދަލުކުރުމަށް ފަހު ނިންމި ނިންމުންތަކުގެ ތެރެއިންނެވެ.
އެކުވެރިކަމުގެ މެޗުގައި ފުރަތަމަ ގޯލު ޖެހީ ލުސައިލުންނެވެ. ރާއްޖެ އަށް އެއްވަރުކޮށްދިނީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ލުސައިލާ ދެކޮޅަށް ރާއްޖޭން ލީޑުނެގީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ނަގައިދިން ހުރަހަކުން ޗުމްޕު ވައްދާލި ގޯލުންނެވެ. ރާއްޖޭން ތިން ވަނަ ގޯލު ޖެހި ޕެނަލްޓީ އަކީ އޭރިއާތެރެއިން ޗުމްޕު އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ސެންޓޭ ވަނީ އެ ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. ރާއްޖޭން ހަތަރު ވަނަ ގޯލު ޖެހީ ދަގަނޑޭ ނެގި ކޯނަރަކުން ޗުމްޕު ބޮލުންނެވެ.
އެ ގޯލު ޖެހިތާ މާގިނައިރެއް ނުވެ ދަނޑުގެ އަރިމަތިން ލުސައިސް ކުޅުންތެރިއަކު ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ޗުމްޕު އަށް ފައުލުކުރުމުން އޭނާ އަށް އަނިޔާވެގެން ވަގުތުން ބަދަލުކުރި އެވެ.
ގައުމީ ޓީމުގެ ޑޮކްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ބުނީ، ޗުމްޕު އަށް ދިމާވީ ގްރޮއިން އިންޖަރީއެއް ކަމަށާއި އެ އަނިޔާ އިން ރިކަވާވާން އަވަސްވެގެން ވެސް ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށެވެ. އެހެންވެ، މި ވަގުތު ފޯކަސް ކުރަނީ ރިކަވަރީ އަށް ކަމަށް ރާއްޕެ ބުންޏެވެ.
ޗުމްޕު ހުރީ އަނިޔާއިން ރިކަވާވެ ވީހާވެސް އަވަހަށް ކުޅުމަށް އެނބުރި އައުމުގެ އުއްމީދުގަ އެވެ.
އަންނަ މަހު 1-16 އަށް މާލޭގައި ބާއްވާ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން މިހާރު ގަތަރުގައި ފުރިހަމަކުރަމުން އަންނަ ޓްރެއިނިން ކޭމްޕްގައި އަދި އެއް މެޗު ކުޅޭނެ އެވެ. އެއީ ހޮނިހިރު ދުވަހު ގަތަރުގެ އާމީ ނެޝަނަލް ކްލަބާ ދެކޮޅަށެވެ.
ސާފް ޗެމްޕިއަންޝިޕްގައި މި ފަހަރު ވާދަކުރާ ގައުމުތަކަކީ ރާއްޖެ، އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ސްރީ ލަންކާ އެވެ. މުބާރާތުގައި ވާދަކުރާ ފަސް ގައުމުގެ މެދުގައި ކުޅޭނީ ފުރަތަމަ ލީގު ބުރެކެވެ. އެ ތަނުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާނެ އެވެ.
މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހުގެރޭ ނޭޕާލާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. ތިން ވަނަ މެޗުގައި 10 ވަނަ ދުވަހު ހަވީރު ލަންކާއާ ކުޅުމަށް ފަހު ލީގު ބުުރުގެ ފަހު މެޗުގައި އަންނަ މަހު 13 ވަނަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާ އެވެ.
0.00%
0.00%
0.00%
100.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment