Advertisement

އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ގަތަރުގެ ލުސައިލް އަތުން ރާއްޖެ މޮޅުވެއްޖެ

21 ސެޕްޓެންބަރު 2021 - 23:10 0

މިރޭގެ މެޗްގައި ދިވެހި ގައުމީ ޓީމުގެ ކުޅުންތެރިން -- ފޮޓޯ: އައްޒާމް އަލިފުޅު / އަދަދު


އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ގަތަރުގެ ލުސައިލް އަތުން ރާއްޖެ މޮޅުވެއްޖެ

21 ސެޕްޓެންބަރު 2021 - 23:10 0

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުގައި، ގަތަރުގެ ދެ ވަނަ ޑިވިޝަނުގެ ކްލަބް ލުސައިލް އެފްސީ އަތުން 4-3 އިން ގައުމީ ޓީމު މޮޅުވެއްޖެ އެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ގަތަރުގައި ކުރިއަށް ގެންދާ ޓްރެއިނިން ކޭމްޕްގައި ކުޅުނު ފުރަތަމަ މެޗުގެ 24 ވަނަ މިނިޓުގައި ލީޑު ނެގީ ގަތަރުގެ ދެވަނަ ޑިވިޝަންގައި ކުޅެމުންދާ ލުސައިލް އިންނެވެ. އަދި އޭގެ ދެ މިނިޓު ފަހުން ލުސައިލް އިން ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ނުރައްކާތެރި ހަމަލާއެއް އުފެއްދި އެވެ. އެކަމަކު ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ އެ ހަމަލާ ދިފާއުކޮށްފަ އެވެ.

މެޗުގެ 28 ވަނަ މިނިޓުގައި ރާއްޖެ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށް ދިނީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އޭރިއާތެރެއިން ދަގަނޑޭ ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު އަތުގައި ޖެހިފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާއްޖޭން ލީޑު ނެގީ އަލީ ހައިޝަމް (ޗުމްޕު) ޖެހި ލަނޑުންނެވެ. ޗުމްޕު އަށް ޕެނަލްޓީ އޭރިޔާ ތެރެއިން ލަނޑު ޖެހުމުގެ ފުރުސަތު ތަނަވަސްކޮށްދިނީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. އިއްބެ އަށް އެ ބޯޅަ ދިޔައި މެދުތެރޭގައި ރަނގަޅަށް ކުޅެމުން ދިޔަ އިބްރާހިމް އައިޝަމް އެެވެ.

މެޗުގެ 58 ވަނަ މިނިޓުގައި ޗުމްޕު އަށް ލުސައިލްގެ ކުޅުންތެރިއެއް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ރާއްޖެ އަށް ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އަދި މެޗުގެ 64 ވަނަ މިނިޓުގައި ކޯނަރަކުން ދަގަނޑޭ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ބޮލުން ގޯލަށް އަމާޒުކޮށް، ޗުމްޕު ވަނީ ރާއްޖޭގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ފަހުން ލިބުނު އަނިޔާއަކާ ގުޅިގެން ޗުމްޕު ވަނީ ބަދަލުކޮށްފަ އެވެ.

މެޗުގެ 69 ވަނަ މިނިޓުގައ ލުސައިލް އިން ވަނީ ލަނޑެއް ޖަހައި، 4-2 އަށް ނަތީޖާ ބަދަލުކޮށްފަ އެވެ. އަދި 86 ވަނަ މިނިޓުގައި އެ ޓީމުން އިތުރު ލަނޑެއް ޖަހައި، ފަރަގު ކުޑަކުރިޔަސް، މެޗުގެ ބާކީ އޮތް ވަގުތުކޮޅުގައި ރާއްޖޭން ވަނީ ލީޑު ހިފަހައްޓައިފަ އެވެ. އެ ވަގުތު ކޮޅުގައި ރާއްޖޭގެ ގޯލު ބެލެހެއްޓީ ބަދަލަކަށް ކުޅެން އެރި ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ.

ލުސައިލްއާ ދެކޮޅަށް ނުކުތް ގައުމީ ޓީމުގެ ފުރަތަަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: އަދަދު


ލުސައިލް އެފްސީއާ ދެކޮޅަށް ނުކުތް ރާއްޖޭގެ ފުރަތަމަ 11:

މުހައްމަދު ފައިސަލް (ގޯލްކީޕަރު)، އަކުރަމް އަބްދުލް ގަނީ، ސަމޫހް އަލީ (ސަމުއްޓެ)، ހުސެއިން ސިފާއު (ކުރޯ)، ހައިޝަމް ހަސަން (ބިޑި)، ހުސެއިން ނިހާން (ނިހާޓް)، އިބްރާހިމް އައިސަމް، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އަލީ ފާސިރު (ސެންޓޭ)، އަލީ ހައިޝަމް (ޗުމްޕު)، އަލީ އަޝްފާގް (ދަގަނޑޭ)

ގަތަރުގެ ޓްރެއިނިން ކޭމްޕްގައި ރާއްޖޭގެ ގައުމީ ޓީމުން އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ދެވަނަ މެޗުގައި މި މަހުގެ 25 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ގަތަރުގެ އާމީ ނެޝަނަލް ޓީމާ ދެކޮޅަށެވެ.

ގައުމީ ޓީމުން މި މަހު 10 ވަނަ ދުވަހު ގަތަރު ޓްރެއިނިން ކޭމްޕަށް އައިއިރު، ސްރީލަންކާއާ ދެކޮޅަށް މެޗެއް ކުޅެން ރޭވި އެވެ. އެކަމަކު، އެ މެޗު ކުޅެން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވީ ލަންކާގެ ކޮވިޑް-19 ހާލަތުގެ ސަަބަބުން އެ ޓީމަށް ގަތަރުގެ ވިސާ ހަމަނުޖެހުމުންނެވެ. ގަތަރަށް އާދެވޭ ގޮތް ނުވުމުން ލަންކާ އިން މިހާރު ވަނީ ސައުދީ އަރަބިއްޔާ އަށް ގޮސްފަ އެވެ. އެއީ ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުން ހަމަޖައްސައިދިން ކޭމްޕެކެވެ.

ބަންގްލަދޭޝްގައި 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ރާއްޖޭން ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރީ ހަމަ މި ފަހަރެކޭ އެއްގޮތަށް ގަތަރުގަ އެވެ. އެ ފަަހަރު މަހެއްހާ ދުވަހު ގަތަރުގައި ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރިއިރު، ކުޅެވުނީ އެންމެ މެޗެކެވެ. އެއީ އޭރު ގަތަރުގެ ދެ ވަނަ ޑިވިޝަން ޓީމެއް ކަމަށްވާ އަލް-މަރްޚިޔާ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން ރާއްޖެ 4-3 އިން މޮޅުވި އެވެ. އެ ފަހަރު ޕާކިސްތާނާ ދެކޮޅަށް މެޗު ކުޅެން ރޭވި ނަމަވެސް ފަހު ވަގުތު ކެންސަލްވީ އެވެ.

މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ސްރީލަންކާ އެވެ. އިންޑިއާ އާއި ނޭޕާލުން ވަނީ ސާފަށް ތައްޔާރުވުމުގެ ގޮތުން މި މަހުގެ ކުރީކޮޅުގައި ދެ މެޗެއް ކުޅެފަ އެވެ.