Advertisement

ރެޑް ލިސްޓުން ނެގިޔަސް، ރާއްޖެ އަންނަން ހުރަސްތަކެއް

23 ސެޕްޓެންބަރު 2021 - 13:37 0

އަމަން ހަލީމް

އަމަން ހަލީމް

ހުޅުމާލެ އަތިރިމަތީގައި ޓޫރިސްޓަކު: މިދިޔަ އޮގަސްޓު މަހުން ފެށިގެން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދުތައް އަންނަނީ އިތުރުވަމުން. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ރެޑް ލިސްޓުން ނެގިޔަސް، ރާއްޖެ އަންނަން ހުރަސްތަކެއް

23 ސެޕްޓެންބަރު 2021 - 13:37 0

އިނގިރޭސިވިލާތުން ދަތުރުކުރަން މަނާ ރެޑް ލިސްޓުން ރާއްޖެ އުނިކުރި ނަމަވެސް، އިނގިރޭސި ސަރުކާރުގެ ފޮރިން އޮފީހުގެ "ނޯ-ގޯ" ލިސްޓުގައި އޮތުމުން ރާއްޖެ އަންނަން ދަތިވެދާނެ ކަމަށް އެ ގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން އިނގިރޭސިވިލާތުން ދަތުރުނުކުރެވޭ ރެޑް ލިސްޓުގައި އޮތުމަށް ފަހު އެމްބާ ލިސްޓަށް ރާއްޖެ ބަދަލުކުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. މި ބަދަލާއެކު އަނބުރާ ގައުމަށް ގޮސް ކަރަންޓީނު ނުވެ ރާއްޖެއަށް ދަތުރުކުރަން އިއްޔެއިން ފެށިގެން ވަނީ ހުއްދަ ދީފަ އެވެ.

އެކަމަކު ފޮރިން އޮފީހުގެ ދަތުރުކުރަން މަނާ ލިސްޓުގައި އަދިވެސް އޮތުމުގެ ސަބަބުން، ރާއްޖެއަށް ދެވިދާނެތޯ ދަނީ ސުވާލު އުފައްދަމުންނެވެ.

ފޮރިން އޮފީހުގެ ދަތުރުކުރުން މަނާ ލިސްޓުގައި ހިމެނޭ ގައުމުތަކަށް އޮންނަ ޓްރެވަލް އެޑްވައިޒަރީގައި ބުނަނީ ޒަރޫރީ ބޭނުމެއްގައި މެނުވީ މި ގައުމުތަކަށް ދަތުރު ނުކުރުމަށެވެ.

މިހެން އޮންނާތީ މި ލިސްޓުގައި ހިމެނޭ ގައުމުތަކަށް ދަތުރުކުރާ މީހުންނަށް އިންޝުއަރެންސް ނުލިބެ އެވެ.

ފޮރިން އޮފީސް ވެބްސައިޓު ބުނާ ގޮތުން އެ ލިސްޓުގައި ރާއްޖެ އޮތީ ކޮވިޑުގެ ނުރައްކާ އޮތްކަމަށް ބަލާފަ އެވެ. ރާއްޖޭގެ އިތުރުން، ރެޑް ލިސްޓުން އުނިކުރި މިސްރާއި، ލަންކާ އާއި ބަންގްލަދޭޝް ވެސް އޮތީ ދަތުރުކުރުން މަނާ ލިސްޓުގަ އެވެ. އެކަމަކު ދެން އެމްބާ ލިސްޓަށް އެރި ގައުމުތައް ވަނީ ލިސްޓުން ވެސް ނަގާފަ އެވެ.

މިކަމާ ގުޅިގެން ޓޫރިސްޓުންނަށް އޮޅުން އަރާފައިވާތީ، ކޮންމެވެސް އެއްގޮތަކަށް މި ލިސްޓުތައް އެކުލަވާލުމަށް ޓްރެވަލް އެޖެންސީތަކުން ވަނީ ގޮވާލާފަ އެވެ. އަދި މި ދުވަސްވަރު ޓްރެވަލް އިންޝުއަރެންސާ ނުލާ ދަތުރުކުރުމަކީ ބުއްދިވެރި ކަމަކަށް ނުވާތީ، މި ލިސްޓުތައް އެއްގޮތް ކުރުމަށް ވަނީ ގޮވާލާފަ އެވެ.

އެގޮތުން އިނގިރޭސި ޓްރަވަލް އެޖެންޓު ގްރޫޕެއްގެ ޗީފް އެގްޒެކެޓިވް ލޯ ބޮއިއާ ހަވާލާދީ، ދަ އިންޑިޕެންޑެންޓު ނޫހުގައި ވަނީ، ސަރުކާރުން ގެނައި ބަދަލުތަކުގެ ސަބަބުން ދަތުރުކުރަން ބޭނުންވާ މީހުންނަށް އަރާފައިވާ އޮޅުންތައް ފިލުވަން، ޓްރެވަލް ލިސްޓުގައި ކޮވިޑުގެ ނުރައްކާ ނެތް ކަމަށް ބުނާނަމަ، ފޮރިން އޮފީހުން ވެސް އެގޮތަށް ބަދަލުގެންނަން ގޮވާލާފަ އެވެ.

ފޮރިން އޮފީހުގެ މި ލިސްޓުގައި ރާއްޖެ އޮތް ނަމަވެސް، ރާއްޖެއަށް ދަތުރުތައް ފެށުމަށް ބްރިޓިޝް އެއާވޭސް އާއި ސްރީލަންކަންއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އަންނަ އޮކްޓޫބަރުގެ ތެރޭގައި ސީދާ ދަތުރުތައް ފަށާނެކަމަށް ވަނީ ބުނެފަ އެވެ.

އިނގިރޭސިވިލާތަކީ ރާއްޖޭގެ ޓޫރިޒަމަށް މުހިންމު މާކެޓެކެވެ. އަދި އެ ގައުމުން ދަތުރުތައް ފެށުމުން ޓޫރިޒަމަށް އޭގެ ހެޔޮ އަސަރުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ޓޫރިޒަމް ވިޔަފާރިވެރިން ވަނީ ބުނެފަ އެވެ.