Advertisement

ގާނޫނު ގަބޫލުކުރާ ގޮތުގެ ސަބަބުން އުމުރަށް ޖަލަށް!

10 އޮކްޓޯބަރު 2021 - 08:13 6

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު

މާލެގައި މަސްތުވާތަކެތި ބޭނުން ކުރަމުން ދިޔަ ތަނެއްގެ އެތެރެ. -- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު


ގާނޫނު ގަބޫލުކުރާ ގޮތުގެ ސަބަބުން އުމުރަށް ޖަލަށް!

10 އޮކްޓޯބަރު 2021 - 08:13 6

އުމުރުން 25 އަހަރުގެ އަހުމަދު މުންސިރުގެ މައްޗަށް ސާބިތުވީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށެވެ. އޭނާ މިހާރު އެ ދަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

މެދުމިނަށްވުރެ ހެޔޮމިނެއްގެ ތަނަވަސް، އަދި ހަމަޖެހޭ އާއިލާއަކަށް އުފަންވީތީ، އަހުމަދު މުންސިރުގެ ނަސީބު އޭނާއާމެދު ތާއަބަދު ހިނިތުންވެފައި އޮތްތަން މެނުވީ އޭނާއެއް ނުދެކެ އެވެ. އެ ދިރިއުޅުމުގެ ތެރެއިން ސުކޫލު ދައުރުގެ ދިހަ އަހަރު ނިންމާލީ ރަން ވަނަތައް ހޯދަމުންނެވެ. މަތީ ތައުލީމަށް މާލެއަށް ބަދަލުވުމަކީ އޭނާގެ ހަޔާތުގެ ބަދަލުވި ހާލަތުގެ ފެށުމެވެ.

މުންސިރަށް މަސްތުވާ ތަކެތި ތައާރަފްވެ، އެ ދިރިއުޅުމާ ދޯޅު ވެވުނުތާ އަހަރެއް ވެއްޖެ އެވެ. ގަވާއިދުން މަސްތުވާތަކެތި ބޭނުންކުރަމުން ގެންދިޔަ ނަމަވެސް މުންސިރުގެ ނަޒަރުގައި އޭނާއަކީ ދެއްވެއް ނޫނެވެ. މަސްތުވުމަކީ އޭނާގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމެއް ވެސް ނޫނެވެ. އެއީ އެކުވެރިންނާއެކު ބޭއްވޭ ހާއްސަ ބައެއް ބައްދަލުވުންތަކުގައި ނަގާ މަޖަލެކެވެ. މިފަދަ ބައްދަލުވުންތައް ބޭއްވޭ މިންވަރު ވަރަށް ގިނަ އެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ދާންޖެހުނީވެސް އެފަދަ ހާއްސަ ބައްދަލުވުމެއް ބޭއްވުނު ރެއެއްގަ އެވެ. ތިން އެކުވެރިން އެކުގައި ހައްޔަރުކުރީ އޭގެ ތެރެއިން އެކެއްގެ ކޮޓަރިންނެވެ. ކޮޓަރީގެ ދޮރުވައްޓާލާފައި ވަދެގަތް ފައުޖުގެ ބެލުމުގެ ދަށަށް އެތަނުގައި ތިބި އެންމެން ގެންދެވުނީ އަމަލުވުމަށްޓަކައި އާލާތް ހަމަކޮށް، މަސްތުވުމަށް ފަށައިގަތް ވަގުތު އެވެ. ކޮޓަރިތެރެއިން ފެނުނީ ޖުމުލަ 15 ގުރާމް ޑައިމޯފިން އެވެ. މުންސިރު އެތަނަކަށް މަސްތުވާތަކެއްޗެއް ނުގެންދެ އެވެ. އެކަމަކު އެތަނުގައި މަސްތުވާތަކެތި ހުރިކަން އެއީ އޭނާ ދެނަހުރި ކަމެކެވެ. 3 އަހަރަށް ދިގުދެމިގެން ދިޔަ ދިގު ޝަރީއަތަށްފަހު މުންސިރުއާ އޭނާގެ އެކުވެރިން އުމުރަށް ޖަލަށްލުމަށް ޝަރީއަތުން ހުކުމް ކުރި އެވެ.

މި ހާދިސާ މިހައި ދިގުކޮށް މި ކިޔައިދިނީ މި ލިޔުމުގެ މައުޟޫއަށް ޖާގަ ހެދުމަށެވެ. މިއުޅެނީ އުމުރުން 22 އަހަރުގައި ހައްޔަރުވި، މަސްތުވާ ތަކެއްޗަށް ދެވިހިފާފައި ހުރި ޒުވާނާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްކަމަށް ބަލައި، އޭނާގެ އުމުރުން 25 އަހަރުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަންޖެހުނު ހަގީގީ ސަބަބާމެދު ވާހަކަ ދައްކާށެވެ.

މި ހާދިސާގައި މި ދެންނެވި މުންސިރަކީ މަސްތުވާތަކެތި ވިއްކައި އެތަކެތީގެ ވިޔަފާރިކުރާ މީހެއް ނޫނެވެ. އެކަމަކު މަސްތުވާތަކެތި ބޭނުންކުރާ އެއަށް ދެވިހިފާފައި ހުރި މީހެކެވެ. އެހެން އެކަން އޮތްއިރު އޭނާއަކީ މަސްތުވާތަކެތި ޓްރެފިކް ކުރާ މީހެއްކަމުގައި ކަނޑައެޅުނީ ކީއްވެތޯ އެއީ މި ލިޔުމުގެ މައުޟޫއު އެވެ.

މިހާރު އަމަލުކުރަމުން ގެންދާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަކީ 2011 ވަނަ އަހަރު އަމަލުކުރަން ފެށުނު ގާނޫނެކެވެ. އޭގެ ކުރިން އަމަލުކުރަމުން ގެންދިޔަ ގާނޫނު އުވާލައި، އައު ގާނޫނެއް އެކުލަވާލެވުނުއިރު، އެ ގާނޫނުގެ އެންމެ އަސާސީ ސިފައަކަށް ހެދީ މަސްތުވާތަކެތި ބޭނުންކުރުމަކީ ފަރުވާ ދޭންޖެހޭ ކަމެއްގެ ގޮތުގައި ބަލައިގަތުމެވެ. ގާނޫނުގައި އެކަން އޮތީވެސް އެހެންނެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރުމަކީ ޖިނާއީ ބޮޑު ކުށެއްކަމަށް ކަނޑައަޅާފައި އޮތްއިރު، އެ ކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 144 ވަނަ މާއްދާގެ (ފ) ނިޔާކުރާ ގޮތުން، ޓްރެފިކްކުރާ މީހެއް ކަމަށް ބެލެވޭ މިންވަރު ކަމަށް އެ ގާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް މަސްތުވާތަކެތި އަތުގައި ހުރެއްޖެ ކޮންމެ މީހަކީ މަސްތުވާތަކެތި ޓްރެފިކް ކުރާ މީހެއްކަމަށް ބެލުން އެ ގާނޫނު ލާޒިމުކުރެ އެވެ. އެއީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިސް ނަމަ 14 ގްރާމް، ޑައިމޯފިން ނަމަ 4 ގްރާމެވެ. ޑައިމޯފިންއާއި ކެނެބިސް ފިޔަވައި ޖަދުވަލު 1 ގައި ވާ ތާވަލުގައި ހިމެނޭ މަސްތުވާތަކެތީގެ ބާވަތެއް ނަމަ 1 ގްރާމު ނުވަތަ އެއަށްވުރެ އިތުރު އަދަދެކެވެ.

ގާނޫނު ފާސްވުމާއެކު، ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުން ހެދީ ތާވަލެކެވެ. ތުހުމަތުކުރުމާއި ދައުވާކުރުމުގައި ބަލަނީ ހަމައެކަނި އެ ތާވަލަށެވެ. މައްސަލައިގެ ވަށައިގެންވާ އެހެން ކަންކަމަށް ބެލިފައި ހުންނަނީ ވަރަށް މަދު ފަހަރަކު، 'ހާއްސަ ސަބަބުތަކެއް' ހުރިކަމަށް ފާހަގަކުރެވޭ މައްސަލަތަކުގައި އެކަންޏެވެ.

ގާނޫނު ލިޔެފައި އޮތްގޮތް ވެސް ކަމުނުދަނީ އެވެ. ޓްރެފިކް ކުރުމަކީ ކޮބައިކަން ބުނެދެނީ ގާނޫނުގެ 17 ވަނަ މާއްދާގަ އެވެ. އެ މާއްދާ އޮތްގޮތުން، ޓްރެފިކް ކުރިކަމަށް ވަނީ ޕެޑްލަރަކަށް ނުވާ މީހަކު ގާނޫނުގެ 144 ވަނަ މާއްދާގައި ބުނާ ކަންކަމުގެ ތެރެއިން ކަމެއް ކުރުމަށެވެ. އެ ކަންކަމުގެ ތެރޭގައި، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ބޭރުކުރުމާއި، ދާއިމީ ސިފައެއްގައި މަސްތުވާތަކެތި ފޯރުކޮށްދެމުން ދިއުމާއި، ޓްރެފިކިން މިންގަނޑަށް މަސްތުވާތަކެތި ގެންގުޅުން ހިމެނެ އެވެ. އެ މާއްދާގެ އިބާރާތް އޮތްގޮތުން މިއިން ކަމެއް ކޮށްގެން ޓްރެފިކް ކުރުމަށް ވާނީ ޕެޑްލަރަކަށް ނުވާ މީހަކު މިއިން ކަމެއް ކުރީމާ އެވެ. ދެން ބަލަންވާނީ ޕެޑްލް ކުރުމަކީ ކޮބައިތޯ އެވެ. ގާނޫނުގެ 19 ވަނަ މާއްދާގައި ބުނެފައި އޮންނަ ގޮތުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކު، އޭނާ މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް ދެމެހެއްޓުމަށްޓަކައި، މަސްތުވާތަކެތިން މުއާމަލާތުކުރުމަކީ ޕެޑްލް ކުރުމެވެ. އެހެންވީމާ، ގާނޫނުގެ 17، 19 އަދި 144 ވަނަ މާއްދާގެ ހުލާސާއަކީ، ވަކި މިންގަނޑެއް ހަމަވާ ވަރަށް މަސްތުވާތަކެތި އަތުގައި ބެހެއްޓިކަމަށްޓަކައި އެކަނި، ޓްރެފިކްކުރާ މީހެއް ކަމަށް ބެލެވޭނީ އެމީހަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައި ނުވާ މީހަކު ނަމަ އެވެ. މިއީ ވިސްނާލީމާ ސަބަބުވެރި ވެސް ގޮތެކެވެ. މަސްތުވާތަކެތި ބޭނުންކުރާ، އަދި ބޭނުންކުރުމަށް ދެވިހިފާފައި ހުރި މީހަކު 20 ވަރަކަށް ގުރާމް މަސްތުވާތަކެތި ގެންގުޅުމަކީ އަޖައިބު ކަމެއް ނޫނެވެ. އެއީ އޭނާ މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް ދެމެހެއްޓުމަށްޓަކައި ކުރާ ކަމެކެވެ. އެއީ ފަރުވާ ދީގެން ރަނގަޅުކުރުމަށް ގާނޫނު ބާރުއަޅާ ހާލަތެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ އިސްވެ މި ބުނެވުނު މާއްދާތައް މުޑިއަރަނީ އެ ގާނޫނުގެ 136 ވަނަ މާއްދާއާ 138 ވަނަ މާއްދާއާ އެވެ. އެ މާއްދާތަކުގައި ބުނެފައި އޮންނަ ގޮތުން، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައިވެސް ޓްރެފިކިންގ މިންގަނޑު ހަމަވާ ވަރަށް މަސްތުވާތަކެތި ހުރެއްޖެނަމަ އެއީ ޓްރެފިކްކުރުން ކަމަށް ބެލުމަށް އެ މާއްދާ ލާޒިމުކުރެ އެވެ. މިއީ ގާނޫނު ފެށިގެން އައިއިރު، މަފްހޫމްތަކުގެ ރަދީފުގައި ޓްރެފިކިން މާނަކޮށްދީފައި އޮތްގޮތާ ހިލާފް މާއްދާއެކެވެ. މުޅި ގާނޫނުގެ ރޫހާވެސް ފުށުއަރާ ވާހަކައެކެވެ.

މި ހާލަތުގައި ގާނޫނު ކިޔަންވާނޭކަމަށް ފެންނަނީ ގާނޫނުގެ ރޫހާ މަގުސަދަށް ބަލައިގެންނެވެ. ވަކި މިންވަރަކަށްވުރެ އިތުރަށް މަސްތުވާތަކެތި އަތުގައި ހުންނަ ކޮންމެ ފަހަރަކު އެއީ ޓްރެފިކްކުރުންކަމަށް ބެލުމަކީ ގާނޫނުގެ ރޫހު ނަމަ، އެ ގާނޫނުގެ 17 ވަނަ މާއްދާ 'ދެވިހިފާފައިވާ ނުވާ މީހުން' ނާ ހަމައަށް އެކަނި ގައިދު ނުކުރީހެވެ. ހަގީގަތުގައި 2011 ވަނަ އަހަރު ތައާރަފްކުރެވުނު މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ރޫހަކީ، މި ލިޔުމުގެ ފެށުމުގައި ކިޔައިދިން މުންސިރު ފަދަ މީހުންނަކީ ޓްރެފިކް ކުރާ މީހުން ކަމަށް ނުބެލުމެވެ. އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ އަދި އެތަކެއްޗަށް ދެވިހިފާފައިވާ މީހެކެވެ. ފަރުވާ ލިބެންޖެހޭނޭ މީހެކެވެ. އެހެންނަމަވެސް ގާނޫނު ގަބޫލުކުރާ ގޮތުގެ ސަބަބުން އޭނާ އަށް ވެސް އޮތީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.

ވަކި މިންވަރަކަށް މަސްތުވާތަކެތި އަތުގައި ހުރެއްޖެނަމަ، އެއީ ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓި ބެހެއްޓުމެއް ކަމަށް ބެލުމަކީ ރާއްޖެއަށް ހާއްސަ ކަމެއް ނޫނެވެ. ވަރަށް ގިނަ ގައުމުތަކުގައި އެކަން އޮތީ އެހެންނެވެ. ތަފާތުވަނީ ޓްރެފިކިން ކަމަށް ބަލާ މިންވަރާއި، ކަނޑައެޅިފައިވާ އަދަބެވެ.

މެލޭޝިއާގެ ޑޭންޖަރަސް ޑްރަގްސް އެކްޓްގެ ސެކްޝަން 37 ގެ ދަށުން ހެރޮއިން، މޯފިން، އަދި މޮނޮއެސެޓައިލް މޯފިންގެ ޓްރެފިކިން މިންގަނޑަކީ 15 ގްރާމެވެ. ޕްރޮސެސްޑް އޯޕިއަމް ނަމަ އެއް ކިލޯ އެވެ. ސްޕެއިންގެ ޕީނަލްކޯޑްގެ އާޓިކަލް ތިނެއްގެ ދަށުން ކެނެބިސް ރެސިން ނަމަ 2.5 ކިލޯ، އަދި ކެނެބިސް ހަރބަލް ނަމަ 10 ކިލޯއެވެ. އިންޑިއާގެ ނާކޮޓިކް ޑްރަގްސް އެކްޓްގެ ދަށުން ކޮކެއިން ނަމަ 100 ގްރާމް، ހެރޮއިން ނަމަ 250 ގްރާމް އެވެ. އެމެރިކާގައި ކޮކެއިން ނަމަ 5 ކިލޯ، ހެރޮއިން ނަމަ 1 ކިލޯ އެވެ. މި މިންވަރަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކު، އޭނާ މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް ދެމެހެއްޓުމަށްޓަކައި ގެންގުޅެފާނޭ މިންވަރަށްވުރެ މާ ބޮޑު މިންވަރެކެވެ. އެއީ ޓްރެފިކްކުރުން ކަމަށް ބަލަންޖެހޭ ގޮތަށް ގާނޫނުގައި އޮތީ އެ ސަބަބަށްޓަކައެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމަށް ރާއްޖޭގައި ކަނޑައަޅާފައި އޮންނަ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު ޖޫރިމަނާކުރުމެވެ. އެގޮތަށް ހުކުމް ކުރުމުގައި ކުށްކުރި ހާލަތަށާއި، ގެންގުޅުނު މިންވަރަށް ރިއާޔަތްކުރުމަށް ގާނޫނު ތަނެއް ނުދެ އެވެ. ވަރަށް ގިނަ ގައުމުތަކުގައި މި އުސޫލުވެސް ތަފާތެވެ. ޓްރެފިކިން އަށް އެމެރިކާގައި ކަނޑައެޅިފައި އޮންނަ އަދަބަކީ 10 އަހަރުން ފެށިގެން އުމުރު ދުވަހަށް ޖަލަށްލުމެވެ. އަދަބު ކަނޑައެޅުމުގައި ފަނޑިޔާރު ބަލާނީ، ފެނުނު ތަކެތީގެ އަދަދަށާއި، ހިންގި ހަރަކާތުގެ ތެރޭގައި މީހަކަށް ނުވަތަ ބަޔަކަށް އަނިޔާވެފައިވާނަމަ، ނުވަތަ މަރުވެފައި/މަރާލާފައިވުން ފަދަ، މައްސަލައިގެ ވަށައިގެން ހިމެނޭ އެންމެހައި ކަމަކަށެވެ.

ދިވެހިރާއްޖޭގައި މިހާރު އަމަލު ކުރެވޭ މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން، ޓްރެފިކް ކުރާ މީހެއް ކަމަށް ބަލައި އުމުރަށް ޖަލަށް މި ލަނީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ކުއްޖާ އެވެ. ޓްރެފިކް ކުރާ މީހުންނަކީ، ހެޔޮވަރު ވަރަކަށް މަސްތުވެތިބެ، 10 ވަރަކަށް ގުރާމް ހެރޮއިން ހިފައިގެން ސައިކަލުގަނޑެއްގައި މަގުމަތީގައި ދުއްވާފައި ދާނޭ ބައެއް ނޫނެވެ. އެމީހުން އެ ތިބެނީ މުޅި އޮޕަރޭޝަން ހިންގުވާށެވެ.

ފުލުހުން ހިންގާ ބޮޑު ސިންގާ އޮޕަރޭޝަންތަކުގައި ގިނަފަހަރަށް އެ އަތުލައިގަންނަނީ ހަގީގަތުގައި މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނެއް ނޫނެވެ. އެހެނަސް އެ ވިޔަފާރި ހިންގާ މީހުން 'ޓޫލްސް'ގެ ގޮތުގައި ބޭނުންކުރާ، މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބޭ ކުދިންނެވެ. އެ ވިޔަފާރި އޮޕަރޭޓްކުރާ މީހާ ދޭ 10 ގުރާމް އެއްތަނުން އަނެއްތަނަށް ގެންގޮސްދިނީމާ އެ ކުއްޖާއަށް ލިބޭނީ އެދުވަހު ބޭނުންކޮށްލާނެ އެތިކޮޅެކެވެ. އޭނާ ހިމެނެނީ އެބަޔަކަށް ފަރުވާ ދިނުމަށް މިހާރުގެ މަސްތުވާތަކެތީގެ ގާނޫނު ގަސްތު ކުޅަ މީހުންގެ ތެރޭގަ އެވެ. އެ ގާނޫނުގެ ދަށުން ހިންގަން ގަސްތުކުރި ފަރުވާގެ ނިޒާމު އޮތީ ބޮއްސުންލާފަ އެވެ.

އުމުރުން 25 އަހަރުގެ މުންސިރާމެދު ކޯޓަށް ސާބިތުވި ހަގީގަތަކީ އޭނާއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމެވެ. އޭނާ އުމުރު ދުވަހަށް ޖަލުގައި އޮންނަން ޖެހުނީ އޭނާ މަސްތުވާތަކެތި ޓްރެފިކްކުރީތީއެއް ނޫނެވެ. ޓްރެފިކްކޮށްފިކަމަށް ބެލުން ގާނޫނު ލާޒިމުކުރާތީ އެވެ. މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމުގައި ފޭލިވެފައި އޮތްކަން ގަބޫލުކޮށް މުޅި ނިޒާމަށް ބޮޑު އިސްލާހެއް އަންނަންޖެހެ އެވެ. ފަށަން ޖެހޭނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުންނެވެ. މަސްތުވާތަކެއްޗަށް ދެވިހިފާފައިވާތީ މުންސިރުއަށް ފަރުވާ ބޭނުންވާ ކަމާމެދު ޝައްކެއް ނެތެވެ. އެކަމަކު އެއަށްވުރެވެސް އަވަހަށް ފަރުވާ ބޭނުންވެފައި އޮތީ މި އަމަލުކުރަމުންދާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށާއިި، މުޅި އެ ނިޒާމަށެވެ.