Advertisement

ހިޔާ 25އަށް އުސްކޮށް، ފްލެޓް ގިނަކުރުން މުއިއްޒު ދިފާއުކުރައްވައިފި

23 ސެޕްޓެންބަރު 2021 - 12:00 0

އަމަން ހަލީމް

އަމަން ހަލީމް

ހިޔާ ފްލެޓްތައް: ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އިމާރާތްކޮށްފައިވޭ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ހިޔާ 25އަށް އުސްކޮށް، ފްލެޓް ގިނަކުރުން މުއިއްޒު ދިފާއުކުރައްވައިފި

23 ސެޕްޓެންބަރު 2021 - 12:00 0

ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތައް 25 ބުރިއަށް އަޅަން ނިންމީ ބިން ސަލާމަތްކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވެ، ކުރީގެ ހައުސިން މިނިސްޓަރު ޑރ. އަދި މިހާރުގެ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރީ ސަރުކާރުގެ ނިންމުން ދިފާއު ކުރައްވައިފި އެވެ.

ހިޔާ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އާންމުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފެށި 434 މިލިއަން ޑޮލަރުގެ އަގުބޮޑު މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އިމާރާތްކޮށްފައިވާއިރު، މިއީ މިހާތަނަށް ރާއްޖޭގައި ހިންގުނު އެންމެ ބިޔަ ސޯޝަލް ހައުސިން މަޝްރޫއު އެވެ.

ހިޔާ ފެލްޓުތަކަށް މި ސަރުކާރުން ކަނޑައަޅާފައިވާ 7،500ރ. ގެ މަހު ކުއްޔާ މެދު ހިތްހަމަނުޖެހުން ބޮޑުވެފައިވާއިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފައިވާ ގޮތުގައި، މި ޕްރޮޖެކްޓުގެ އަގު އެހާ ބޮޑުވީ އެންމެ ބޮޑު އަގު ހުށަހެޅި ކޮންޓްރެކްޓަރާ މަޝްރޫއުގެ މަސައްކަތް ހަވާލުކުރުމުންނެވެ.

އަދި އާންމުކޮށް ސޯޝަލް ހައުސިންގެ ތެރެއިން ލިބޭ ފްލެޓްތަކަށް ވުރެ މި ފްލެޓްތަކުގެ މަހު ކުލި ބޮޑީ ވެސް މި ސަބަބާ ހުރެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ބޭނުންވީ ބިމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން

ހިޔާ ފްލެޓުގެ ކުލީގެ މައްސަލައިގައި މަޖިލިހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން އިއްޔެ ބޭއްވި މަޖިލީހުގެ ޕެޓިޝަން ކޮމިޓީ ބައްދަލުވުމުގައި، މުއިއްޒު ވަނީ ހިޔާ ފެލްޓުތައް އިމާރާތްކުރި ޗައިނާގެ ކޮންޓްރެކްޓަރާ މަޝްރޫއު ހަވާލުކުރި ސަބަބު ސާފުކޮށްދެއްވާފަ އެވެ.

އެގޮތުން، މުއިއްޒު އެ ނިންމުން ސިފަކުރެއްވީ އޭރުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ނެގި "ޕޮލިސީ ޑިސިޝަން"އެއްގެ ގޮތުގަ އެވެ. .

އެ ސިޔާސަތުގެ ދަށުން ޔާމީންގެ ސަރުކާރުން ވަނީ ސޯޝަލް ހައުސިންއަށް ކަނޑައަޅާފައި ހުރި ބިންތަކުގައި ވީހާ ވެސް ގިނަ ފްލެޓްތަކެއް އަޅަން ނިންމާފަ އެވެ.

އޭގެ ސަބަބަކީ ބިމަކީ ރާއްޖޭގައި އެންމެ މަދު ވަސީލަތް ކަމަށްވީއިރު، އެ ބިމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ކުރަން އޭރުގެ ސަރުކާރުން ގެންގުޅުނު ސިޔާސަތެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އޭރުގަ އަޅުގަނޑުމެންގެ ޕޮލިސީއަކަށްވީ، ވީހާ ވެސް ބޮޑަކަށް ލޭންޑް، ލޭންޑަކީ އެންމެ ސްކެއާސް ރިސޯސް ރާއްޖޭގަ. އެންމެ ބޮޑަށް އެ ބިން ހެޔޮ ގޮތުގައި ބޭނުންކުރެވޭނެ ގޮތަކަށް ބަލާފައި، އެއާޕޯޓުން ފެށިގެން ހަތަރު ކިލޯމީޓަރު ރޭޑިއަސްއިން ބޭރުގައި ސޯޝަލް ހައުސިންއަށް ކަނޑައަޅާފައި އޮތް ބިމެއްގައި އެންމެ ގިނަ ފްލެޓު އެޅޭނެ ގޮތެއް އެއީ ސަރުކާރުގެ ޕޮލިސީއަކަށްވީ" މުއިއްޒު ވިދާޅުވި އެވެ.

އެންމެ ބޮޑު އަގު ހުށަހެޅި ފަރާތަށް މި މަޝްރޫއު ހަވާލުކުރިކަމަށް ކުރެވޭ ތުހުމަތުތަކަށް ހިތްހަމަނުޖެހުން ފާޅުކުރައްވައި މުއިއްޒު ވަނީ އެއީ އޮޅުވާލުމުގެ މަގުސަދުގައި މި ސަރުކާރުން ދައްކާ ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ބަދަލުގައި "ފެކްޓަށް" ވާހަކަދެއްކުން މާ ރަނގަޅު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސަބަބުތައް ހިއްސާކުރައްވަމުން މުއިއްޒު ވިދާޅުވީ 25 ބުރިއަށް އިމާރާތްކުރުމުގެ ސަބަބުން 375،000 އަކަފޫޓުގެ ބިން ސަލާމަތްކުރެވުނު ކަމަށެވެ. އަދި މި ސަލާމަތްކުރެވުނު ބިންތަކުގައި އިތުރު 14،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕެޓިޝަން ކޮމިޓީ ބައްދަލުވުމުގައި ޑރ. މުއިއްޒު ވާހަކަދައްކަވަނީ: މި ބައްދަލުވުމުގައި ހައުސިން މިނިސްޓްރީ އާއި، ފުލުހުންނާއި، އެޗްޑިސީ އާއި ވެމްކޯ ބައިވެރިވި. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


މުއިއްޒުއަށް އެޗްޑީސީގެ ރައްދު

މިއީ ބިން ސޭވްކުރަން ނިންމި ނިންމުމެއް ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހެއިލު އެކަމާ ސުވާލު އުފައްދަވާފަ އެވެ.

އެގޮތުން، ސުހެއިލް ވިދާޅުވީ އެއީ ހުޅުމާލެ މާސްޓާ ޕްލޭންގެ ދަށުން އޭރު ވެސް ސޯޝަލް ހައުސިންއަށް ކަނޑައެޅިފައި ހުރި ބިންތަކެއް ކަމަށެވެ.

"މާސްޓާ ޕްލޭނުގައި އޮތީ އެ ބުނާ ސޭވްވާ ތަންކޮޅުގައި ހަމަ އަނެއްކާވެސް ފްލެޓް އަޅާފައި. ސޭވްއެއް ނުވޭ ހަގީގަތުގައި. އާބާދީ ބޮޑުވެގެން ދިޔައީ،" ސުހެއިލު ވިދާޅުވި އެވެ.

ސުހެއިލު އިތުރަށް ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން ވަނީ ހުޅުމާލޭ މާސްޓާ ޕްލޭނުގައި އޮތް އެއް ލައްކަ މީހުންގެ އާބާދީ 160،000 އިތުރު ކޮށްފައި ކަމަށެވެ.

އެކަމުގެ ސަބަބުން މާލެއެކޭ އެއް ގޮތަށް ހުޅުމާލޭގައި ވެސް ތޮއްޖެހުން އިތުރުވެ، ހުޅުމާލެ ހިތްގައިމު ސިޓީއަކަށް ވުމުގެ ބަދަލުގައި އުފެދިގެންދާނީ އިތުރު މާލެއެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.