Advertisement

"ރައީސް ވިދާޅުވީއޭ ބުނެ މެމްބަރުން އަރިހަށް ދާނެ މީހަކު ނުހުންނާނެ"

24 އޭޕްރީލް 2024 - 17:49 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު: މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީ އާއި އެ ޕާޓީއާ ގުޅިފައިވާ 76 މެމްބަރުން އެބަތިއްބެވި - ފޮޓޯ: އަދަދު


"ރައީސް ވިދާޅުވީއޭ ބުނެ މެމްބަރުން އަރިހަށް ދާނެ މީހަކު ނުހުންނާނެ"

24 އޭޕްރީލް 2024 - 17:49 1

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ފަރާތުން އިންތިހާބުވި މެންބަރުންނާ މުލިއާގޭގައި އިއްޔެ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑެތި އިރުޝާދުތަކެއް ދެއްވައިފި އެވެ.

ވިހިވަނަ މަޖިލީހުގައި މި ސަރުކާރަށް ވަނީ ސުޕަ މެޖޯރިޓީ ހޯދާފަ އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީގެ 66 ކެންޑިޑޭޓުން ގޮނޑި ކާމިޔާބުކުރި އެވެ. އަދި ރައީސްގެ ތާއީދާއެކު އިންތިހާބުވި ހަ މެންބަރަކު އެ ޕާޓީއާ ވަނީ ގުޅިފަ އެވެ.

އޭގެ އިތުރުން ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން އެ ޕާޓީގެ ޓިކެޓުގައި ވެލިދޫ ދާއިރާއަށް އިންތިހާބުވި މުހައްމަދު އައްބާސް އާއެކު ސަރުކާރުގެ ސުޕަ މެޖޯރިޓީގެ މެމްބަރުންގެ އަދަދު 76 އަށް އަރަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެގެ ބައްދަލުވުމުގައި އެ ވަގުތު މާލެގައި ތިއްބެވި ހުރިހާ މެންބަރުން ބައިވެރިވި އެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އެހެން އިސްވެރިން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިންތިހާބީ މެންބަރަކު "އަދަދު" އާ ވާހަކަދައްކަވަމުން ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ޖުމްލަގޮތެއްގައި ބާރުއެޅުއްވީ ޕީއެެންސީގެ ޕާލަމެންޓްރީ ގްރޫޕް ބަދަހިކޮށް ބޭއްވުމުގެ މައްޗަށެވެ. އެގޮތުން ދެއްވި އެންމެ މުހިއްމު އިރުޝާދަކީ އޭނާ ވިދާޅުވި ގޮތުގައި، މެމްބަރުން ސީދާ ގޮތެއްގައި އެމަނިކުފާނާ މުއާމަލާތް ކުރައްވަން ދެއްވި އިރުޝާދެވެ.

އެމަނިކުފާނުގެ ފަރާތުން މަޖިލިސް މެންބަރުންނަށް އެންގުންތައް އަންގާނެ ބަޔަކު ސަރުކާރުގައި ނުތިބޭނެ ކަމަށް ވިދާޅުވި ވިދާޅުވި އެވެ.

"ރައީސް ވިދާޅުވީ ކޮންމެ މެމްބަރަކަށް ވެސް އެމަނިކުފާނާ ސީދާ ގޮތެއްގައި މަޝްވަރާ ކުރެވޭނެޔޭ، އެމަނިކުފާނާ ގުޅޭނޭ، މެސެޖް ވެސް ކުރެވޭނޭ، ރައީސް ވިދާޅުވީއޭ ބުނެ މެންބަރުން ގާތަށް ދާނެ ބަޔަކު ނުތިބޭނެ" މައުލޫމާތު ދެއްވި އިންތިހާބީ މެމްބަރު ވިދާޅުވި އެވެ.

ނިމިދިޔަ ދެ ވެރިކަމުގައި ވެސް ސަރުކާރަށް ލިބުނު މަޖިލީހުގެ މެޖޯރިޓީ އެގޮތުގައި ނުހިފެހެއްޓި ދިޔަ އެއް ސަބަބަކީ ރައީސުންނާއި މެންބަރުންނާ ދެމެދު މުވާސަލާތު ކުރެވޭ މިންވަރު ކުޑަކަމުން ކަމަށް، މައުލޫމާތު އެނގޭ ބައެއް މީހުން ބުނެ އެވެ.

ނަމަވެސް ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ 76 މެންބަރުންނާވެސް އެކީގައި ގާތުން މަސައްކަތް ކުރެއްވުމަށް ކަމަށް އިއްޔެ ފާހަގަކުރެއްވި ކަމަށް "އަދަދު" އަށް މައުލޫމާތު ދެއްވި ޕީއެންސީގެ މެންބަރު ވިދާޅުވި އެވެ.