Advertisement

ކަރަންޓީން އުސޫލާ ހެދި އިންޑިއާ އާއި ޔޫކޭގެ ކޯޅުމެއް

22 ސެޕްޓެންބަރު 2021 - 11:12 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔޫކޭއިން ކަނޑައެޅި އުސޫލާ މެދި ހިތްހަމަނުޖެހި، އިންޑިއާއިން ބުނީ އިނގިރޭސި ރައްޔިތުންނާ ދެކޮޅަށް ވެސް އެފަދަ އުސޫލެއް ހަދާނެ ކަމަށް.


ކަރަންޓީން އުސޫލާ ހެދި އިންޑިއާ އާއި ޔޫކޭގެ ކޯޅުމެއް

22 ސެޕްޓެންބަރު 2021 - 11:12 0

ނިއު ދިއްލީ، އިންޑިއާ (ސެޕްޓެމްބަރު 22) - އިނގިރޭސި ވިލާތުން އަމަލު ކުރަމުންދާ "ހަމަހަމަކަމެއް ނެތް" ކޮވިޑުގެ އުސޫލާ ހެދި، އެ ގައުމުގެ ރައްޔިތުންނާ މެދު ވެސް އެފަދަ އުސޫލަކުން އަމަލު ކުރާނެކަމުގެ އިންޒާރު އިންޑިއާއިން ދީފި އެވެ.

އިނގިރޭސި ވިލާތުން ބުނެފައި ވަނީ އިންޑިއާ ރައްޔިތުން ކޮވިޑް ވެކްސިން ފުރިހަމަކޮށްގެން ތިބި ނަމަވެސް، އެ ގައުމަށް އެތެރެވުމަށް ފަހު ކަރަންޓީން ވާން ޖެހޭނެ ކަމަށެވެ.

އޮކްޓޯބަރު މަހުން ފެށިގެން އިންގްލެންޑާއި ސްކޮޓްލެންޑުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ފަށާނެ އެވެ. ނަމަވެސް އެ ތަންތަނުން ބަލައިގަންނަ ވެކްސިންގެ ލިސްޓުގައި އިންޑިއާގައި ޖަހާ ވެކްސިން ނުހިމެނެ އެވެ. އިންޑިއާގައި ގިނައިން ބޭނުން ކުރަނީ އިނގިރޭސި ވިލާތުގައި އުފެއްދި އެސްޓްޒަޒެނެކާ ވެކްސިނަށް ބިނާކޮށް ހެދި ކޮވިޝީލްޑެވެ.

"މި މައްސަލައަކީ މިއީ. މި އޮތީ ވެކްސިނެއް. ކޮވިޝީލްޑް. މިއީ އިނގިރޭސި ކުންފުންޏަކުން އެ ގައުމުގެ ހުއްދަ ހޯދައިގެން އުފައްދާ ޕްރޮޑަކްޓެއް. މި ޕްރޮޑަކްޓް މި އުފައްދަނީ އިންޑިއާގައި. އިނގިރޭސި ސަރުކާރުގެ އެދުމަށް އޭގެ ފަސް މިލިއަން ޑޯޒް ވެސް އަޅުގަނޑުމެން ފޯރުކޮށްދީފިން،" އިންޑިއާގެ ފޮރިން މިނިސްޓަރު ހަރްޝް ވަރްދަން ވިދާޅުވި އެވެ.

ކޮވިޝީކްޑް ބަލައިނުގަތުމަކީ "ތަފާތު ކުރުން ގެންގުޅޭ ސިޔާސަތެއް" ގެ ގޮތުގައި ފާހަގަކޮށް، އޭނާ ވިދާޅުވީ އިނގިރޭސި ވިލާތުން ކަނޑައެޅި އުސޫލާ މެދު ހިތްހަމަނުޖެހޭތީ ދެ ގައުމުގެ މެދުގައި މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެން ހިތްހަމަޖެހޭ ފަދަ ނިންމުމަކަށް ނާދެވޭ ނަމަ، އިނގިރޭސި ރައްޔިތުންނާ މެދު ވެސް އެފަދަ އުސޫލަކުން އަމަލު ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ހައްގެއް،" އޭނާ ވިދާޅުވި އެވެ.

ކޮވިޝީލްޑް އެންމެ ބޮޑު ސަޕްލަޔަރަކީ އިންޑިއާ އެވެ. އިންޑިއާގައި އެ ވެކްސިން އުފައްދަނީ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުނި، ސިރަމް އިންސްޓްޓިއުޓުންނެވެ.

މިދިޔަ އޭޕްރިލް މަހު އިންޑިއާގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ދިޔައިރު، ވެކްސިންގެ ސްޓޮކް ވެސް ހުސްވި އެވެ. އެއާއެކު ވެކްސިން އެކްސްޕޯޓް ކުރުން ފަސް މަހަށް މެދުކަނޑާލުމަށް ފަހު، އޮކްޓޯބަރު މަހުން ފެށިގެން އަލުން އެކްސްޕޯޓް ފަށާނެ ކަމަށް އެ ގައުމުން ވަނީ ބުނެފި އެވެ.