Advertisement

ކޮންކްރީޓް ޖަންގަލީގެ ތެރެއިން މި ކޮށަނީ ދަނޑުވެރިކަމަށް މަގެއް

21 އޮކްޓޯބަރު 2021 - 09:04 0

އަމަން ހަލީމް

އަމަން ހަލީމް

ހުޅުމާލޭގައި ހުންނަ ކޮމިއުނިޓީ އާބަން ފާމް: މިހާރު ގިނަ ގޮޅިތަކެއްގައި ދަނޑުވެރިން އަންނަނީ ދަނޑުހެއްދުމުގެ މަސައްކަތްތައް ކުރަމުން. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ކޮންކްރީޓް ޖަންގަލީގެ ތެރެއިން މި ކޮށަނީ ދަނޑުވެރިކަމަށް މަގެއް

21 އޮކްޓޯބަރު 2021 - 09:04 0

މީގެ އަހަރެއްހާ ދުވަސް ކުރިން އެތަނަކީ ފްލެޓެއްގެ ކައިރީގައި އޮތް ހުސް ބިމެކެވެ. ބިމުން ފަޅާފައި ހުރި މަދު ބުރު ވިނަތަކެއް ފިޔަވައި، އެއްވެސް ދިރުމެއް ނެތް ހަނަފަސް ތަނެކެވެ. މީގެ މަހެއްހާ ދުވަސް ކުރިން އެތަނަކީ ވަށައިގެން ދަގަނޑު ނެޓު ޖަހާފައި ހުރި ހަތަރެސްކަން ގޮޅި ބަރިއެކެވެ.

މިއަދު ފެންނަ މަންޒަރު ތަފާތެވެ.

މިހާރު އެތަނުން ކެޔޮ ގަހާއި މިރުސް ގަސް އެބަ ފެނެ އެވެ. ވަލަށް އަރުވަން ތައްޔާރުކޮށްފައި ކުރި ކިޔުކަމްބާ ވެޔޮތަކާއި ޓޮމާޓޯ ވެޔޮތައް އެބަ ހުއްޓެވެ. ގަސް މުށިތަކާއި ރީނދޫ ހަން ބުރިބުރީގައި އިންދާފައި ހުރި ކޮޕީ ފަތާއި ލެޓިއުސް އެހެރީ ސުފުރާމައްޗަށް ނަގަން ގާތްގަނޑަކަށް ތައްޔާރަށެވެ.

މިއީ ހުޅުމާލޭގައި ކުރިއަށްގެންދާ ރާއްޖޭގެ ފުރަތަމަ ކޮމިއުނިޓީ އާބަން ފާމިން މަޝްރޫއުން ފެންނަ މަންޒަރެވެ.

ކޮމިއުނިޓީ އާބަން ފާމިން ޕްރޮޖެކްޓަކީ ކޮބާ؟

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ޔޫއެންޑީޕީން ހިންގާ ސީޑްސްގެ ދަށުން ފެށި ކޮމިއުނިޓީ އާބަން ފާމިން ޕްރޮޖެކްޓަކީ އާބާދީ ބޮޑު މާލެ ސަރަހައްދުގައި މިހެން ހިންގާ ފުރަތަމަ ޕްރޮޖެކްޓެވެ.

އެޗްޑީސީއާ ގުޅިގެން ހިންގާ މި ޕްރޮޖެކްޓުގެ މަގުސަދަކީ ދަނޑުވެރިކަން ކުރިއަރުވާ ދަނޑުވެރިން ބިނާކުރުމެވެ. ކޮވިޑާ ގުޅިގެން އާމްދަނީއަށް އަސަރުކުރި މީހުންނަށް އާމްދަނީއެއް ލިބޭނެ ގޮތެއް ހޯދައި ދިނުމެވެ.

ހުޅުމާލޭގައި ހުންނަ ކޮމިއުނިޓީ އާބަން ފާމް: މިތަނުން 16 މީހަކަށް ގޮޅި ދޫކުރި. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ނިމުނު ސެޕްޓެމްބަރު މަހުގެ ތެރޭގައި މި ގޮޅިތަކުގެ ވެރިންނާ އެ މީހުންގެ ގޮޅިތައް ވަނީ ހަވާލުކޮށްފަ އެވެ. މިގޮތުން ގިނަވެގެން ތިން ދަނޑުވެރިން ހިމެނޭގޮތަށް ހުށަހެޅި ހުށައެޅުންތައް ކާމިޔާބުކުރި 16 ގްރޫޕަކަށް އެ މީހުންގެ "ދަނޑުތައް" ވަނީ ހަވާލުކޮށްފަ އެވެ.

އެޗްޑީސީން ދަނޑުވެރިންނާ މި ތަންތަން ހަވާލުކުރީ ފުރަތަމަ ތިން މަހު ކުލި ނުނަގާ ގޮތަށެވެ. އެ މުއްދަތުގެ ތެރޭގައި އެލަވަންސެއް ވެސް ދޭގޮތަށެވެ. އަދި ފިޝަރީޒް މިނިސްޓްރީ އާއި އެގްރޯނެޓާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން މެދުވެރިކޮށް، ބޭނުންވާ ތަމްރީނު ވެސް ދީފަ އެވެ.

ބޮޑު ތަރުހީބެއް، އެޗްޑީސީން ބޭނުންވަނީ ފުޅާކުރަން

މިތަނުގައި ދަނޑު ހައްދަން ހުޅުވާލުމުން އާދަޔާ ހިލާފަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެގޮތުން 1000 އަށް ވުރެ ގިނަ މީހުންގެ ހުށަހެޅުންތައް ލިބިގެން ދިޔައިރު އޭގެ ތެރެއިން ހޮވުނީ 48 މީހުންނެވެ.

ހުޅުމާލެ ކޮމިއުނިޓީ އާބަން ފާމުން ގޮޅިއެއް ލިބުނު މުުހައްމަދު ނަސީރު


މި ތަރުހީބަށް ބަލާފައި އެޗްޑީސީގެ ވިސްނުމަކީ ހުޅުމާލޭގައި ދަނޑުވެރިކަމަށާއި ދަނޑުވެރިންނަށް ފަހިކޮށްދިނުމެވެ. އެގޮތުން ދަނޑުވެރިންގެ އުފެއްދުންތައް ވިއްކަން ޕްލާޒާ އޭރިއާއެއް ހަދަން ވަނީ ރާވާފަ އެވެ.

މުސްތަގުބަލުގައި އެހެން ފްލެޓުތަކާއި އިމާރާތްތައް ކައިރީގައި ހުސްކޮށް ހުރި އެހެން ބިންތައް ވެސް އެޗްޑީސީން ވިސްނަނީ ދަނޑު ހައްދަން ދޫކޮށްލާށެވެ.

ހުޅުމާލޭގެ މާސްޓާޕްލޭނުގައި ކަނޑައެޅިފައި ހުރި އެހެން ހުސްބިންތައް ބޭނުންކުރާނެ ގޮތް ރިވިއުކުރަން ވެސް އެ ކުންފުނި އޮތީ ތައްޔާރަށެވެ.

"ހުޅުމާލޭ މާސްޓާޕްލޭން އެކުލަވާލެވި އޯޕަން ސްޕޭސްގެ ގޮތުގައި ގިނަ ސަރަހައްދުތަކެއް ކަނޑައެޅިފައިވާ އިރު، މިފަދަ ތަންތަން ރިވިއުކުރެވި ޕްލޭން ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން،" އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވި އެވެ.

އާބަން ފާމިން ޕްރޮޖެކްޓް އިފްތިތާހު ކުރި ދުވަހު ސުހެއިލް ވަނީ އެކަން ހާމަކުރައްވާފަ އެވެ. ރައްޔިތުންނަށް ފައިދާ ވާނަމަ، އޮތިއްޔާ އޮތް ހުސް ބިމެއް ދަނޑުވެރިކަމަށް ހުޅުވާލަން ވިޔަސް ތިބީ ތައްޔާރަށެވެ.