Advertisement

ނުކާ ދަރިފުޅަށް ކާންދޭނެ ބައެއް އުކުޅުތައް

24 ސެޕްޓެންބަރު 2021 - 07:47 2

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް


ނުކާ ދަރިފުޅަށް ކާންދޭނެ ބައެއް އުކުޅުތައް

24 ސެޕްޓެންބަރު 2021 - 07:47 2

ދަރިފުޅަށް ހަ މަސް ފުރި ކާއެއްޗެހި ދޭން ފަށަން ހާސްވާ މައިންބަފައިން ގިނަ އެވެ. ވާނީވެސް އެހެންތާ އެވެ. އެކި ބާވަތް ބާވަތުންނާއި ކުލަތަކުން ރަހަމީރު އެކި ޕިއުރީތައް މީރުމީރުކޮށް ހެދިއަސް ދަރިފުޅު އެއިން ކާލަނީ ހާލަކުން ފަހަރަކު އެވެ. އަނެއްކޮޅުން އެއް ދުވަހު މީރުވާ އެއްޗެއް ދެވަނަ ދުވަހަކު ކެއުމަކީވެސް މަދުން ނޫނީ ނުވާ ކަމެކެވެ.

އެކި ކުދިންނަކީ ތަފާތު ކުދިންނެވެ. އުޅުމާއި ގުޅުމުގައި ބޮޑެތި ފަރަގުތަކެއް ހުންނަ ފަދައިން ކެއުމުގައި ވެސް ތަފާތުތަކެއް އެކި ކުދިންގެ ހުންނާނެ އެވެ. ފަހުގެ ހޯދުންތަކުން އެނގޭ ގޮތުގައި، ކާންދޭން ފެށުމަށް އެންމެ ރަނގަޅީ ދަރިފުޅުގެ އުމުރުން ހަ މަސް ފުރުމުންނެވެ. އަދި ގާތްގަނޑަކަށް އަށް މަސް ފުރެން ދެން ދަރިފުޅުގެ މައިގަނޑު ކެއިންބުއިމަކީ މައި މީހާގެ ގާތުން ލިބޭ ކިރެވެ. މާ އަވަހަށް ކާން ދިނުމަކީ ބައެއް ފަހަރު ދަރިފުޅުގެ ހެދިބޮޑުވުމަށް ވެސް އަސަރުކޮށްފާނެ ކަމެއްކަމުގައި ވާތީ ކާންދޭން ފެށުމުގެ ކުރިން ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަކީ މުހިންމު ކަމެކެވެ.

މި ހިމަނާލަނީ ކާންދޭ ގަޑީގައި ދަރިފުޅު މާ ބޮޑަށް ކާއެއްޗިއްސަށް ބޮޑާހާކާ ނަމަ ކުރެވިދާނެ ބައެއް ކަންކަމެވެ.

އާއިލާގެ މީހުންނާއެކު ކާން ދިނުން

ކުޑަކުދިންނަކީ ވެސް ހަމަ އެހެން މީހުންހެން "ސޯޝަލް" ވެލަން ބޭނުންވާނެ ބައެކެވެ. ކޮންމެ ދުވަހަކު ވަކި ގަޑިއެއްގައި އެހެން މީހުންނާ މާ އެކަހެރިކޮށް ކާން އިނުމަކީ ބައެއް ކުދިންނަށް ފޫހި ކަމަކަށް ވެދާނެ އެވެ. އަޖުމަ ބަލާލަން އާއިލާއާ އެކީގައި ކޮންމެވެސް އިރަކުން ކާން ބައިންދާލާށެވެ. ކާ ގަޑިއަކީ އުފާވެރި އަދި އެ ކުދިން މާ ގަޔާވާ ވަގުތަކަށް ހެދިދާނެ އެވެ.

ކާމޭޒާ ވީހާވެސް ކައިރިކުރުން

ޅަ އުމުރަކީ ކުދިން އެހެން މީހުން ކުރާ ކަންތައްތައް ވަރަށް ބޮޑަށް ހޯދާ ބަލައި ދަސްކުރަން ބޭނުންވާ ދުވަސްވަރެކެވެ. ބޮޑެތި މީހުންނާއެކު ކާން މޭޒު ކައިރިއަށް ދާން ބޭނުންވާނެ އެވެ. ކާމޭޒުގައި ބޮޑެތި މީހުން އެ ތިބޭހެން ކުދިންނަށް ތިބެވޭނަމަ އެއީވެސް ކެއުމަށް ކުދިން ގަޔާވެދާނެ ކަމެކެވެ. އެފަދަ ގޮނޑި މިހާރު އެބަ ހުއްޓެވެ.

ބަކުން ދެކެ ބައެއް ކުދިން ފޫހިވެސް ވޭ

އަހަރެމެންގެ ތެެރެއިން އެއްބަޔަކަށް ހީވެފައި އޮންނަނީ ދަރިފުޅަށް އެންމެ ރަނގަޅީ އަބަދު ބަކުން ހެން ކޮންމެ އެއްޗެއްވެސް ބްލެންޑްކޮށްފައި ދިނުމުން ކަމަށެވެ. ނަމަވެސް ފަހުގެ ގިނަ ނިއުޓްރިޝަނިސްޓުންނާއި ޑޮކްޓަރުން އެދެނީ އެ ކުއްޖަކަށް ކެވޭނަމަ ތަފާތު ޓެކްސްޗާތައް މަޑުމަޑުން ޓެސްޓްކުރަމުން ދިއުމެވެ. ހުދު އަހަރުމެންނަށްވެސް އަބަދު ބަތާއި ގަރުދިޔައާއި އިތުރު އެއްވެސް އެއްޗަކާ ނުލާ ކާންދޭނަމަ މާ ލަސްތަކެއް ނުވެ ފޫހިވެއެއް ނޫން ހެއްޔެވެ.

އޭގެ ބަދަލުގައި ލުނބޯ ހުތް ފޮދަކާއި، ލޮނުމިރުސްކޮޅަކާއި އަސާރަކޮޅެއް އަދި ކުޑަ ފިހުނުމަސްކޮޅެއް ލުމުން ހީވެސް ނުކުރާ ފަދަ ބަދަލެއް ބަތް ތަށީގެ ރަހައިން ދޭއިރު، ކުޑަކުދިންނަށްވެސް ވާނީ މިހެނެވެ. ކޮންމެހެން ލޮނުމިރުހާއި އަސޭމިރުސް ނޫނަސް، ވީހާވެސް އަސްލު ކާނާ ކުދިންނަށް ކެވޭ ސައިޒަކަށް ކޮށާފައި، ޗަސްކޮށްފައި އަދި ތަފާތު ރަހަަތައް ލާހެން ދިނުމަކީ ކެއުމަށް ހުންނަ ޝައުގުވެރިކަން އިތުރުކޮށްދޭނޭ ކަމެކެވެ. ނަމަވެސް ކޮށިއެރުން ފަދަ ކަންކަމަށް ކޮންމެހެންވެސް ސަމާލުކަންދޭންވާނެ އެވެ.

އެކަނި ދޫކޮށްލުން

ކާންދޭއިރު ކުދިން ސަމްސަލުގައި ހިފާ ދަމާ އެހަދަނީ އެކަނި ކާންދޭށޭ ބުނުމުގެ ގޮތުންނެވެ. އެކަމަކު ގިނަ ފަހަރަށް އެކަމަށް އިންކާރުކުރެވެނީ ހާވާ ހަޑިންކަން ޔަގީނެވެ. އެކަމާ މާ ބޮޑަށް ކަންބޮޑުވާނަމަ އަތްދިގު ބިބްތަކާއި ތަށި ބަންޑުން ނުޖެހޭނެ ފަދަ ގްރިޕް / ސަކްޝަން ތަށި ހުންނާނެ އެވެ. އަދި ގޮނޑި ދަށުގައި, ސާފުކުރަން ފަސޭހަވާނެ ފަދަ ފޮތިގަނޑެއްވެސް އެޅިދާނެ އެވެ. އަމިއްލައަށް އަށް ތަޖުރިބާ ކުރަން ދިނުމަކީ ކެއުމާއި މެދު 'ޕޮޒިޓިވް' ގުޅުމެއް އުފެއްދުމަށް ކުރެވޭނެ މުހިންމުކަމެކެވެ.

އިޝާރާތުން ބުނެދޭން ދަސްކޮށް ދިނުން

ގިނަ ފަހަރަށް ކާންދޭން ފަށައިގެން އެ ވޭތުކުރާ ފުރަތަމަ މަސްތަކަކީ ގިނަ ވާހަކަތައް ނުވަތަ ލަފްޒުތައް ކުދިންނަށް ކިޔަން ނުވަތަ ބުނެދޭން އެނގޭނެ ދުވަސްވަރެއް ނޫނެވެ. އެހެންކަމުން އިޝާރާތުން، 'އަދި ބޭނުން'، 'ނިމުނީ'، 'ހުސްވީ' ފަދަ ލަފްޒުތައް ބުނެދޭން ދަސްކޮށްދިނުމަކީވެސް ކެއުމުގެ މި ތަޖުރިބާ ތަންކޮޅެއް ލުއިވެގެންދާނެ ކަމެކެވެ.

ފައިބަރު ހިމެނުން މުހިންމު

ކާ ގަޑީގައި ކުދިން ކާން ބޭނުންނުވާ، އަދި ރޮއެ ހަދަން މެދުވެރިވާ އެންމެ އާންމު އެއް ސަބަބަކީ ބަނޑު ހަރުވެ، ގޭސްވެފައި ވުމެވެ. އެހެންކަމުން ފެހިކަން ގަދަ ބާވަތްތަކާއި ފައިބަރު ހިމެނޭ ތަކެތި ކެއުމުގައި ހިމެނުމަކީ މި މައްސަލަތަކުން ދުރުކޮށްދޭނޭ ކަމެކެވެ.

ހަމައެޔާއެކު، ކޮންމެ އާ ކަމެއްވެސް އާ އެއްޗެއްވެސް ކުދިންނަށް ތައާރަފްކުރުމަށް ފަހު ހަފްތާ އެއްހާ ދުވަސް ފަހުން އޭގެ އަސްލު ނަތީޖާއަކާއި ހިސާބަށް ވާސިލްވުން މުހިންމެވެ.