Advertisement

ފިޔަވަތީގައި ނިޒާމީ ބޮޑެތި މައްސަލަތައް، ވަގުތުން ފިޔަވަޅުތައް އަޅަން އެދިއްޖެ

19 ސެޕްޓެންބަރު 2021 - 18:27 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: ފިޔަވަތީގައި ހިނގި ހާދިސާ އެ ކޮމިޓީން އަންނަނީ ވަރަށް ގާތުން ބަލަމުން. -ފޮޓޯ: މަޖިލިސް


ފިޔަވަތީގައި ނިޒާމީ ބޮޑެތި މައްސަލަތައް، ވަގުތުން ފިޔަވަޅުތައް އަޅަން އެދިއްޖެ

19 ސެޕްޓެންބަރު 2021 - 18:27 0

ހުޅުމާލޭގައި ދައުލަތުން ކުޑަކުދިން ބަލަހައްޓަމުން އަންނަ ފިޔަވަތީގައި ނިޒާމީ ބޮޑެތި މައްސަލަތައް ހުރިކަން ހާމަވެ، ކުދިންގެ ރައްކާތެރިކަމަށް ވަގުތުން ވަގުތަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން މިއަދު ޖެންޑާ މިނިސްޓްރީއަށް އަންގައިފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ފިޔަވަތީގައި ތިބި ކުދިންތަކެއް ވަނީ އެތަނުގައި ބޮޑެތި ހަމަނުޖެހުންތައް ހިންގައިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަނުޖެހުން ބޮޑުވީ އެތަނުގައި ތިބި ފިރިހެން ކުދިން ބޭރަށް ދިޔަ ނުދީ ހިފަހައްޓާތީ, އެކަމާ ހިތްހަމަނުޖެހިގެންނެވެ.

ހިތްހަމަނުޖެހުންތައް ބޮޑުވެ, އެންމެ ފަހުން ފިޔަވަތީގައި ތިބި ބައެއް ކުދިން ވަނީ އެ ތަނުގައި ރޯކޮށްލާފަ އެވެ. ނަމަވެސް, އެއްވެސް ކުއްޖަކަށް އަނިޔާއެއްވެފައެއް ނުވެ އެވެ.

އަދި, އަލިފާންގަނޑު ފެތުރިގެން ނުދަނީސް އެތަނުގެ މުވައްޒަފުންނާއި ފުލުހުން ގުޅިގެން ވަނީ އެ ނިންވާލާފަ އެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބުގެ އަސްލު ހޯދަން ޖެންޑާ ކޮމިޓީން އިސްނަގާފައިވާއިރު، ހާދިސާއަށް ފަހު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ އިތުރުން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ތައްޔާރުކުރި ރިޕޯޓާއެކު ކޮމިޓީން މިއަދު ވަނީ ބައްދަލުކޮށްފަ އެވެ.

ބަލަހައްޓަން ތިބި މީހުންނަށް ވުރެ ކުދިން ގިނަ

އެ ބައްދަލުވުމަށްފަހު "އަދަދު" އާ ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ އެ ދެ ރިޕޯޓުގައި ފިޔަވަތީގައި ނިޒާމީ ގޮތުން ހުރެ ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައިވާ ކަމަށެވެ.

އެގޮތުން، އެންމެ ބޮޑު މައްސަލައެއްގެ ގޮތުން ފާހަގަވެފައިވަނީ އުސޫލާ ހިލާފަށް، އެތަނުގައި ކުދިން ބަލަހައްޓަން ތިބި މީހުންނަށް ވުރެ ކުދިން ގިނަވުން ކަމަށާއި، ހުކުރު ދުވަހުގެ ހާދިސާ ވެސް ހިނގަން މެދުވެރީ ވެސް އެ ސަބަބާ ހެދި ކަމަށް ޖީހާން ވިދާޅުވި އެވެ.

ފިޔަވަތީގައި ބައިތިއްބަނީ އެންމެ ކުޑަކުދިން ނަމަވެސް، އާއިލާއާ ހަވާލުކުރުން ނުވަތަ އަމާންވެށިތަކަށް ބަދަލުކުރުން ފަދަ ރީއިންޓިގްރޭޝަން މަރުހަލާ ލަސްވުމުގެ ސަބަބުން, އުމުރުން ބޮޑެތި ކުދިންތަކެއް ވެސް އެތަނުގައި މިހާރު އެބަތިބި ކަމަށެވެ.

"ރީއިންޓިގްރޭޝަން ލަސްވުމުގެ ސަބަބުން ޓީނޭޖާސްތަކެއް ވެސް އެބަތިބި އެތަނުގައި. ދެން އަދި ނުވަ ކުއްޖަކު އެބަތިބި ވަރަށް ބޮޑަށް ސައިކޯ-ސޯޝަލް ސަޕޯޓް ބޭނުންވާ. އެތަނުގައި ތިބި މުވައްޒަފުން ޓްރެއިންކޮށްފައި ތިބީ ތަންކޮޅެއް ކުޑަކުދިން ބަލަހައްޓަން،" ހާދިސާ ހިނގަން މެދުވެރިވި މައިގަނޑު ސަބަބު ސާފުކޮށް ދެއްވަމުން ޖީހާން ވިދާޅުވި އެވެ.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން

ހުކުރު ދުވަހުގެ ރޭ އެ ހާދިސާ ހިނގަމުން ދިޔަ ވަގުތު، އެ ސަރަހައްދަށް އެއްވި ބައެއް މީހުންގެ ފަރާތުން މައްސަލަ އިތުރަށް ގޯސްކުރަން ކުދިންނަށް ހިތްވަރު ދިން ކަމަށް ވެސް އެ ދެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައި ވެ އެވެ.

އެކަން ކުރި ކަމުގެ ތުހުމަތު މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއަށް އަމާޒުވެފައިވާއިރު، އެ މައްސަލަ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.

ޖީހާން ވިދާޅުވި ގޮތުގައި، އެތަނުގައި ތިބި ކުދިންގެ ނަފްސާނީ ހާލަތު ނޭނގޭއިރު، އެތަނަށް އެއްވި ބައެއް މީހުންގެ ފަރާތުން ވަރަށް ނޭދެވޭ އަމަލުތަކެއް ފެނުނެވެ.

އެގޮތުން، އެތަނަށް އެއްވި ބައެއް ނޫސްވެރިންވެސް ހިމެނޭ ގޮތަށް، އެ ކުދިންގެ މޫނު އެނގޭ ގޮތަށް ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރި ކަމަށް ވެސް ޖީހާން ވިދާޅުވި އެވެ.

"ވަރަށް ދެރަކޮށް ބައެއް ބޭފުޅުން ކަންކަން ކުރެއްވީ. އެ ކުދިންގެ މޫނު އެނގޭ ގޮތަށް ފޮޓޯތަކާއި ވީޑިއޯތައް އާންމު ކުރީމަ މުޖުތަމައުގެ ނަޒަރުގައި އެ ކުދިންނަކީ ގޯސް ކުދިންގެ ގޮތުގައި އިތުރަށް ލޭބަލް ވެގެންދަނީ. އެކަމުން އެ ކުދިންގެ މުސްތަގުބަލަށް އިތުރަށް ހިޔަނި އެޅޭ،" އޭނާ ވިދާޅުވި އެވެ.

އެ ހާދިސާ ކަވަރު ކުރުމުގައި ބައެއް ނޫސްވެރިން އަމަލުކުރި ގޮތް މީޑިއާ ކައުންސިލަށް ހުށަހަޅަން ކޮމިޓީން މިއަދު ވަނީ ނިންމައިފަ އެވެ.

ކުދިންގެ ރައްކާތެރިކަމަށް ހުރި ދޯހަޅިކަން

އޭގެ އިތުރުން ކުދިންގެ ރައްކާތެރިކަމާ ގުޅޭގޮތުން އެތަނުގައި އަޅާފައި ހުރި ފިޔަވަޅުތައް ވެސް އެ ދެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވަނީ ކަންބޮޑުވާ ދަރަޖާގައި ކަމަށް ޖީހާން ވިދާޅުވި އެވެ.

ހުކުރު ދުވަހުގެ ރޭ ހިނގި ހަމަނުޖެހުންތަކުގައި އަލިފާން ރޯކޮށްފައިވާއިރު، އެތަނުގައި ހުރި އަލިފާން ނިއްވަން ބޭނުންކުރާ ފުޅި ހުރީ މުއްދަތު ހަމަވެފަ އެވެ.

އެތަނުގައި ތިބޭ ކުދިން ދޭތެރެ ދޭތެރެއިން ފުރާޅަށް އަރާ އުޅޭ މަންޒަރުތައް އާންމުވާއިރު، އެކަން ހުއްޓުވަން ކަމެއް ކޮށްފައި ނެތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޖީހާން ވިދާޅުވި އެވެ.

"މިއީ ދެން އެކްސެޕްޓް ކުރެވޭނެ ކަންކަމެއް ނޫން. އެތަނުގައި ފަޔާ އެސްޓިންގުއިޝާއެއް ބެހެއްޓެން ޖެހޭނެ. ކުޑަކުއްޖަކު ފުރާޅަށް އެއް ފަހަރު އެރީމަ، ދެވަނަ ފަހަރަށް ނޭރޭނެ ގޮތެއް ހެދެންޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

އެގޮތުން، ފިޔަވަތީގައި ތިބި ކުދިންގެ ރައްކާތެރިކަމަށް މިހާރު މިހާރަށް އެޅެން ހުރި ފިޔަވަޅުތައް އަޅަން އަންގައި، ޖެންޑާ މިނިސްޓްރީއަށް މިއަދު ކޮމިޓީން ސިޓީ ފޮނުވާފައިވާކަމަށް ޖީހާން ވިދާޅުވި އެވެ.

އެ ހާދިސާއާ ގުޅިގެން ޖެންޑާ މިނިސްޓްރީން ތައްޔާރުކުރި ރިޕޯޓު މިއަދުގެ ވަގުތެއްގައި ލިބޭނެ ކަމަށާއި، އެ ރިޕޯޓާއެކު މާދަމާ އަނެއްކާވެސް ކޮމިޓީން ބައްދަލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.