Advertisement

2030 އަށް ޓާގެޓްކޮށް ކްރިކެޓްގެ ދުރުރާސްތާ ޕްލޭނެއް ހަދާނަން: ފައިސަލް

19 ސެޕްޓެންބަރު 2021 - 10:18 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު ފައިސަލް.-- ފޮޓޯ: އަދަދު


2030 އަށް ޓާގެޓްކޮށް ކްރިކެޓްގެ ދުރުރާސްތާ ޕްލޭނެއް ހަދާނަން: ފައިސަލް

19 ސެޕްޓެންބަރު 2021 - 10:18 0

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ މިހާރު އޮތް ލީޑަޝިޕުން 2030 ވަނަ އަހަރަށް ޓާގެޓްކޮށް ދުރުރާސްތާ ޕްލޭނެއް ހަދާނެ ކަމަށް ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ އިއްޔެ ބޭއްވި ކްރިކެޓް ބޯޑްގެ އާންމު ޖަލްސާގައި މެމްބަރު ކްލަބްތަކާ ވާހަކަ ދައްކަވަމުންނެވެ. ފައިސަލް ވިދާޅުވީ އެ ޕްލޭން ހަދާއިރު ހުރިހާ މެމްބަރުންގެ އެއްބާރުލުމާއި މަޝްވަރާ ވަރަށް ބޭނުންވާނެ ކަމަށެވެ.

"އަޅުގަނޑުގެ މަގުސަދަކީ ކުރިއަށް އަންނަ ދައުރު ތަކުގައި (ކްރިކެޓް) ބޯޑު ހިންގުމަށް ކޮންމެ ބަޔަކު ތިބި ކަމުގައި ވިޔަސް ކްރިކެޓް ގެ އެންމެން ބަލައިގަނެ އެއްބަސް ވެފައި އޮތް ޕްލޭނަކާއެކު ކްރިކެޓް ކުރިއަރުވާ ފުޅާ ކުރުމުގެ މަސައްކަތް އެއް މިސްރާބަކަށް ކުރުން،" ފައިސަލް ވިދާޅުވި އެވެ.

ކްރިކެޓްގެ މެންބަރު ކްލަބްތަކަށް ހުރި ފުރުސަތުތަކުގެ އިތުރުން ކްލަބްތަކަށް ލިބޭ ހިދްމަތްތައް މިހާރަށް ވުރެ ރަނގަޅަށް ކުރިއަށް ގެންދިއުމަށް ވެސް ރޭވިފައިވާ ކަމަށް ކްރިކެޓް ބޯޑުން ވަނީ ވިދާޅުވެފަ އެވެ.

ފައިސަލް ވިދާޅުވީ ކްލަބްތަކަށް އިންސެންޓިވް ޕްރޮގްރާމެއްގެ ދަށުން މި އަހަރުގެ ކްރިކެޓް ބޯޑްގެ ބަޖެޓްގައި ކްލަބްތަކަށް ދިނުމަށް 59،000 ރުފިޔާ ފައިސާގެ އެހީއެއް ހިމަނާފައިވާ ކަމަށެވެ.

"މި އަދަދު އިރާދަ ކުރެއްވިއްޔާ 200،000 ރުފިޔާ އަށް ވުރެ މަށްޗަށް އަންނަ އަހަރު ގެންދިއުމަށް މަސައްކަތް ކުރާކަން އިއުލާން ކުރަން. އަދި، ކްލަބް ކްރިކެޓާ މުބާރަތްތައް އާ އަމާޒަކަށް ފަރުމާ ކުރުމަށް ހުރިހަ ކްލަބްތައް ހިމެނޭ ގޮތަށް، އެޑް ހޮކް ކޮމިޓީއެއް ނަގާ މަސައްކަތްތަކެއް މި މަހުގެ ތެރޭގައި ފެށިގެން ދާނެ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ކްރިކެޓް ކުރިއަރުވާނަމަ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރަން ޖެހޭނެ ކަމަކީ ކްލަބްތައް ބާރުވެރިކުރުން ކަމަށާއި އެކަމަށްޓަކައި ކްލަބްތައް އަމިއްލަ ފައި މައްޗަށް ތެދުވެވޭވަރަށް އެހީތެރިވާން ބޯޑުން ބޭނުންވާ ކަމަށެެވެ.

އިއްޔެ ބޭއްވުނު ކްރިކެޓް ބޯޑްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން.-- ފޮޓޯ: އަދަދު


މިދިޔަ އަހަރު ކްރިކެޓް ބޯޑްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތް ފައިސަލްގެ ލީޑަޝިޕްގެ ދަށުން 120 ދުވަހުގެ ތެރޭގައި ކުރަން ޓާގެޓްކޮށް ގިނަ ކަންތައްތަކެއް ވަނީ ހާސިލްކޮށްފަ އެވެ. އެކަންތައްތަކުގެ ތެރޭގައި ކްރިކެޓް ބޯޑުގެ ހިނގުން ހަރުދަނާ ކުރުމަށް ހިނގުމުގެ ހުރިހާ ދާއިރާތަކަކަށް އަމާޒުކޮށް އުސޫލުތަކެއް ތައްޔާރުކޮށް މިހާރު ގެންދަނީ އަމަލު ކުރަމުންނެވެ.

މީގެ އިތުރުން މުސާރައިގެ އޮނިގަނޑެއް އެކުލަވާލައި ކްރިކެޓް ބޯޑުގެ ސްޓާފުންގެ ކޮންޓްރެކްޓް އާ ކުރުމާއި ވައިޑީޕީގެ އޮނިގަނޑެއް ތައްޔާރުކުރުން ހިމެނެ އެވެ. އަދި ކްރިކެޓްގެ ގިނަ މައުލޫމާތުތައް އެއް ތަނަކުން ލިބޭ ގޮތަށް މައި ކްރިކެޓް އެޕް ލޯންޗް ކުރެވުނެވެ.

އިއްޔެ ބޭއްވި އަހަރީ އާންމު ޖަލްސާގައި ފާސްކުރި މި އަހަރުގެ ކްރިކެޓް ބޯޑުގެ ބަޖެޓަކީ 4،536،963 ރުފިޔާ އެވެ. އަދި މި އަހަރު ލިބޭނެ ކަމަށް ލަފާކޮށް ބަޖެޓްގައި ހިމަނާފައިވަނީ 4،314،900 ރުފިޔާ އެވެ. ކްރިކެޓް ބޯޑް އޮޑިޓް ކުރަން ފަސް ފަރާތަކުން ޝައުގުވެރިކަން ހުށަހަޅާފައިވާއިރު، އެ ފުރުސަތު ދޭން ފާސްވީ ދެ ވަނަ އަށް އެންމެ ކުޑަ އަގު ހުށަހެޅި ކްރޯއ މޯލްޑިވްސް އެވެ.

މި ފަހަރު ވަނީ ތިން ކްލަބަކަށް ކްރިކެޓް ބޯޑްގެ މެމްބަޝިޕް ދީފަ އެވެ. އެއީ ކޮމެޓްސް ކްރިކެޓް ކްލަބް އާއި ފުވައްމުލަކު ކްރިކެޓް އެކަޑަމީ އަދި އައިޒީ ކްރިކެޓް އެކަޑަމީ އެވެ. މި ތިން ކްލަބް ވެސް ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވެފަ އެވެ.

އަހަރީ އާންމު ޖަލްސާ ފެށުމުގެ ކުރިން ވަނީ ދިވެހި ކުޅިވަރަށާއި ކްރިކެޓަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ މާދިހު އިސްމާއިލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފަ އެވެ. ކުއްލި ގޮތަކަށް މާދިހު ނިޔާވީ މިިދިޔަ ޖޫން މަހު އަށް ވަނަ ދުވަހު އެވެ. މާދިހު ވަނީ ކްރިކެޓް ބޯޑްގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވައިފަ އެވެ.