Advertisement

އިޒްރޭލާއި މިސްރު: ހަނގުރާމައިން ފެށި ގުޅުން ސުލްހައާ ހަމައަށް ދިޔައީ ކިހިނެއް؟

18 ސެޕްޓެންބަރު 2021 - 12:26 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް (ވ) މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސިސީއާ އެކު. -- ފޮޓޯ: އޭއެފްޕީ


އިޒްރޭލާއި މިސްރު: ހަނގުރާމައިން ފެށި ގުޅުން ސުލްހައާ ހަމައަށް ދިޔައީ ކިހިނެއް؟

18 ސެޕްޓެންބަރު 2021 - 12:26 0

ދިހަ އަހަރަށް ފަހު މިދިޔަ ހޯމަ ދުވަހު އިޒްރޭލުގެ ބޮޑު ވަޒީރަކު ވަނީ މިސްރަށް ވަޑައިގެންފަ އެވެ. މިއީ މިދިޔަ ޖޫން މަހު އެ މަގާމަށް ވަޑައިގެންނެވި ނަފްތާލީ ބެނެޓް އަރަބި ގައުމުތަކާ އެކު ގުޅުން ރަނގަޅު ކުރަން ކުރާ މަސައްކަތުގެ އެއް ބަޔެވެ.

ބެނެޓް އާއި މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސިސީ ބައްދަލުކުރެއްވީ ރަތް ކަނޑުގެ ރިސޯޓު ޝަރަމުއްޝޭހުގަ އެވެ. މިސްރު ސަރުކާރުގެ ތަރުޖަމާނު ބައްސާމް ރަދީ ވިދާޅުވީ ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ މިސްރާއި އިޒްރޭލުގެ "ސުލްހައިގެ ޕްރޮސެސް" އަލުން ފެށުމަށް ކަމަށެވެ.

ތިރީގައި އެ ވަނީ މީގެ އަހަރުތަކެއް ކުރިން މެދުއިރުމަތީގައި އިޒްރޭލުގެ ދައުލަތެއް ގާއިމްކުރި ފަހުން މިސްރާއި އިޒްރޭލާ ދެމެދު އޮތް ގުޅުމުގެ ކުރު ހުލާސާ އެކެވެ.

ވަގުތުން ހަނގުރާމަ އަށް

އިޒްރޭލުގެ ދައުލަތެއް ގާއިމްކުރިކަން އިއުލާނު ކުރީ މޭ، 14، 1948 ގަ އެވެ. ޖެހިގެން އައި ދުވަހު މިސްރުން އިޒްރޭލާ ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރި އެވެ.

މިސްރާ ގުޅިގެން ސީރިއާ، ޓްރާންސްޖޯޑަން، ލުބްނާން އަދި އިރާގުން ވެސް އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކުރި އެވެ. އަރަބި ގައުމުތަކުން އޭރު ވަނީ ފަލަސްތީނު ދެފަޅިކޮށްލުމާ ވަރަށް ބޮޑަށް ދެކޮޅު ހަދާފަ އެވެ.

ޔަހޫދީ ދައުލަތް ގާއިމް ކުރުމުން ނޫހެއްގައި އެ ވާހަކަ ރިޕޯޓުކޮށްފައި.


ފަލަސްތީނުގެ ބިން ދެފަޅިކޮށް، ޔަހޫދީންނާއި އަރަބިންނަށް ވަކި ދެ ދައުލަތް ގާއިމް ކުރުމަށް 1947 ވަނަ އަހަރު އދ. ގައި ނެގި ވޯޓާ ވެސް އަރަބި ގައުމުތަކުން ދެކޮޅުވި އެވެ.

އޭރު ފެށި ހަނގުރާމަ ކާމިޔާބު ކުރީ އިޒްރޭލުންނެވެ. އެއާއެކު ހަމަލާ ބަދަލު ކުރުން މެދުކަނޑާލުމަށް ދެ ގައުމުގެ 1949 ގައި އެއްބަސްވުމެއްގައި ސޮއިކުރި އެވެ.

ސުއެޒް

މިސްރުގެ އޭރުގެ ލީޑަރު ޖަމާލް އަބްދުލް ނާސިރް ޒުއެޒް ކެނަލް "ނެޝަނަލައިޒް" ކުރީ އޮކްޓޯބަރު 1956 ގަ އެވެ. އޭގެ ތިން މަސް ފަހު އިޒްރޭލުގެ ޓޭންކަރުތައް ސައިނާ ޕެނިންސޫލާ އަށް ފޮނުވި އެވެ. ސާޅީސް އަށް ގަޑިއިރުގެ ތެރޭގައި ޓޭންކަރުތައް ވަނީ ސުއެޒް ކެނަލްއާ ހަމައަށް ފޯރާފަ އެވެ.

އެ އޮޕަރޭޝަނަކީ އިޒްރޭލުން ފްރާންސާއި އިނގިރޭސި ވިލާތާއެކު ހިންގި ސިއްރު އޮޕަރޭޝަނެކެވެ. އިޒްރޭލުގެ ޓޭންކަރުތައް ކެނަލްއާ ހަމައަށް ފޯރުމާއެކު އެ ދެ ގައުމުގެ ސިފައިން ކެނަލް ޒޯނަށް ވަދެގަތެވެ.

ނަމަވެސް އެމެރިކާ އާއި އދ. އަދި ސޯވިއެޓް ޔޫނިއަންގެ ޕްރެޝަރު ބޮޑުވެ، އިޒްރޭލާއި ފްރާންސް އަދި އިނގިރޭސި ވިލާތަށް ވެސް ޖެހުނީ ސިފައިން އަނބުރާ ގެންދާށެވެ.

ހަ ދުވަހުގެ ހަނގުރާމަ

އަރަބި ގައުމުތަކުން ދެ ވަނަ ފަހަރަށް އިޒްރޭލާ ދެކޮޅަށް ކުރި ހަ ދުވަހުގެ ހަނގުރާމައިން ވެސް ކުރި ލިބުނީ އިޒްރޭލަށެވެ. ޖޫން، 6، 1967 ގައި މިސްރާއި، ސީރިއާ އަދި އުރުދުން ހަނގުރާމައިން ބަލިވެ، އިޒްރޭލުން ބޮޑެތި ސަރަހައްދުތަކެއް ހިފި އެވެ. އޭގެ ތެރޭގައި ސައިނާ އާއި ގާޒާ އާއި އިރުމަތީ ގުދުސް އަދި ގޯލަން ހައިޓްސް ހިމެނެ އެވެ.

ގޯލަން ހައިޓްސްގައި އިޒްރޭލުގެ ޓޭންކަރުތައް.


އަރަބި ދުނިޔޭގައި އޭރު އެންމެ ވަރުގަދަ އަސްކަރީ ބާރަކީ މިސްރެވެ. އެހެންކަމުން ދެ ވަނަ ފަހަރަށް ހަނގުރާމައިން ބަލިވެ، ބިމުގެ ސަރަހައްދުތަކެއް ގެއްލުމުން މިސްރަށް ބޮޑު ލަދަކާ ކުރިމަތިވި އެވެ. ހަނގުރާމަ ނިމުނުއިރު މިސްރުގެ ވައިގެ ފައުޖު ވެސް އެއްކޮށް ނެތި ހިނގައްޖެ އެވެ.

ސައިނާގެ ބިން އަލުން އަނބުރާ ހޯދަން ބޭނުން ވާތީ، ދެން މިސްރުން ގެންގުޅުނު ވިސްނުމަކީ އިޒްރޭލާ މެދު ތަންކޮޅެއް ލުއިކޮށް ވިސްނުމުގެ ސްޓްރެޓެޖީ އެވެ.

އޭގެ ފަހުން 1970 ގައި ނާސިރުގެ ލީޑާޝިޕްގެ ދަށުން އަރަބި-އިޒްރޭލް ހަމަނުޖެހުމަށް ހައްލު ހޯދަން އެމެރިކާއިން ހުށަހެޅި ރޮޖާޒް ޕްލޭނަށް މިސްރުން ތާއީދު ކުރި އެވެ.

ޔޮމް ކިޕޫރް

ޔޮމް ކިޕޫރަކީ ޔަހޫދީންނަށް ހާއްސަ ޗުއްޓީ އެކެވެ. އޮކްޓޯބަރު 6، 1976 ގައި އެ ދުވަހާ ދިމާކޮށް މިސްރާއި ސީރިއާއިން އިޒްރޭލުން އޭރު ކޮންޓްރޯލް ކުރަމުން ދިޔަ ސައިނާ އާއި ގޯލަން ހައިޓްސް އަނބުރާ ހޯދަން ކުއްލި ހަމަލާތަކެއް ދިނެވެ.

އެ ބިންތައް އަނބުރާ ނުލިބުނު ނަމަވެސް ސުއެޒް ކެނަލް ސަރަހައްދަށް އިޒްރޭލަށް ކައިރިނުވެވޭނެ ގޮތް މިސްރުން ހެދި އެވެ.

ކޭމްޕް ޑޭވިޑް އެއްބަސްވުން

އިޒްރޭލަށް ނޮވެމްބަރު 19، 1977 ގައި ވަޑައިގެންނެވި މިސްރުގެ ރައީސް އަންވަރު ސާދަތު އަކީ އިޒްރޭލުގެ ފަސްގަނޑަށް ވަޑާއިގެންނެވި ފުރަތަމަ އަރަބި ލީޑަރެވެ. އޭގެ އަހަރެއް ފަހުން ދެ ގައުމުން ކޭމްޕް ޑޭވިޑް އެއްބަސްވުމުގައި ސޮއިކުރި އެވެ.

ސުލްހަ ގާއިމްކުރުމުގެ އެ އެއްބަސްވުމުގައި ސޮއިކުރީ މާޗް، 26، 1979 ގަ އެވެ. އެއްބަސްވުމުގެ ދަށުން ސައިނާގެ ބިމުގައި އާބާދު ކުރި ޔަހޫދީ ގެތައް ރޫޅާލުމަށް ފަހު އެ ބިން އަނބުރާ 1982 ގައި މިސްރަށް ދިނެވެ.

ކޭމްޕް ޑޭވިޑް އެއްބަސްވުމުގައި ސޮއިކުރަނީ. މިސްރުގެ ރައީސް އަންވަރު ސާދަތް (ވ) އަދި އެމެރިކާގެ ރައީސް ޖިމީ ކާޓާ (މ) އަދި އިޒްރޭލުގެ ބޮޑުވަޒީރު.


އޭގެ ބަދަލެއްގެ ގޮތުން މިސްރު ވެގެން ދިޔެއީ އިޒްރޭލާއެކު ސުލްހަ ގާއިމްކުރި ފުރަތަމަ އަރަބި ގައުމަށެވެ. އޭގެ ފަހުން އިޒްރޭލާއި މިސްރާ ދެމެދު ޑިޕްލޮމެޓިކް އަދި އިގްތިސާދީ ގުޅުން ގާއިމްކުރި އެވެ.

އެހެން ރަރަބި ގައުމުތަކުން އެކަމަށް ފާޑުކިޔަމުން ދިޔަ އެވެ. އެއާއެކު މިސްރުގެ އެތެރޭގައި ވެސް ރައީސް ސަދާތަށް ބޮޑެތި ފާޑުކިޔުންތަކާ ކުރިމަތިވެ، 1981 ގައި އެމަނިކުފާނު އަވަހާރަކޮށްލި އެވެ.

ފިނި ސުލްހައެއް

ސަދާތަށް ފަހު މިސްރުގެ ރައީސްކަމަށް ވަޑައިގެންނެވި ހުސްނީ މުބާރަކް އިޒްރޭލާއެކު ބޭއްވީ ދުރު ގުޅުމެކެވެ. އަރަބި ގައުމުތަކުގެ ވިސްނުމާއި ގައުމުގެ އެތެރޭގައި އޮތް ޝުއޫރުތަކަށް އެމަނިކުފާނު އިސްކަން ދެއްވި އެވެ.

އިޒްރޭލުން 1982 ގައި ލުބްނާނަށް އެރުމުން ތެލް އަވީވްގައި ހުންނަ މިސްރުގެ ސަފީރު އަނބުރާ ގައުމަށް ގެނަ އެވެ. އޭގެ ފަހުން 2000 ވަނަ އަހަރު ފަލަސްތީނުގެ ރައްޔިތުންނާ މެދު އިޒްރޭލުން އަމަލު ކުރާ ގޮތުގެ ސަބަބުން ވެސް މިސްރުގެ ސަފީރު އަނބުރާ ގެންދިޔަ އެވެ.

މިސްރުގެ ހުސްނީ މުބާރަކް އަދި ފަލަސްތީނުގެ ޔާސިރް އަރަފާތު.


ދެހާސް އެގާރަ ވަނަ އަހަރުގެ އަރަބި ސްޕްރިންގް އިންގިލާބުގައި މުބާރަކުގެ ވެރިކަން ވެއްޓުމާއެކު އިޒްރޭލާއި މިސްރާ ދެމެދު ގާއިމްކޮށްފައި އޮތް ގޭސްޕައިޕްލައިނަށް ބޮޑެތި ގެއްލުންތައް ދިނެވެ. ސެޕްޓެމްބަރު 2011 ގައި މިސްރުގެ ރައްޔިތުން ވަނީ ގާހިރާގައި ހުންނަ އިޒްރޭލް އެމްބަސީއަށް ވަދެގަނެ، ލިޔެކިޔުންތައް ވެސް މަގުމައްޗަށް އުކާފަ އެވެ.

އޭރު ވެރިކަމަށް ވަޑައިގެންނެވި މުހައްމަދު މުރްސީ 2013 ވަނަ އަހަރު އަސްކަރީ ބަގާވާތަކުން މަގާމުން ދުރުކުރި އެވެ. މުރްސީގެ ވެރިކަމުގައި މިސްރާއި އިޒްރޭލުގެ ގުޅުމަށް މާ ބޮޑު ބަދަލެއް ނާދެ އެވެ.

ގާތް ގުޅުމެއް

ޖެނުއަރީ 2020 ގައި އިޒްރޭލުގެ ގުދުރަތީ ގޭސް މިސްރަށް ގެންގޮސް، ތައްޔާރުކޮށް ޔޫރަޕަށް އެކްސްޕޯޓް ކުރަން ފެށި އެވެ. އެކަން ކުރަނީ 15 ބިލިއަން ޑޮލަރުގެ 15 އަހަރަށް ދެމިގެންދާ އެއްބަސްވުމެއްގެ ދަށުންނެވެ.

މޭ 2020 ގައި އިޒްރޭލުގެ ފޮރިން މިނިސްޓަރު ގަބީ އަޝްކެނާޒީ މިސްރަށް ވަޑައިގެންނެވި އެވެ. އޭނާއަކީ 13 އަހަރަށް ފަހު މިސްރަށް ވަޑައިގެންނެވި އިޒްރޭލުގެ އެންމެ އިސް ޑިޕްލޮމެޓެވެ. އޭގެ ފަހުން މި އަހަރުގެ މޭ މަހު އިޒްރޭލާއި ގާޒާގައި ވެރިކަން ކުރާ ހަމާސްއާ ދެމެދު 11 ދުވަސް ވަންދެން ހަމަލާ ބަދަލު ކުރުމަށް ފަހު، ހަމަލާ ހުއްޓާލަން އެއްބަސްވީ މިސްރު މެދުވެރިވެގެންނެވެ.