17 ސެޕްޓެންބަރު 2021 - 10:16 0
އެތުލެޓިކޯ މެޗެއްގެ ތެރެއިން ގްރީޒްމަން.
17 ސެޕްޓެންބަރު 2021 - 10:16 0
މެޑްރިޑް (ސެޕްޓެމްބަރު 17) - އެތުލެޓިކޯ މެޑްރިޑާ މި ފަހަރު އަލުން ގުޅުނު ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އަށް އެ ކްލަބްގެ ސަޕޯޓަރުންގެ ޕްރެޝަރު ކުރިމަތިވާން ފަށައިފި އެވެ.
ޗެމްޕިއަންސް ލީގުގައި ޕޯޓޯއާ ދެކޮޅަށް އެތުލެޓިކޯ އެއްވަރުވި މެޗުގައި ގްރީޒްމަން ފައިގައި ބޯޅަ ޖެހުމާ އެކު އެތުލެޓިކޯ ސަޕޯޓަރުން ދިޔައީ އަޑުގަދަ ކުރަމުންނެވެ. މެޗަށް ފަހު ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި އެތުލެޓިކޯ ސަޕޯޓަރުން ގްރީޒްމަން ދެކެ ހިތްހަމަނުޖެހިފައި ހުރީ މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރު ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވިއިރު، ކުއްލިއަކަށް ނިންމުން ބަދަލު ކުރުމުންނެވެ. ނިންމުން ބަދަލުކުރުމުގެ ކުރިން ގްރީޒްމަން ދިޔައީ ފައިސާ އަށް ކްލަބް ބަދަލުނުކުރާނެ ކަމަށް ބުނެ، އެތުލެޓިކޯގައި މަޑުކުރާނެ ކަމަށް ބުނެ އިންޓަވިއު ދެމުންނެވެ.
ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވީ އެތުލެޓިކޯއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލަށް ދައްކަންޖެހޭ 120 މިލިއަން ޔޫރޯ (135 މިލިއަން ޑޮލަރު) ދައްކަން ބާސެލޯނާ އިން އެއްބަސްވުމުންނެވެ. އޭނާ ބާސެލޯނާއާ އެކު ފަސް އަހަރަށް ސޮއިކުރިއިރު އެ އެއްބަސްވުން ހަމަވާނީ 2024 ގަ އެވެ.
އެކަމަކު، އެ އެއްބަސްވުން ހަމަވުމުގެ ކުރިން ގްރީޒްމަން އަލުން އެތުލެޓިކޯ އަށް މި ފަހަރު ދޫކޮށްލީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ދާއިމީ ކޮންޓްރެކްޓެއްގައި ގްރީޒްމަން އެތުލެޓިކޯގައި މަޑުކުރުވާނަމަ މި ސީޒަން ނިމުމުން 50 މިލިއަން ޑޮލަރު ދޭން ޖެހޭނެ އެވެ.
އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ ސަޕޯޓަރުންގެ ހިތް ރުއްުސުން އޮތީ ގްރީޒްމަން އަތުގައި ކަަމަށާއި މޮޅަށް ކުޅޭނަމަ އެތުލެޓިކޯ ސަޕޯޓަރުން ގްރީޒްމަން ބަލައިގަންނާނެ ކަމަށެވެ.
ރެއާލް ސޮސިއެޑާޑުން 2014 ވަަނަ އަހަރު އެންމެ ފުރަތަމަ އެތުލެޓިކޯ އަށް ބަދަލުވި ގްރީޒްމަން ވަނީ އެ ޓީމަށް އެ ފަހަރު ކުޅެދިން 256 މެޗުން 133 ގޯލު ކާމިޔާބުކޮށްފަ އެވެ. އަދި އެ ޓީމާ އެކު ޔޫރޮޕާ ލީގު، ސްޕެނިޝް ސުޕަ ކަޕް އަދި ޔުއެފާ ސުޕަ ކަޕް ކާމިޔާުބުކުރި އެވެ. އަލުން އެތުލެޓިކޯ އަށް ބަދަލުވެ މިހާތަނަށް ކުޅުނު މަދު މެޗުތަކުގައި ގްރީޒްމަންގެ މޮޅު ކުޅުން އަދި ނުފެނެ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެތުލެޓިކޯއާ ގުޅުނު އާޖެންޓީނާގެ މިޑްފީލްޑަރު ރޮޑްރީގޯ ޑެ ޕޯލް ބުނީ ގްރީޒްމަން އަށް އެހީތެރިވެދޭން އެތުލެޓިކޯ ކުޅުންތެރިން ވެސް ބޭނުންވާ ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި ގްރީޒްމަންގެ މޮޅު ކުޅުން ފެންނާނެ ކަމަށް ޑެ ޕޯލް ވަނީ ބުނެފަ އެވެ.
Comment