Advertisement

ކޮވިޑު ވްކެސިންގެ ތިން ވަނަ ޑޯޒުން އިޒްރޭލަށް އައީ ކޮން ބަދަލެއް؟

16 ސެޕްޓެންބަރު 2021 - 16:16 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލުގައި އުމުރުން 12 އަހަރުން މަތީގެ އެންމެންނަށް މިހާރު ދަނީ ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒް ދެމުން.


ކޮވިޑު ވްކެސިންގެ ތިން ވަނަ ޑޯޒުން އިޒްރޭލަށް އައީ ކޮން ބަދަލެއް؟

16 ސެޕްޓެންބަރު 2021 - 16:16 0

ކޮވިޑާ ދެކޮޅަށް ވެކްސިން ދިނުމުގައި ދުނިޔޭގެ އެންމެ ކާމިޔާބު އެއް ގައުމަކީ އިޒްރޭލެވެ. އާބާދީގެ ބޮޑު ބަޔެއް ދެ ޑޯޒް ފުރިހަމަ ކުރުމާއެކު އެ ގައުމުގައި މިހާރު ދަނީ އިތުރު ރައްކާތެރިކަމެއްގެ ގޮތުން ބޫސްޓާ ޝޮޓެއް ނުވަތަ ތިން ވަނަ ޑޯޒެއް ވެސް ޖަހަމުންނެވެ.

މިދިޔަ ޖޫން މަހު ވެރިކަމަށް ވަޑައިގެންނެވި ބޮޑު ވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވެފައި ވަނީ އިތުރު ލޮކްޑައުނަކަށް ނުގޮސް ކުރިއަށް ދިޔުމަށް ކުރަން ޖެހުނު ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. ނަމަވެސް 9.3 މިލިއަން މީހުން ދިރިއުޅޭ އިޒްރޭލުގައި އަނެއްކާވެސް ދުވާލެއްގެ މައްޗަށް 10،000 ކޭސް ދަނީ ފެންނަމުންނެވެ.

ސެޕްޓެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ސްކޫލުތައް އަލުން ހުޅުވާފައި ވާއިރު، ޔަހޫދީންގެ އަޅުކަމަށް ހާއްސަ ސައިނަގޯގްތައް ވެސް ހުޅުވަން ވަނީ ނިންމާފަ އެވެ. ނަމަވެސް އަޅުކަމަށް ހާއްސަ ބޮޑެތި އެއްވުންތައް ބޭއްވުން މަދު ކުރަން ހާއްސަ ފިޔަވަޅުތައް އަޅަމުން ދާނެ އެވެ.

ލޮކްޑައުނަކަށް ނުގޮސް ދެމިއޮތުމަށް އިޒްރޭލުން ގެންގުޅޭ މަސްހުނި ސިޔާސަތާ މެދު އާއްމުން އެހާ ހިތްހަމައެއް ނުޖެހެ އެވެ. އެއީ ސްކޫލަށް ދިޔުމަށާއި އެހެން ހަރަކާތްތަކުގައި އުމުރުން 12 އަހަރުން ދަށުގެ ކުދިން ބައިވެރި ކުރުމަށް ތަކުރާރުކޮށް ޕީސީއާރް ޓެސްޓު ހަދަން މަޖުބޫރުވެފައި ވާތީ އެވެ.

ބެނެޓްގެ ސަރުކާރުން ގެންގުޅޭ ސްޓްރެޓެޖީގެ އެންމެ މުހިއްމު ކަމަކީ ފައިޒާ ވެކްސިންގެ ތިން ވަނަ ޑޯޒެއް އުމުރުން 12 އަހަރުން މަތީގެ އެންމެންނަށް ދިނުމެވެ. ނަމަވެސް ތިން ވަނަ ޑޯޒެއްގެ ބޭނުމެއް ނެތް ކަމަށާއި އެއީ ވެކްސިން ނުލިބި ތިބި ގައުމުތަކަށް ނާއިންސާފެއް ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައި ވެ އެވެ.

ނަމަވެސް އުމުރުން 49 އަހަރުގެ ބެނެޓް މި ހަފުތާގައި ވެސް ވިދާޅުވީ ސަރުކާރުގެ ސްޓްރެޓެޖީ ކާމިޔާބު ކަމަށެވެ.

"ވަރަށް ގިނަ މީހުން ތިބީ ޝައްކެއްގައި. އެކަމަކު މި ސްޓްރެޓެޖީ ވަރަށް ކާމިޔާބު،"

އާއްމު ސިއްހަތާ ގުޅޭ ތަޖުރިބާކާރުން ވެސް ބުނެފައި ވަނީ އެއީ ކާމިޔާބު ސްޓްރެޓެޖީއެއް ކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ރޭޓު މަތިވި ނަމަވެސް، ބަލީގައި ހާލު ގޯސްވާ ކޭސްތައް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.

ތިން ވަނަ ޑޯޒް

އިޒްރޭލުގައި ކޮވިޑާ ދެކޮޅަށް ވެކްސިން ޕްރޮގްރާމް ފެށީ މިދިޔަ ޑިސެމްބަރު މަހު އެވެ. ހަލުވިކަމާއެކު ހިންގި އެ ޕްރޮގްރާމާއެކު މި އަހަރުގެ ޖޫން މަހާ ހަމައަށް ދިޔައިރު ކޭސްތައް ވަރަށް ބޮޑަށް ތިރިއަށް ގޮސް، ބަލިމަޑުކަމާ ގުޅިގެން އެޅި ހުރިހާ ފިޔަވަޅެއް އުވާލި އެވެ.

ނަމަވެސް ޖުލައި މަހު އަނެއްކާވެސް ކޭސްތައް މަތިވާން ފެށުމާއެކު ސިއްހީ ތަޖުރިބާކާރުންނަށް ކުރިމަތިވީ މުހިއްމު ސުވާލުތަކެކެވެ.

ކޭސް އިތުރުވާން ފެށީ ފައިޒާ ވެކްސިން ދިންތާ ފަސް މަސް ފަހުން އޭގެން ލިބޭ ރައްކާތެރިކަން ކުޑަވާން ފެށުމުން ހެއްޔެވެ؟ ނުވަތަ ޑެލްޓާ ވޭރިއެންޓާ ދެކޮޅަށް ފައިޒާ ވެކްސިނުން ލިބޭ ރައްކާތެރިކަން ކުޑައީ ހެއްޔެވެ؟

އެއާއެކު ތިން ވަނަ ޑޯޒް ދޭން ފެށިތާ ހަފުތާތަކެއް ފަހުން ތަފާސްހިސާބަށް ބަދަލު އަންނަން ފަށައިފި އެވެ. ކޮވިޑުގައި ހާލު ސީރިއަސްވާ ކޭސްތައް ޖުލައި މަހުގައި ހުރީ 70 ގަ އެވެ. އޯގަސްޓު މަހުގެ މެދާ ހަމައަށް ދިޔައިރު އެ އަދަދު 600 އަށް މަތިވެއްޖެ އެވެ. ނަމަވެސް މިހާރު އަދަދު ހުރީ އެއް ވަރެއްގައި ހިފެހެއްޓިފަ އެވެ. އޭގެ އިތުރުން ތިން ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ފެންނަ ކޭސްތައް ވަރަށް މަދެވެ.

ވެއިޒްމެން އިންސްޓިޓިއުޓް އޮފް ސައިންސްގެ ގަބީ ބާބޭޝް ވިދާޅުވީ "ހަތަރު ވަނަ ރާޅު ކުރިމަތިވީ ވެކްސިނުން ލިބުނު ރައްކާތެރިކަން ކުޑަވާން ފެށުމުންކަން" މިހާރު ސާފު ކަމަށެވެ.

"ފައިޒާ ވެކްސިންގެ އިފެކްޓިވްނެސް ފަސް މަސް ފަހުން ކުޑަވާކަން ވަރަށް ސާފު،" އޭނާ ވިދާޅުވި އެވެ.

"ރައްކާތެރިކަން ކުޑަވާ ދަނޑިވަޅުގައި ހަލުވިކަމާއެކު ފެތުރޭ ޑެލްޓާ ފަދަ ވޭރިއެންޓަކާ ކުރިމަތިވެއްޖެ ނަމަ، ބޮޑު ކާރިސާއެއް އުފެދިދާނެ."

ފަގީރު ގައުމުތަކަށް ވެކްސިން ނުލިބިގެން އުޅެނިކޮށް އިޒްރޭލުން ތިން ވަނަ ޑޯޒް ޖަހަން ފަށާފައި ވާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ފާޑުކިޔުން އިޒްރޭލަށް އަމާޒުވި އެވެ. އެކަމާ ގުޅިގެން ބާބޭޝް ވިދާޅުވީ އިޒްރޭލަކީ ކުޑަ އާބާދީއެއް ކަމަށާއި އެ ގައުމުގައި ތިން ވަނަ ޑޯޒެއް ދޭން ފެށުމުން ދުނިޔޭގެ ވެކްސިން ސަޕްލައި ހުސްނުވާނެ ކަމަށެވެ.

އޭގެ އިތުރުން ތިން ވަނަ ޑޯޒް ދޭން ނުފެށި ނަމަ މަހަކު 1،000 މީހުން އިޒްރޭލުގައި މަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ބަލިމަޑުކަން ފެށުނު ފަހުން ކޮވިޑް ޖެހިގެން އިޒްރޭލުގެ 7،400 އަށް ވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައި ވެ އެވެ.

ބާ އިލާން ޔުނިވާސިޓީގެ ލައިފް ސައިންސަސް ޕްރޮފެސަރު ސިރިލް ކޮހެން ފާހަގަކުރެއްވި ގޮތުގައި ތިން ވަނަ ޑޯޒުން ކުރާ ފައިދާ އެންމެ ބޮޑަށް ފެންނަނީ އުމުރުން 60 އަހަރުން މަތީގެ މީހުންގެ ތަފާސްހިސާބަށް ބަލާލުމުންނެވެ.

"އުމުރުން 60 އަހަރުން މަތީގެ މީހަކު ވެކްސިން ނުޖަހާ ހުރި ނަމަ، ކޮވިޑުގައި ހާލު ސީރިއަސްވުމުގެ ފުރުސަތު 35 ގުނަ އިތުރު. ދެ ޑޯޒް ޖަހައިގެން ބޫސްޓާ ޝޮޓު ނުޖަހާ ހުރި ނަމަ ހާލު ސީރިއަސްވުމުގެ ފުރުސަތު ކުޑަވަނީ އަށް ގުނަ އަށް."