Advertisement

ފުލުހުން ގަސްތުގައި އިޖުރާއަތާ ހިލާފުނުވާނެކަން ސީޕީއަށް ޔަގީން

15 ސެޕްޓެންބަރު 2021 - 14:38 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީޕީ ހަމީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


ފުލުހުން ގަސްތުގައި އިޖުރާއަތާ ހިލާފުނުވާނެކަން ސީޕީއަށް ޔަގީން

15 ސެޕްޓެންބަރު 2021 - 14:38 1

އެކި ކުށްތަކާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ ގަސްތުގައި ހިލާފުނުވާނެކަމުގެ ޔަގީންކަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ދެއްވައިފި އެވެ.

ހަމީދު އެގޮތަށް ވިދާޅުވެފައިމިވަނީ ހެކި ހޯދުމުގައި ކަނޑައެޅިފައިވާ އިޖުރާއަތާ ހިލާފުވާ 10 ފުލުހެއް ފާހަގަކުރެވިފައިވާ ކަމަށާއި، އެކަން ފުލުހުންގެ އިދާރާގެ ސަމާލުކަމަށް ގެނެވިފައިވާކަމަށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ދާދި ފަހުން ވިދާޅުވެފައިވަނިކޮށެވެ.

މަސްތުވާތަކެތީގެ ފަރުވާ ފޭލްވެފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ މެދު ކަންބޮޑުވުންފާޅުކޮށް "ޗޭންޖް އެންޑީއޭ"ގެ ނަމުގައި އަމިއްލަ ޖަމިއްޔާއަކުން ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭގޮތުން، މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހަމީދު ވިދާޅުވީ ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ގަސްތުގައި އިޖުރާއަތްތަކާ ހިލާފަށް އަމަލުކުރާ ކަމުގެ ތުހުމަތު ކުރެވޭ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ޝަރީއަތުގެ މަރުހަލާއިން ދޫވަމުންދާކަމުގެ ތުހުމަތު ފުލުހުންނަށް އަމާޒުވާ ކަމަށެވެ.

ނަމަވެސް، ސީޕީ ވިދާޅުވި ގޮތުގައި ފުލުހުން ގަސްތުގައި އެފަދަ އަމަލެއް ނުހިންގާނެ އެވެ.

ގިނަ ފަހަރު އިޖުރާއަތާ ހިލާފަށް އަމަލުކުރެވެނީ ލިބޭ މައުލޫމާތެއްގެ ދަށުން ހަގީގީ އިހުތިސޯސް އޮންނަ ކޯޓަކުން އަމުރު ހޯދުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން އެގޮތަށް ކުރަންޖެހެނީ ވަގުތު ފާއިތުވުމުގެ ކުރިން މަސްތުވާތަކެތި އަތުލައިގަތުމުގެ ބޭނުމުގައިކަން ސީޕީ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އިސްކޮށްފައި ހުންނާނީ ރައްޔިތުންގެ މަސްލަހަތު. އަޅުގަނޑުމެންގެ އިޖުރާއަތެއް ގޯސްވެގެން ހަ މީހަކު ދޫވެގެން ދިޔުންތޯ ނޫނީ 170 ކިލޯގެ މަސްތުވާތަކެތި އެތެރެވެގެން އޭގެ ސަބަބުން މުޖުތަމައުގެ ތެރޭގައި ބަޔަކު ހަލާކުވެގެން ދިޔުންތޯ (ރަނގަޅީ)؟،" އިޖުރާއަތްތަކާ ހިލާފުވާއިރު ފުލުހުންގެ ގެންގުޅޭ ވިސްނުން ސާފުކޮށް ދެއްވަމުން ހަމީދު ވިދާޅުވި އެވެ.

ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި އިޖުރާއަތާ ހިލާފުވެފައިވާ 10 ފުލުހެއްގެ މައްސަލަ ފާހަގަކުރެވިގެން، އެކަން ފުލުހުންނާ ހިއްސާކުރެވިފައިވާކަން ޕީޖީ ވަނީ ހާމަކުރައްވައިފަ އެވެ.

ނަމަވެސް، ފުލުހުންނާ ދެކޮޅަށް އާންމުންގެ ތެރޭގައި ތުހުމަތުތައް ކުރެވުނު ނަމަވެސް، ވަކި ބަޔަކަށް ފައިދާއެއް ހޯދައިދޭން ފުލުހުން އަމަލުނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޕީޖީ ޝަމީމް ވެސް ބައިވެރިވެވަޑައިގެންނެވި ކޮމިޓީ ބައްދަލުވުމުގައި ހަމީދު މިއަދު ވިދާޅުވި އެވެ.

ސީޕީ ވިދާޅުވި ގޮތުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުންނަށް ބޮޑެތި ކުރިއެރުންތައް ވަނީ ހޯދިފަ އެވެ.

ނަމަވެސް، ޒަމާނުއްސުރެ ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނީ ކަމާގުޅުން ހުރި ހުރިހާ މުއައްސަސާތަކެއް އެކުގައި، އެއް އަމާޒަކަށް މަސައްކަތްކޮށްގެން ކަމަށް ހަމީދު އިތުރަށް ވިދާޅުވި އެވެ.