Advertisement

18 އަހަރުގެ ތަރި އެމާ ސްޕޮންސަކުރަން ގިނަ ހުށަހެޅުންތަކެއް!

15 ސެޕްޓެންބަރު 2021 - 12:37 0

ޓެނިސް ތަރި އެމާ ރަޑުކާނޫ: ޔޫއެސް އޯޕަންގެ ފައިނަލް މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ


18 އަހަރުގެ ތަރި އެމާ ސްޕޮންސަކުރަން ގިނަ ހުށަހެޅުންތަކެއް!

15 ސެޕްޓެންބަރު 2021 - 12:37 0

ލަންޑަން (ސެޕްޓެމްބަރު 15) - ދާދި ފަހުން ޔޫއެސް އޯޕަންގެ އަންހެން ސިންގަލްސް ތަށި އުފުލާލި އިނގިރޭސި ޓެނިސް ތަރި އެމާ ރަޑުކާނޫ ސްޕޮންސަކުރަން ގިނަ ކުންފުނިތަކުން ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 18 އަހަރުގެ އެމާ އަށް ވަަނީ ޔޫއެސް އޯޕަން ތަށި އުފުލާލުމާ އެކު މުބާރާތުގެ ޗެމްޕިއަނަށް ދޭ އިނާމް ފައިސާ ކަމަށްވާ 2.5 މިލިިއަން ޑޮލަރު ލިބިފަ އެވެ. އެ އިނާމް ފައިސާ އިން އެންމެ ފުރަތަމަ ގަންނާނީ ކޮން އެއްޗެއްތޯ އީއެސްޕީއެން އިން ކުރި އިންޓަވިއުއެއްގައި އެމާ ބުނީ އެ ވަގުތަށް އޭނާ އަށް އެންމެ ބޭނުންވަނީ ޔޫއެސް އޯޕަން މެޗެއްގެ ތެރެއިން ގެއްލުނު އޭނާގެ އެޕަލް އިއާޕޮޑްގެ ބަދަލުގައި އާ އެއްޗެއް ގަތުން ކަަމަށެވެ.

އެމާ އަށް ވިމްބަލްޑަން ޓެނިސް މުބާރާތާއި ޔޫއެސް އޯޕަންގެ ފައިނަލާ ހަމައަށް ވެސް ވަނީ މެޗުތަކުން މޮޅުވެގެން 303،000 ޑޮލަރު ލިބިފަ އެވެ.

ޔޫއެސް އޯޕަންއާ ކުރިމަތިލިއިރު، އެމާގެ ޖޯޒީ ސްޕޮންސަކޮށްފައިވަނީ މަޝްހޫރު ބްރޭންޑް ނައިކީ އިންނެވެ. އަދި ރެކެޓް ސްޕޮންސަރުންނަކީ ވިލްސަން އެވެ.

ރިޕޯޓްތައް ބުނާގޮތުން އެމާ އަށް މިހާރު އެޑިޑާސް އާއި މަޝްހޫރު ކާރު ބްރޭންޑްތަކުގެ ސްޕޮންސަޝިޕް ހުށަހެޅުންތައް ލިބެމުން އަންނައިރު، ވޯގްގެ އޮކްޓޫބަރު މަހު ނެރޭ މެގަޒިންގައި އެމާ ހިމަނަން ވެސް ވަނީ ހުށަހަޅައިފަ އެވެ.

އެމާ ޔޫއެސް އޯޕަންގެ ތަށި ހިފައިގެން.-- ފޮޓޯ: އޭއެފްޕީ


އެމާގެ ކިޔެވުން ސްޕޮންސަކުރަން އަމިއްލަ ޖަމިއްޔާތަކުން ވެސް ވަނީ ހުށަހަޅައިފަ އެވެ. އެމާ ވަނީ މީގެ ދެ މަސް ކުރިން އޭ ލެވަލް އިމްތިހާނުގައި ބައިވެރިވެ، ހިސާބާއި އިކޮނޮމިކްސް އިން މަތީ ވަނައެއް ހޯދައިފަ އެވެ.

ފޯބްސް މެގަޒިންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަންހެން ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓެނިސް ކުޅުންތެރިންނަށެވެ. މުސްތަގުބަލުގައި އެމާ އަށް ވެސް ފޯބްސް މެގަޒިންގެ މުއްސަނދި ކުޅުންތެރިންގެ ލިސްޓުން ޖާގަ ލިބޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެމާ އަށް ގިނަ ބަޔެއްގެ ތައުރީފް

ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ބަޔެއްގެ ސަމާލުކަން ހޯދާފައިވާ އެމާ، ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން ހޯދުމާ އެކު 44 އަހަރަށް ފަހު އިނގިރޭސި އަންހެން ކުުުޅުންތެރިއަކަށް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއް ކާމިޔާބު ކުރުމުގެ ޝަރަފް ލިބުނީ އެވެ. އެމާ އެ މުބާރާތުގެ ޗެމްޕިއަންކަން ލިބުނުއިރު، ގިނަ ރެކޯޑްތަކެއް ވަނީ ހަދައިފަ އެވެ. ހާއްސަކޮށް އެމާ އެ މުބާރާތް ކާމިޔާބުކުރީ އެންމެ ސެޓެއް ވެސް ނުގެއްލި އެވެ.

ޔޫއެސް އޯޕަން އަށް ނުކުތްއިރު އެމާ އަށް ޕްރޮފެޝަނަލްކޮށް ޓެނިހުގައި ކުރިއަށް ދެވިދާނެތޯ ވެސް އޮތީ ސުވާލު އުފެދިފަ އެވެ. އެއީ މިދިޔަ ޖުލައި މަހު ވިމްބަލްޑަން ޓެނިސް މުބާރާތުގެ ގަދަ 16 ކުުޅުންތެރިންގެ ބުރުގައި ނޭވާލާން އުނދަގޫވެގެން އެމާ އަށް މެޗު ދޫކޮށްލަން ޖެހުމުންނެވެ.

ވިމްބަލްޑަން އަކީ އެމާގެ ފުރަތަަމަ ގްރޭންޑް ސްލޭމް މުބާރާތެވެ. އެ މުބާރާތުން ލިބުނު ފިލާވަޅުން ހިތްވަރު ހޯދައި ދެ ވަނަ ގްރޭންޑް ސްލޭމް މުބާރާތުން އެމާ މި ވަނީ ރަން ވަނަ ހޯދައިފަ އެވެ.

އިނގިރޭސި މަޝްހޫރު ކުޅުންތެރިޔާ އެންޑީ މަރީ ބުނީ އިނގިރޭސި އަންހެން ކުޅުންތެރިން ޓެނިހުގައި ކުރިއަށްދާން ބޭނުންނަމަ މިސާލަކަށް ނަގަންވީ އެމާ ކަމަށެވެ. އަދި ޔޫއެސް އޯޕަންގައި އެމާ އެ ހާސިލްކުރި ކާމިޔާބީ ހޯދޭނީ ވަރަށް ކެރިގެން ވަރަށް ހިތްވަރާ އެކު ހުރިހާ ޗެލެންޖަކަށް ކުރިމަތިލައިގެން ކަމަށް މަރީ ބުނެފައިވެ އެވެ.

އެމާގެ ކާމިޔާބީ އަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވެސް ވަނީ ތައުރީފް ކޮށްފަ އެވެ. ކްލޮޕް ބުނީ ކުރިއަށް އޮތްތަނުގައި މިހާރަށް ވުރެ ގިނައިން އަންހެން ޓެނިސް ބަލާނެ ކަމަށެވެ. އެމާގެ ފަރާތުން ޒުވާން އުމުރުގައި އެ ފެނުނު އާދަޔާހިލާފު ހުނަރުގެ ސަބަބުން އޭނާގެ ކެރިއަރުގައި ކުރިއަށްދާ ގޮތް ބަލަން ވަރަށް ޝައުގުވެރިވާ ކަމަށް ކްލޮޕް ބުނެފައިވެ އެވެ.

އިނގިރޭސި މީޑިއާގެ ބޮޑު ކަވަރޭޖެއް އަންނަނީ އެމާ އަށް ހާއްސަ ކުރަމުންނެވެ. އިނގިރޭސި ސަރުކާރުން ވަނީ އެމާ ހޯދި ކާމިޔާބީ އަށް އޭނާ އަށް މަރުހަބާ ކިޔައިފަ އެވެ.