14 ސެޕްޓެންބަރު 2021 - 09:52 0
އުދުމާ މަހްމޫދް
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު. -- ފޮޓޯ: ހުސައިން ވަހީދު/އަދަދު
14 ސެޕްޓެންބަރު 2021 - 09:52 0
އަންނަ އަހަރުގެ ބަޖެޓުގައި ހުށަހަޅަން މިވަގުތު ނިންމާފައި އޮތީ 37 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.
މިއީ ސަރުކާރުގެ ފަރާތުން މެދުރާސްތާއަށް ހުށަހަޅާ ބަޖެޓެވެ. އަދި މެދުރާސްތާގެ ފައިނޭންސިން ގެޕް ބޮޑުވުމުން މިނިސްޓަރު އަމީރު ވަނީ ބަޖެޓު މާ ބޮޑު ނުކުރުމަށް ހުށަހަޅުއްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ދައުލަތަށް 37 ބިލިއަން ރުފިޔާގެ ކޭޝްފްލޯ ބޭނުންވާނެ ކަމަށެވެ. އެގޮތުން ޖުމްލަ ބަޖެޓު 33.8 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ބަޖެޓަށް ރިކަރަންޓް ހަރަދުގެ ގޮތުގައި 23.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަަރަދުގެ ގޮތުގައި 12.6 ބިލިއަން ރުފިޔާ ބޭނުންވާނެ އެވެ. އަދި ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ގޮތުގައި 500 މިލިއަން ރުފިޔާގެ މާކެއް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.
އަންނަ އަހަރު ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 23.6 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން 13.4 ބިލިއަން ރުފިޔާގެ ފައިނޭންސިން ހޯދަންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓް މަޖިލީހުން ފާސްވެގެންދާއިރު، 40 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނުކުރުމަށް މިނިސްޓްރީން ވަނީ ހުށަހަޅައިފަ އެވެ. ބަޖެޓު ބޮޑުކޮށްފި ނަމަ ފައިނޭންސްކުރުމަށް ބޭނުންވާ މިންވަރު އިތުރުވެ ފައިނޭންސިން ހޯދަން އުނދަގޫވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އަންނަ އަހަރަށް ބޭނުންވާ ފައިނޭންސިންގެ ތެރެއިން ހަމަޖެހިފައި ވަނީ 33.2 އިންސައްތަ ކަމަށް ވެސް ފާހަގަކުރި އެވެ.
ކޮވިޑުގެ ސަބަބުން މިދިޔަ އަހަރުގެ ބަޖެޓަށް އައި ޝޮކާއެކު ޖީޑީޕީގެ ނިސްބަތުން ދަރަނި މަތިވެފައިވާތީ މި ލެވެލްގައި ދަރަނީގެ ނިސްބަތް ހިފެހެއްޓިފައި ހުންނާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވެ އެވެ. އަދި މީގެ ސަބަބުން، މުސްތަގުބަލުގެ ބަޖެޓުތަކުގެ ބޮޑު ބައެއް ދާނީ ދަރަނީގެ އިންޓަރެސްޓް އަދި ޕްރިންސިޕަލް ރިޕޭމެންޓަށެވެ. ނަމަވެސް ޑެފިސިޓް އަންދާޒާކުރާ މިންވަރުގައި ހިފެހެއްޓިއްޖެނަމަ 2023 ވަނަ އަހަރު ޑައިރެކްޓް ދަރަނި ޖީޑީޕީގެ 105 އިންސައްތައަށް ވުރެ ތިރިކުރެވޭނެ ކަމަށް މިނިސްޓްރީން ލަފާކުރެ އެވެ.
ދައުލަތުގެ ހަރަދުތަކުގެ ތެރެއިން ކުޑަކުރެވޭނެ ހަރަދުތައް ކަނޑައަޅައި ފިޔަވަޅު އަޅަންޖެހޭކަމަށް ފާހަގަކޮށްފައިވާއިރު، މިފަހަރު ހުށަހަޅާ ބަޖެޓުގައި އޮފީސްތަކަށް ވަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓް ސީލިން އެއް ކަނޑައަޅާފަ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment