Advertisement

ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ދެ އަހަރު ތެރޭ ގާއިމު ކުރަނީ

14 ސެޕްޓެންބަރު 2021 - 10:33 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓި ނިޒާމެއް ގާއިމު ކުރައްވާނެ ކަމަށް މިއަދު ވިދާޅުވި. -- ފޮޓޯ: ރައީސް އޮފީސް


ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ދެ އަހަރު ތެރޭ ގާއިމު ކުރަނީ

14 ސެޕްޓެންބަރު 2021 - 10:33 0

ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ގާއިމްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ގަވް ޑޮޓް އެމްވީ މެސެޖުގެ ހިދުމަތް ތައާރަފު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މުޅި ދުނިޔެ ޑިޖިޓަލްވަމުން އަންނައިރު ކޮންމެ މީހެއްގެ ޑިޖިޓަލް އައިޑެންޓިޓީއެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ. އޭރުން ހިދުމަތްތައް ހޯދަން ވަރަށް ބޮޑުތަން ފަސޭހަ ވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ދިރިއުޅުމުގެ އަސާސީ ހުރިހާ ހިދުމަތެއްހެން މިހާރު އެ އަންނަނީ، ޑިޖިޓަލް ކާޑެއްގެ އެހީގައި އިނގިލި ކުރިއާ ހަމައަށް ތިލަވަމުން. ފައިސާގެ މުއާމަލާތްތަކާއި، ގައުމުތަކަށް އެތެރެވެ ބޭރުވުމާއި، ދަރިންނަށް ކިޔަވައިދިނުމާއި، ބޭސްފަރުވާގެ ހިދުމަތްތައް ވެސް އެއަންނަނީ ޑިޖިޓަލް ވިއުގައިގެ ތެރެއިން ފަސޭހަވަމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޑިޖިޓަލް އައިޑެންޓިޓީގެ ހިދުމަތް ތައާރަފްވެގެން އަންނައިރު، ގާނޫނީ ގޮތުން ވެސް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ. އެކަމަށް ދުރާލައި ހައްލެއް ހޯދުމުގެ ގޮތުން، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލެއް މިހާރުވާނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ ޒާތީ މައުލޫމާތު ހިމާޔަތްކޮށްދޭނެ، ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީގެ ބިލަކާއި ރާއްޖޭގެ އިންޓަނެޓް ވިއުގައަކީ، ޑިޖިޓަލް ހިދުމަތްތަކަށް ރައްކާތެރި ވެއްޓެއްކަން ކަށަވަރު ކުރުމަށްޓަކައި، ސައިބާ ކްރައިމްގެ ބިލެއް ފަރުމާކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ޑިޖިޓަލް ހިދުމަތްތައް ތައާރަފްކުރާ އިރު، އެންމެ ބޮޑަށް ފާރަވެރިވެ ރައްކާތެރިކޮށްދޭންޖެހެނީ ވަކިވަކި ފަރުދުންގެ ޒާތީ މައުލޫމާތުތައް. އަދި އިންޓަނެޓްގެ ޒަރީއާ އިން ހިންގާ އެކި ޖަރީމާތަކުން ރައްޔިތުން ހިމާޔަތްކޮށްދިނުމަކީ ވެސް ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް،" ރައީސް

ރައީސް ވިދާޅުވިގޮތުގައި އިގުތިސާދީ ދާއިރާއިން، މުޅި ދުނިޔެއަށް އަންނަ ޑިޖިޓަލް ބަދަލުތަކާ ފައި ހަމަކުރުމަށްޓަކައި، ޑިޖިޓަލް އިގުތިސާދަކާ ދިމާލަށް ގައުމު ގެންދިއުމަކީ ވެސް، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް ކަމަށެވެ. އެކަމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި ހިދުމަތްތައް ޑިޖިޓަލްވެގެން އަންނަ އިރު، ސަރުކާރު އޮފީސްތަކަށް އާންމު ރައްޔިތުން ހުށަހަޅާ ކަންކަން އިތުރުވެ، ސަރުކާރުގެ ހިދުމަތްތަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ވަރަށް ބޮޑަށް ތަނަވަސްވެގެންދާނެ ކަމަށެވެ. އެއީ ސަރުކާރުގެ މުވައްޒަފުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ރައްޔިތުންނާ ސަރުކާރާ ދެމެދު ފަސޭހަ ނިޒާމަކުން ގުޅިގެން ދާއިރު، އެ ނިޒާމުގެ ހަގީގީ މަންފާ ރައްޔިތުންނަށް ލިބޭނީ، އޮފީސްތަކުން ކަންކަން ނިންމައި، ރައްޔިތުންނަށް ޖަވާބު ދޭ މިންވަރު އިތުރުކޮށްގެން. އެކަން ކުރެވޭނީ، އާންމު ރައްޔިތަކު ސަރުކާރުގެ އޮފީހަކަށް ހުށަހަޅާ ކަމަކަށް ދޭ ޖަވާބު، އޭނާ އިތުރު ބުރައެއް އުފުލަން ނުޖެހި، ލިބޭނެ ލުއިފަސޭހަ އިންތިޒާމުތަކެއް އޮފީސްތަކުގައި ގާއިމުކުރެވިގެން،" ރައީސް ވިދާޅުވި އެވެ.

މިއަދު ފެށި ގަވް ޑޮޓް އެމްވީ މެސެޖުގެ ހިދުމަތާ ގުޅޭގޮތުން ރައީސް ވިދާޅުވީ ސަރުކާރު އޮފީސްތަކުން ހިދުމަތް ދިނުމުގައި ހިފަހައްޓަންޖެހޭ އާންމު މިންގަނޑުތަކާއި ހިދުމަތް ދިނުމަށް ހޭދަވާނެ މުއްދަތުތައް ބަޔާންކުރާ ސާވިސް ޗާޓަރުތައް އާންމު ކުރައްވާނެ ކަމަށެވެ. އަދި އެ ޗާޓަރުތަކާ އެއްގޮތަށް ހިދުމަތް ދެމުން ގެންދާކަން ކަށަވަރުކުރާނެ މެކޭނިޒަމެއް އޮފީސްތަކުގައި ގާއިމު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ސާވިސް ޗާޓަރުތަކާ އެއްގޮތަށް ހިދުމަތް ނުލިބޭ ނަމަ، ހަމަ މިނިޒާމުގެ ތެރެއިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެ. މި ނިޒާމު މެދުވެރިކޮށް ހުށަހަޅާ ޝަކުވާތަކާ ގުޅޭ ތަފާސްހިސާބުތައް، ޝަކުވާ ރައްދުވާ އޮފީހަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެއް ވަގުތެއްގައި ބެލެން ހުންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގަވް ޑޮޓް އެމްވީ މެސެޖުގެ ހިދުމަތަކީ، ރައްޔިތުންނާ ވީހާ ގާތުން ހިދުމަތް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށެވެ.

މި ހިދުމަތުގެ އެންމެ ބޮޑު ފަސޭހައަކީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް، ސަރުކާރުގެ އޮފީހަކަށް އާންމު ރައްޔިތަކު ހުށަހަޅަން ބޭނުންވާ ކަންކަމާއި، ސަރުކާރުގެ ހިދުމަތްތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާ ފަސޭހަކަމާއެކު ހުށަހެޅުމުގެ ދޮރު، 24 ގަޑިއިރު ހުޅުވިފައި ހުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކަމެއް ހުށަހެޅުމަށްޓަކައި އެއޮފީހަކަށް ދާން ނުޖެހުން. އޮފީސް ހުޅުވަންދެން އިންތިޒާރު ކުރަން ނުޖެހުން. އަދި އޮފީސް ބަންދުކޮށްފައި ހުރުމުން، ހުށަހަޅަން ބޭނުންވާ ކަމެއް ހުށަނޭޅި ހުންނަން ނުޖެހުން. އޭގެ އިތުރުން، ކަމެއް ހުށަހެޅުމުން އެ ހުށަހެޅި ކަމަކާ މެދު އެ އޮފީހަކުން ފިޔަވަޅު އަޅަމުންދާ މިންވަރު މި ނިޒާމުގެ ތެރެއިން އެ މީހަކަށް ބެލެން ހުރުން،" ރައީސް ވިދާޅުވި އެވެ.