Advertisement

ފެބްރުއަރީ 7، ގައި ސަލާމަތީ ބާރުތަކުން ޓީވީއެމް ހިސޯރު ކުރި މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް

11 ސެޕްޓެންބަރު 2021 - 21:54 4

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ޓީވީއެމަށް ވަދެގަތް ސަލާމަތީ ބާރުގެ މުވައްޒަފުން ނަޝީދު އިސްތިއުފާ ދެއްވުމުން އުފާ ފާޅު ކުރަނީ: ބޮންޑޭ ބުނަނީ އެކަން ކުރީ ޔުނީފޯމުގައި ތިބި ޓެރަރިސްޓުން ކަމަށް -- ފޮޓޯ: އަދަދު ފައިލް


ފެބްރުއަރީ 7، ގައި ސަލާމަތީ ބާރުތަކުން ޓީވީއެމް ހިސޯރު ކުރި މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް

11 ސެޕްޓެންބަރު 2021 - 21:54 4

ސިފައިންނާއި ފުލުހުން ހިންގި މިއުޓިނީއެއްގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވި ދުވަހު ދައުލަތުގެ މީޑިއާ ޓީވީއެމް ހިންގާ އިމާރާތަށް ވަދެގަނެ، ތަނުގެ ކޮންޓްރޯލް ނެގި ސިފައިންނާއި ފުލުހުންނަށް ފިޔަވަޅު އެޅުމަށް އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފި އެވެ.

މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އިސްކޮށް ހުންނަވާ އިންތިގާލީ އޮފީހަށް މިއަދު ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ ފެބްރުއަރީ 7، 2012 ގައި ޓީވީއެމްގެ "ގޭޓަށް ބަޑިޖަހައި" ތަނުގެ ކޮންޓްރޯލް ނަގާފައި ވަނީ ސިފައިންނާއި ފުލުހުންގެ ޔުނީފޯމް އަޅައިގެން ތިބި "ޓެރަރިސްޓުން" ކަމަށެވެ.

"ޓެރަރިސްޓުންގެ ގޮތުގައި ބަޔާންކުރެވިފައިވާ ފަރާތްތަކުން ހަމަ ޔަގީނުން ވެސް އެ އަނިޔާވެރި އުދުވާނީ ހަމަލާގެ އަމަލު ހިންގާނީ ކޮންމެވެސް ފަރާތަކުން ކޮމާންޑުކޮށްގެންކަމީ ޔަގީން ކަށަވަރު ކަމެއް،" ބޮންޑޭ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވެ އެވެ.

ސިފައިންނާއި ފުލުހުން ޓީވީއެމް ގޭޓު ހަލާކުކޮށްލުމަށްފަހު ތަނަށް ވަދެގަންނަނީ: އެދިފައި ވަނީ އެކަން ކުރި މީހުންނަށް ފިޔަވަޅު އެޅުމަށް --


ބޮންޑޭ އަދި ވެރިކަން ހިންގާ ޕާޓީގެ އެކްޓިވިސްޓެއްގެ ގޮތުގައި ފެންނަ އިބްރާހިމް ރަޝީދު މޫސާ (ގެވަޅު ބްރޯ) އެކުގައި އިންތިގާލީ އޮފީހަށް ހުށަހަޅާފައިވާ އެ މައްސަލައިގައި އިތުރަށް އެދިފައި ވަނީ ޓީވީއެމަށް ވަން ސަލާމަތީ ބާރުތަކަށް އަމުރު ކުރި ފަރާތެއް ހޯދައި ފިޔަވަޅު އެޅުމަށެވެ.

މެމްބަރު ބޮންޑޭއަކީ ފެބްރުއަރީ 8، ގައި ގިނަ އަދަދެއްގެ ރައްޔިތުން ގޮވައިގެން ނަޝީދު މާލޭގެ މަގުތަކަށް ނިކުމެވަޑައިގަތުމުން، އިންގިލާބު ހުއްޓުވަން ފުލުހުން ހިންގި އަނިޔާވެރި އޮޕަރޭޝަނުގައި އެންމެ ބޮޑަށް އަނިޔާ ލިބުނު އެކަކެވެ.

މެމްބަރު އިބްރާހިމް ރަޝީދަށް ފުލުހުން އަނިޔާ ކުރުމަށްފަހު ބަލަހައްޓައިގެން: އެދިފައި ވަނީ ޓީވީއެމަށް ވަންނަން އަމުރު ކުރި މީހުން ހޯދުމަށް -- ފޮޓޯ: އަދަދު ފައިލް


ސަލާމަތީ ބާރުތަކުން ޓީވީއެމްއަށް ފެބްރުއަީ 7، ގައި ވަދެގަނެފައި ވަނީ ތަޅަށް ހަމަލާ ދިނުމަށްފަހު ގޭޓު ހުޅުވައިގެން ވަރަށް އަނިޔާވެރި ގޮތަކަށެވެ. ޓީވިއެމްގެ މުވައްޒަފުން ފިލަން ދުވިއިރު ފުލުހުންނާއި ސިފައިން ދިޔައީ ނޫސްވެރިންނާއި އެހެނިހެން މުވައްޒަފުންނަށް އިންޒާރު ދެމުންނެވެ.

އެ ދުވަހު ޓީވީއެމްގެ ފީޑު ކަނޑާލުމަށް ސަލާމަތީ ބާރުތަކުން އަޅުވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވީޓީވީގެ ލައިވް ފީޑެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހުން ބަލަނީ 1 ޖެނުއަރީ 1953 ން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތަކެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާ މައްސަލައެއް މަދުވެގެން ދެ އަހަރުގެ ތެރޭގައި ތަހުގީގުކޮށް ނިންމަންޖެހޭނެ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ނިޒާމީ ގޮތުން ރާވައިގެން އިންސާނީ ހައްގުތައް ގެއްލުވާލާފައިވާ މައްސަލަތައް "ދެނެގަނެ، އެކަމުގައި ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި، ހަގީގަތާ ހަމައަށް ވާސިލުވުމަކީ" އޮމްބަޑްސްޕާސަންގެ އޮފީހުގެ ޒިންމާއެކެވެ.

އިންތިގާލީ އިންސާފުގެ ޗީފް އޮމްބަޑްސްޕާސަންއަކަށް އައްޔަންކޮށްފައި ވަނީ އަބްދުއްސަލާމް އާރިފެވެ. އޮމްބަޑްސްޕާސަންއަކަށް އައްޔަންކޮށްފައި ވަނީ ކުރީގެ އެސިސްޓަންޓް ޕްރޮސެކިއުޓާ ޖެނެރަލް ޖިހާދާ އަނީސް އެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުގައި ކުރިން މަސައްކަތް ކުރެއްވި މަރިޔަމް ލައިޒާއަކީ ވެސް އިންތިގާލީ އޮފީހުގެ އޮމްބަޑްސްޕާސަންއެކެވެ.