Advertisement

އެމެރިކާ ސިއްސުވާލި ހަމަލާއަށް 20 އަހަރު: ބައިޑެން އެދުނީ އެއްބައިވަންތަކަން ދައްކަން

11 ސެޕްޓެންބަރު 2021 - 10:50 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސެޕްޓެމްބަރު 11، 2001 ގައި އަލް ގައިދާ އިން އެމެރިކާގެ ޓްވިން ޓަވަރަށް ދިން ހަމަލާ.-- ފޮޓޯ: އޭއެފްޕީ


އެމެރިކާ ސިއްސުވާލި ހަމަލާއަށް 20 އަހަރު: ބައިޑެން އެދުނީ އެއްބައިވަންތަކަން ދައްކަން

11 ސެޕްޓެންބަރު 2021 - 10:50 0

ނިއު ޔޯކް، އެމެރިކާ (ސެޕްޓެމްބަރު 11) - ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދިން ޓެރަރިސްޓު ހަމަލާތަކަށް 20 އަހަރު ފުރުން މިއަދު އެ ގައުމުގައި ފާހަގަކުރަމުން ދާއިރު، އެއްބައިވަންތަކަން ދެއްކުމަށް ރައީސް ޖޯ ބައިޑެން ގޮވާލައްވައިފި އެވެ.

ހަމަލާއަށް ވިހި އަހަރު ފުރުމާ ދިމާކޮށް، އެމެރިކާގެ ސިފައިން އަފްގާން ފަސްގަނޑު ދޫކޮށް އެނބުރި ގައުމަށް ގޮސްފައި ވާއިރު، މި ދަނޑިވަޅުގައި ތާލިބާނުންނަށް ކުރި ލިބިފައިވުމަކީ އެމެރިކާއަށް ދިމާވެފައި އޮތް އެންމެ ބޮޑު ލަދެވެ.

އަލް ގައިދާގެ 19 ހަނގުރާމަވެރިން ފްލައިޓުތަކެއް ހައިޖެކުކޮށްގެން އެމެރިކާގެ ތިން ތަނަކަށް ހަމަލާ ދިނެވެ. އެ ތަނުން ކޮންމެ ތަނެއްގައި މިއަދު ހާއްސަ ރަސްމިއްޔާތުތައް އޮންނާނެ އެވެ.

އެންމެ ފުރަތަމަ ޓްވިން ޓަވަރަށް ދިން ހަމަލާގައި 2،753 މީހުން މަރުވި އެވެ. އެމެރިކާގެ އަސްކަރީ މަރުކަޒު، ޕެންޓަގަން އަށް ދިން ހަމަލާގައި 184 މީހުން މަރުވި އެވެ. ޕެންސިލްވޭނިއާގެ ޝޭންކްސްވިލް އަށް ޔުނައިޓެޑް 93 ފްލައިޓު ވެއްޓުނީ ޕަސެންޖަރުން ހަނގުރާމަވެރިންނާ ދެކޮޅަށް މަސައްކަތް ކުރުމުންނެވެ. އެ ފްލައިޓުގެ އަސްލު އަމާޒަކީ ވޮޝިންޓަނުގައި ހުންނަ ކެޕިޓަލް އިމާރާތެވެ.

މި ދުވަހާ ގުޅިގެން ބައިޑެން ނެރުއްވި ވީޑިއޯއެއްގައި ވިދާޅުވީ އެމެރިކާ ރައްޔިތުންގެ އެންމެ ބޮޑު ބާރަކީ އެއްބައިވަންތަކަން ކަމަށާއި، އެކަން ދެއްކުމަށް ގޮވާލާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ސެޕްޓެމްބަރު 11 ގެ އެންމެ ބޮޑު ފިލާވަޅަކީ އެއީ. އެންމެ ނާޒުކު ހާލަތުގައި އަޅުގަނޑުމެންގެ އެންމެ ބޮޑު ބާރަކީ އެއްބައިވަންތަކަން،" ވައިޓް ހައުސްއިން ނެރުނު ހަ މިނެޓުގެ ވީޑިއޯގައި ބައިޑެން ވިދާޅުވި އެވެ.

އަލް ގައިދާގެ ހަމަލާ އަމާޒުވި ނިއު ޔޯކުގެ ޓްވިން ޓަވަރުތައް ހުރި ތަނުގައި މިހާރު ހުންނަނީ ދެ ފެންގަނޑެވެ. ޓްވިން ޓަވަރަށް ދިން ހަމަލާގައި މަރުވި 3،000 އެއްހާ މީހުންގެ ހަނދާނުގައި އެ މީހުންގެ އާއިލާތައް މިއަދު އެ ތަނަށް ޖަމާވާނެ އެވެ.

ވޯލްޑް ޓްރޭޑް ސެންޓަރު ހިންގި އެ ދެ ޓަވަރާއި ޕެންޓަގަން އަށް ދިން ހަމަލާ އާއި ފްލައިޓު 93 ވެއްޓުނު ވަގުތާ ދިމާކޮށް، ހަ މިނެޓުގެ ހަމަހިމޭންކަމުގެ ސުކޫތެއް މިއަދު އެމެރިކާގައި ފާހަގަކުރާނެ އެވެ.

އެމެރިކާ އިން ވަނީ ހަމަލާތަކުގެ ފަހަތުގައިވާ އަލް ގައިދާގެ ލީޑަރު އުސާމާ ބިން ލާދިން ހޯދާ، މަރާލާފަ އެވެ. ނަމަވެސް ހަމަލާ އަށް ފަހު އުސާމާ ބިން ލާދިން އަށް ރައްކާތެރިކަން ފޯރުކޮށްދިން ތާލިބާނުން އަނެއްކާ ވެސް ވަނީ ވެރިކަމަށް އައިސްފަ އެވެ.

ސެޕްޓެމްބަރު 11 ހަމަލާގެ "މާސްޓާމައިންޑު" ހާލިދު ޝެއިހް މުހައްމަދާއި އިތުރު ހަތަރު މީހަކު ގުއަންޓަނާމޯ ބޭ ޖަލުގައި ތިބިއިރު، ދައުވާ އުފުލިތާ ނުވަ އަހަރު ފަހުން، އަދިވެސް ޝަރީއަތް ފަށާފައެއް ނުވެ އެވެ.

ހަމަލާ ހިނގި ގޮތާ ގުޅޭ ފުރިހަމަ މަންޒަރު އަދިވެސް އޮތީ ސިއްރުކޮށްފަ އެވެ. އެމެރިކާގެ އެފްބީއައި އިން ހިންގި ތަހުގީގާ ގުޅޭ ސިއްރު ލިޔުންތައް ކުރިއަށް އޮތް ހަ މަސް ތެރޭގައި އާއްމު ކުރަމުން ދިޔުމަށް މިދިޔަ ހަފުތާގައި ބައިޑެން ވަނީ އަމުރު ކުރައްވާފަ އެވެ.