Advertisement

އިންސާފު ހޯދަން ރައްޔިތުން ނުކުތުމުގެ އަމާޒު ފަތްގަނޑަކަށް ޔާމީން ނުހަދަން ގޮވާލައިފި

10 ސެޕްޓެންބަރު 2021 - 21:22 2

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އިދިކޮޅުން މިއަދު ހަވީރު ބޭއްވި ހިނގާލުމުގައި އިދިކޮޅު ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


އިންސާފު ހޯދަން ރައްޔިތުން ނުކުތުމުގެ އަމާޒު ފަތްގަނޑަކަށް ޔާމީން ނުހަދަން ގޮވާލައިފި

10 ސެޕްޓެންބަރު 2021 - 21:22 2

ގޭ ބަންދުގެ އިގުރާރާ ހިލާފުވާ ކަމެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުކުރައްވާ ކަމަށާއި، އިންސާފު ހޯދަން ރައްޔިތުން ނުކުތުމުގެ އަމާޒު ފަތްގަނޑަކަށް އެމަނިކުފާނު ނުހެދުމަށް އިދިކޮޅުން ސަރުކާރަށް މިރޭ ގޮވާލައިފި އެވެ.

ރާއްޖޭގެ ޖަލުތަކުގައި ކޮވިޑް-19ގެ ނުރައްކާ އިތުރުވުމާ ގުޅިގެން، ހައި ރިސްކު ގައިދީން ގޭ ބަންދަށް ބަދަލުކުރި އުސޫލުގެ ތެރެއިން މިވަގުތު ގޭ ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ހަވީރު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ހިނގާލުމުގައި، ގޭގައި ހުންނަވައިގެން "ނުސީދާ" ކޮށް އެ ހަރަކާތުގައި ބައިވެރިވުމަކީ ގޭބަންދުގެ އިގުރާރާ ހިލާފުވުމެއް ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފަ އެވެ.

އިދިކޮޅުން މިއަދު ބޭއްވި އިންސާފު ކޮބާ ހިނގާލުން ނިންމާލުމުގެ ތެރެއިން ސަޕޯޓަރުން ޕީޕީއެމް އޮފީސް ކައިރިޔަށް އެއްވި ވަގުތުކޮޅުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނު މިހާރު ދިރިއުޅުއްވާ ގެކޮޅު ހ. ދޫވެހި ގެ ކުޑަދޮރަކުން އާންމުންނަށް ހަނާއަޅުއްވައި، ޕީޕީއެމްއަށް ނިސްބަތްވާ ދިދައެއް ނަންގައިވައިގެން ހޫރުވައިފަ އެވެ.

އެކަމާ ގުޅިގެން ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދު ޔާމީން މިއަދު އަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިގުރާރާ ހިލާފަށް ކަމަށެވެ.

"އެހެންކަމުން މި މައްސަލަ ބަލާ، ފިޔަވަޅު އަޅާނަން،" އޭނާ ވިދާޅުވި އެވެ.

ޕްރިޒަންސް ކޮމިޝަނަރު އެހެން ވިދާޅުވުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ އިތުރުން ގޭ ބަންދުގެ އިގްރާރާ ހިލާފުކަމެއްވެސް ޔާމީން ނުކުރައްވާ ކަމަށެވެ.

"އިންސާފު ހޯދަން ރައްޔިތުން ނުކުތުމުން ސަރުކާރަށް އެކަން ހަޖަމުނުވެގެން އެކަމުގެ އަމާޒު ފަތްގަނޑަކަށް ރައީސް ޔާމީން ނުހެއްދެވުމަށް ސަރުކާރަށް ގޮވާލަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އިދިކޮޅުގެ ހަރަކާތުގައި ޔާމީން ނުސީދާކޮށް ބައިވެރިވި މައްސަލަ ބަލާނެކަމަށް ކަރެކްޝަންސްއިން ބުނި ނަމަވެސް، އެކަމާ ގުޅިގެން އެމަނިކުފާނާ ދެކޮޅަށް އަޅާނެ ސީދާ ފިޔަވަޅެއް އަދި ނުބުނެ އެވެ.

ޔާމީން މިވަގުތު ތަންފީޒުކުރަމުން ގެންދަވަނީީ ގއ. ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް ޖަމާކުރައްވައި، މަނީ ލޯންޑާކުރިކަމުގެ މައްސަލައިގައި އެމަނިކުފާނަށް އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެވެ. އިސްތިއުނާފުގައި އޮތް އެ ހުކުމުގައި ހިމެނޭ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ އެމަނިކުފާނު ނުދައްކަވާތީ އެ މައްސަލަވެސް ދައުލަތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.

ވޮޑަމުލާގެ މައްސަލައިގެ އިތުރުން ރ. ފުއްގިރި މައްސަލައިގައިވެސް އެމަނިކުފާނާއި ދެކޮޅަށް ވަނީ ދައުވާ އުފުލާފަ އެވެ. އަދި ވ. އާރަށުގެ މައްސަލައިގައިވެސް އެމަނިކުފާނާ ދެކޮޅަށް ދައުވާ ކުރަން މިހާރު ވަނީ ފޮނުވާފަ އެވެ.