Advertisement

ރައީސްގެ ދަތުރު: ރަސްގެތީމުން ވެސް ރައީސަށް ހުށަހެޅުންތަކެއް

9 ސެޕްޓެންބަރު 2021 - 16:15 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ރައީސުލްޖުމްހޫރިއްޔާ ރ. ރަސްގަތީމަށް ވަޑައިގެން އެ ރަށުގެ އާސާރީ ޒިޔާރަތަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް


ރައީސްގެ ދަތުރު: ރަސްގެތީމުން ވެސް ރައީސަށް ހުށަހެޅުންތަކެއް

9 ސެޕްޓެންބަރު 2021 - 16:15 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރ. އަލިފުއްޓަށް ކުރެއްވި ޒިޔާރަތަށްފަހު އެ އަތޮޅު ރަސްގެތީމަށް ރައީސް ވަޑައިގަންނަވައިފި އެވެ.

ރަސްގެތީމަށް ވަޑައިގެން ރައީސް ވަނީ ދަތުރުގައި ޒިޔާރަތްކުރި އެހެން ރަށްތަކެކޭ އެއްގޮތަށް އެ ރަށުގެ ކައުންސިލާ ވެސް ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމާ ގުޅޭގޮތުން ރަސްގެތީމު ކައުންސިލްގެ ނައިބު ރައީސް އިސްމާއިލް އަލީ "އަދަދު" އަށް ވިދާޅުވީ ކައުންސިލުން ތިބީ އެ ބައްދަލުވުމާ ދޭތެރޭ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.

"އާދެ، ރަށަށް ވަޑައިގަތީމަ ވަރަށް ހޫނު މަރުހަބާއެއް ކީ ރައްޔިތުން. ރައީސް އާ އެއްކޮށް ބޭއްވި ބައްދަލުވުންވެސް އިރާދަކުރެއްވީތީވެ ވަރަށް ހިތްހަމަޖެހޭ،" އިސްމާއިލް ވިދާޅުވި އެވެ.

ބައްދަލުވުމުގެ ތެރެއިން ޖުމްލަ ހަތް ކަމެއް ކައުންސިލުގެ ފަރަތުން ރައީސްއާ ހިއްސާކުރި ކަމަށް އިސްމާއިލް ވިދާޅުވި އެވެ. އޭގެ ތެރޭގައި އެ ރަށު ސްކޫލުގައި އާ ކުލާސްރޫމުތަކުގެ އިމާރާތެއް އަޅައިދިނުމަށާއި، ސިއްހީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ވޯޑެއް ތަރައްގީކުރުމަށް އެދުނުކަމަށް އިސްމާއިލް ވިދާޅުވި އެވެ. އޭގެ އިތުރުން ރަށުގައި އައިސް ޕްލާންޓެއް ގާއިމުކޮށްދޭންވެސް އެދުނު ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"ދެން އެދުނު ކަންކަމުގެ ތެރޭގައި އޭޓީއެމްއަކާއި، ޕޮލިސް ސްޓޭޝަނެއްވެސް ގާއިމުކޮށްދޭން، ދެން ފުޓުބޯޅަ ބޮޑު ދަނޑުގައި ޓާފު އަޅައިދިނުމަށް ވެސް އަދި ބަނދަރުގެ ދޯނި އެހެލާ ސަރަހައްދުގައި ބޭރު ތޮށިގަނޑުގެ މަސައްކަތް އަވަސްކޮށްދިނުމަށް. ރައީސް އިރާދަކުރެއްވީތީވެ ވިދާޅުވި އެކަން ވަރަށް އަވަސް ކޮށްދެވާނެކަމަށް،" އޭނާ ވިދާޅުވި އެވެ.

"ދެން ހުރި ކަންތައްތައް، އަޅުގަނޑުމެން ހުށަހެޅި ކަންތައްތައް، ރައީސް ވިދާޅުވި ބައްލަވައިދެއްވާނެ ކަމަށް."

ރައީސްގެ ދަތުރުފުޅުގައި ވަނީ ރަސްގަތީމުގެ ސްކޫލަށް ޒިޔާރަތްކޮށް އެތަނުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވައި، ސްކޫލަށް ކުރިމަތިވެފައިވާ ދަތިތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. ރައީސްއާ އެކު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

ސްކޫލުގެ އިތުރުން ރ. އަތޮޅުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އިސްވެރިންނާއެކުގައި ވެސް ރައީސް ވަނީ ރަސްގަތީމުގައި ބައްދަލުކުރައްވާފަ އެވެ. އަދި ޕާޓީގެ އިސް ލީޑަރުގެ ހައިސިއްޔަތުން އެމްޑީޕީގެ ރަސްގަތީމު މެމްބަރުންނާ ވެސް ރައީސް ބައްދަލުކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރ. އަތޮޅުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް


ސަރުކާރުން މިހާރު ރަސްގަތީމުގައި ކުރިޔަށްގެންދާ އަދި ނިމިފައިވާ ބައެއް މަޝްރޫއުތަކަށް ބަލާލާއިރު، އެ ރަށުގެ ފުޓްސަލް ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތާއި އައުޓްޑޯ ޖިމެއް އެރަށުގައި އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. ރަސްގަތީމުގެ ފެނާއި ނަރުދަމާގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިޔަށެވެ.

ރައީސް ސޯލިހު ވަނީ އެރަށުގެ އާސާރީ ޒިޔާރަތަށް ވަޑައިގެން އެތަން ބައްލަވައިލެއްވި އެވެ. ރަސްގެތީމަކީ ރާއްޖޭގައި އެންމެ ފުރަތަމަ ރަސްކަމެއް ކުރި ކޮއިމަލާ ރަދުން ނިސްބަތްވާ ރަށެވެ.

ރަސްގެތީމަށްފަހު ރައީސް ދެން ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ރ. އަނގޮޅިތީމާއި މަޑުއްވަރީ އަށެވެ. މަޑުއްވަރީއަކީ ރައީސް ދަތުރުފެއްޓެވިއިރު ޒިޔާރަތްކުރަން ހަމަޖެހިފައިވާ ރަށެއް ނޫނެވެ. މަޑުއްވަރީއަށް ޒިޔާރަތްކުރަން ހަމަޖެހިފައިވަނީ އެރަށް މޮނިޓަރިން ހާލަތުން ނެގުމާއެކު އެވެ.

ރައީސްގެ މި ދަތުރުފުޅުގައި މިހާތަނަށް ވަނީ ށ. ފުނަދޫ، ށ. ޅައިމަގު، ށ. ފޯކައިދޫ، ށ. މާއުނގޫދޫ، ރ. ވާދުއަށް ވަޑައިގެންފަ އެވެ.