Advertisement

ޕޮލެންޑުން ފަހު ވަގުތު ގޯލު ޖަހައި އިންގްލެންޑްގެ ރެކޯޑް ނިމުމަކަށް

9 ސެޕްޓެންބަރު 2021 - 07:00 0

ލަނޑު ޖެހުމަށް ފަހު ޕޮލެންޑް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ޕޮލެންޑުން ފަހު ވަގުތު ގޯލު ޖަހައި އިންގްލެންޑްގެ ރެކޯޑް ނިމުމަކަށް

9 ސެޕްޓެންބަރު 2021 - 07:00 0

ވޯސޯ، ޕޮލެންޑް (ސެޕްޓެމްބަރު 9) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ޕޮލެންޑުން ފަހު ވަގުތު ގޯލު ޖަހައި 1-1 އިން އެއްވަރުކުރުމާ އެކު އިންގްލެންޑުން ކޮލިފައިންގައި ދަމަހައްޓަމުން އައި ސައްތަ އިން ސައްތަ ރެކޯޑް ނިމުމަކަށް އަތުވެއްޖެ އެވެ.

އިންގްލެންޑް އެއްވަރުވުމާ އެކު މި ފަހަރުގެ ކޮލިފައިންގައި މިހާތަނަށް ހުރިހާ މެޗަކުން މޮޅުވެފައި އޮތް ހަމައެކަނި ޓީމަކީ ޑެންމާކް އެވެ.

ޕޮލެންޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 72 ވަނަ މިނިޓްގައި ހާފުގެ މެދުތެެރެއިން އިންގްލެންޑްގެ ކައިލް ވޯކާ ދިން ބޯޅަ ހެރީ ކޭން ވަނީ އޭރިއާބޭރުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ. އެ ބޯޅަ ގޯލަށް ވަންއިރު، ޕޮލެންޑްގެ ގޯލުގައި ހުރި ވޮޒްޝިއޭ ޝެޒްނީ އަށް އެ ބޯޅަ ހުއްޓުވޭނެ ގޮތެއް ނެެތެވެ.

އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ނަތީޖާ ހަަމަހަމަކުރަން ޕޮލެންޑުން ކުރި މަސައްކަތް ކާމިޔާބުވީ އިތުރު ވަގުުތުގެ ހަތަރު މިނިޓްގެ ތެރެއިން ދެ ވަނަ މިނިޓްގަ އެވެ. އެ ގޯލު ޖެހީ އޭރިއާތެރެއިން ޕޮލެންޑްގެ ކެޕްޓަން ރޮބަޓް ލެވަންޑޯސްކީ ނެގި ހުރަހަކުން ޑެމިއަން ޒިމާންސްކީ ބޮލުންނެެވެ.

މިއީ ކޮލިފައިން މެޗެއްގެ އިތުރު ވަގުތުގައި އިންގްލެންޑް ކޮޅަށް ގޯލު ވަން ތިން ވަނަ ފަހަރެވެ. ރޭގެ މެޗުގައި އިންގްލެންޑުން ބަދަލެއް ގެނެސްފައި ނުވެ އެވެ. އެންމެ ފަހުން އިންގްލެންޑުން ބަދަލެއް ނުގެނެސް މެޗެއް ފުރިހަމަކުރީ 1996 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގަ އެވެ.

ކޮލިފައިން ގްރޫޕް އައިގެ އެއް ވަނައިގައި އިންގްލެންޑް އޮތީ ހަ މެޗުން 16 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ ސެން މެރީނޯ އަތުން 5-0 އިން މޮޅުވި އަލްބޭނިއާ އެވެ. އެ ޓީމަށް ވަނީ ހަ މެޗުން 12 ޕޮއިންޓް ލިބިފަ އެވެ. ޕޮލެންޑް ތިން ވަނައިގައި އޮތީ ހަ މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ.

ލިތުއޭނިއާ ކުޅުންތެރިއަކު ކައިރިން ކީން (ވ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ


ޖެހިޖެހިގެން އެންމެ ގިނަ މެޗުން ބަލިނުވުމުގެ ރެކޯޑް ގާއިމްކޮށްފައިވާ އިޓަލީން ރޭ ކުޅުނު މެޗުން ވަނީ 5-0 އިން ލިތުއޭނިއާ ބަލިކޮށްފަ އެވެ. އިޓަލީގެ ގޯލުތައް ޖެހީ މޮއިސް ކީން ދެ ގޯލާއި ޖިއަކޯމޯ ރަސްޕަޑޯރީ އަދި ޖިއޮވާނީ ޑި ލޮރެންޒޯގެ އިތުރުން ލިތުއޭނިއާގެ އެޑްގާރަސް އުޓްކޫސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ޔޫރޯގެ ޗެމްޕިއަންކަން ހޯދި އިޓަލީން ޖެހިޖެހިގެން ބަލިނުވެ، 37 މެޗު ހަމަކޮށްފައިވާއިރު، އެ ޓީމު ކޮލިފައިން ގްރޫޕް ސީގެ އެއް ވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ. ރޭ ނޮދަން އަޔަލެންޑާ ލަނޑެއް ނުޖެހި އެއްވަރުވި ސްވިޒަލެންޑް ދެ ވަަނައިގައި އޮތީ ހަ މެޗުން އަށް ޕޮއިންޓާ އެކު އެވެ.

ގްރޫޕް ޖޭގެ އެއް ވަނައިގައި އޮތް ޖަރުމަނުން ވަނީ ރޭ އައިސްލެންޑް އަތުން 4-0 އިން މޮޅުވެފަ އެވެ. ޖަރުމަނުގެ ގޯލުތައް ޖެހީ ސާޖް ގްނަބްރީ، ލެރޯއި ސާނޭ އަދި ޗެލްސީގެ ދެ ކުޅުންތެރިން ކަމަށްވާ އެންޓޯނިއޯ ރޫޑިގާ އަދި ޓީމޯ ވާނާ އެވެ.

ޕަބްލޯ ފޯނާލްސް އާއި ފެރާން ޓޮރޭޒްގެ ގޯލުތަކުން ސްޕެއިން ވަނީ ކޮސޯވޯ އަތުން 2-0 އިން މޮޅުވެފަ އެވެ. ކޮލިފައިން ގްރޫޕް ބީގެ އެއް ވަނައިގައި އޮތް ސްޕެއިނަށް ވަނީ ހަ މެޗުން 13 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ސްވިޑެން އިން ހަތަރު މެޗުން ވަނީ ނުވަ ޕޮއިންޓް ހޯދައިފަ އެވެ.

ގްރޫޕް އީގެ އެއް ވަނަ މަގާމުގައި އޮތް ބެލްޖިއަމުން ވަނީ ރޭ ބެލަރޫސް އަތުން 1-0 އިން މޮޅުވެފަ އެވެ. ބެލްޖިއަމްގެ ހަމައެކަނި ގޯލު ޖެހީ ޑެނިސް ޕްރައެޓް އެވެ. ބެލްޖިއަމް އެ ގްރޫޕްގެ އެއް ވަނައިގައި އޮތީ ހަ މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ.