Advertisement

އެމްއެމްޕީއާރްސީ ތަހުގީގު ހެޑްގެ ޝަރީއަތް: "އަދީބު އަދާވާތްތެރިވާނެ"

7 ސެޕްޓެންބަރު 2021 - 14:30 3

ނާޒިމް ހަސަން

ނާޒިމް ހަސަން

އާޒިމް މިއަދުގެ އަޑުއެހުމުގައި: އަދީބާއި ޒިޔަތު ހެކީގެ ގޮތުގައި ބަލައިނުގަތުމަށް ވަނީ އެދިފައި --


އެމްއެމްޕީއާރްސީ ތަހުގީގު ހެޑްގެ ޝަރީއަތް: "އަދީބު އަދާވާތްތެރިވާނެ"

7 ސެޕްޓެންބަރު 2021 - 14:30 3

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އެންމެ ފުރަތަމަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ހަރަކާތްތެރިވި ޓީމް ލީޑް ކުރި އަބްދުالله އާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ރުކުންތައް ހަމަނުވާ ކަމަށް ބުނެ އެ ދައުވާތައް ބާތިލްކޮށްދިނުމަށް މިއަދު އެދިއްޖެ އެވެ.

އިންވެސްޓިގޭޝަން އޮފިސަރެއްގެ މަގާމުގައި ކުރިން މަސައްކަތް ކުރި އާޒިމްގެ މައްޗަށް އޭސީސީ އާއި ރިޔާސީ ކޮމިޝަން އަދި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށްފަހު އުފުލީ މަނީލޯންޑްރިންގެ ދެ ދައުވާއަކާއި ރިޝްވަތު ހިފުމުގެ ދެ ދައުވާއެކެވެ.

މި ދައުވާތައް އޭނާގެ މައްޗަށް ކުރަނީ ދައުލަތުން ތުހުމަތު ކުރާ ގޮތުގައި, ހިޔާނާތުގެ އެންމެ ބޮޑު ތުހުމަތުވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުالله ޒިޔަތުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ގޮތް ހިއްސާކޮށް ސިއްރު މައުލޫމާތުދީ, ރިޝްވަތު ނަގާފައިވާތީ އެވެ.

އެގޮތުން, ދައުވާގައިވާ ގޮތުން އަދީބު މެދުވެރިކޮށް އެސްއޯއެފްއިން އާޒިމް ވަނީ ރިޝްވަތުގެ ގޮތުގައި 50,000 ޑޮލަރު ނަގާފަ އެވެ. އަދި, އެ ފައިސާ އާޒިމްގެ ކޮއްކޮއެއްގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެ ދައުވާ އާއި ތުހުމަތުތަކަށް އާޒިމް ވަނީ ޝަރީއަތުގައި އިންކާރުކޮށްފަ އެވެ. އެހެންވެ, ދައުލަތުން އޭނާގެ މައްޗަށް ހެކި ވެސް ހުށަހަޅާފައިވެ އެވެ. ހެކިންގެ ތެރޭ އަދީބާއި ޒިޔަތު ވެސް ހިމެނެ އެވެ.

މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ގޮތުން އާޒިމްގެ ވަކީލުން ވަނީ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން, ވަކީލުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރީ އާޒިމްގެ މައްޗަށް ކުށެއް ސާބިތުކުރުމުގެ މަގުސަދުގައި ތަހުގީގު ހިންގާފައިވުމެވެ.

"އާޒިމްގެ މައްޗަށް ތަހުގީގު ހިންގާފައިވަނީ އޭނާގެ މައްޗަށް ކުށް ސާބިތު ކުރެވޭނެ ގޮތް ހޯދުމަށް, ކަމުގެ ހަގީގަތް ހޯދާކަށް ނޫން," އާޒިމްގެ ވަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ކުރިން މި މައްސަލައަކީ އޭސީސީން ބަލައި, މައްސަލައެއް ނެތް ކަމަށް ނިންމައިފަ އެވެ. އޭގެފަހުން ކޮމިޝަނުން މައްސަލަ އަލުން ބަލައި, ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވަނީ ގާނޫނުގައި ބުނާ އިޖުރާއަތާ ހިލާފަށް ކަމަށް ވެސް ވަކީލް ފާހަގަ ކުރެއްވި އެވެ.

އެގޮތުން, ރިޔާސީ ކޮމިޝަނުން މައްސަލައެއްގައި ދައުވާ ކުރަން ފޮނުވާފައިވާނަމަ, ރައީސްގެ ލަފާ ހޯދަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނާއިރު އެ އިޖުރާއަތް ފުރިހަމަކޮށްފައިވާ ނުވާ ކަމަށެވެ. އެހެންކަމުން އިޖުރާއަތާ ހިލާފަށް ކުރިއަށް ގެންގޮސްފައިވާ އޮތް މައްސަލައެއްގައި ދައުވާ ކުރެވިގެން ނުވާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.

ދެން އާޒިމްގެ ފަރާތުން ސުވާލު އުފެއްދީ ހުށަހަޅާފައިވާ ހެކިތަކަށެވެ. ބައެއް ހެކިތައް ބަލައިނުގަތުމަށް ޝަރީއަތް ފެށުމުގެ ކުރިން ހުށަހެޅި އެވެ. އެގޮތުން, ބައެއް ތަހުލީލީ ރިޕޯޓްތަކާއި އަދީބާއި ޒިޔަތު އަދި އެސްއޯއެފްގެ އައްލާމްގެ ހެކިބަސް ބަލައިނުގަތުމަށް އެދުނެވެ.

ވަކީލް ވިދާޅުވި ގޮތުގައި, އަދީބާއި ޒިޔަތާ ދެކޮޅަށް އާޒިމް އިސްކޮށް ހުރެ ހިންގި ތަހުގީގަކަށްފަހު ދައުވާކޮށްފައިވުމަކީ އެ ދެ މީހުންގެ އަދާވާތްތެރިކަން އާޒިމްގެ މައްޗަށް އޮންނާނެ ކަމެއް ކަމަށެވެ. އަދި, އެމީހުންނަކީ ކުށް ސާބިތުވެ ތިބި ފާސިގުންކަން ވެސް ފާހަގަ ކުރެއްވި އެވެ. އެހެންވެ މައްސަލާގައި އެ ދެ މީހުންގެ ހެކި ބަހަކީ ރިއާޔަތް ކުރެވިގެންވާނެ އެއްޗެއް ނޫން ކަމަށް ވަކީލް ވިދާޅުވި އެވެ.

ވަކީލް ވިދާޅުވި ގޮތުގައި އެސްއޯއެފްގެ އައްލާމް ތަހުގީގަށް ކުރިން ދީފައި އޮތް ބަޔާން ފަހުން ބަދަލުކޮށް އާޒިމްގެ މައްޗަށް ދައުވާ ސާބިތު ކުރެވޭނެ ގޮތަށް އެ ބަދަލުކޮށްފައިވެ އެވެ. އެހެންވެ, އެ ބަޔާނަކީ ވެސް ސައްހަ އެއްޗަކަށް ނުވާނެ ކަމަށް ފާހަގަ ކުރެއްވި އެވެ.

އާޒިމްގެ ފަރާތުން ވަކީލް ފާހަގަ ކުރައްވާ ގޮތުގައި, އޭނާގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާ ވެސް ކޮށްފައިވަނީ ބާތިލް ކަންތައްތަކެއްގެ މައްޗަށެވެ. އަދި, އެ ދައުވާގެ މާއްދީ އަދި މައުނަވީ ރުކުންތައް ވެސް ހަމަ ނުވެ އެވެ. އެހެންވެ, މައްސަލައަކީ މައުޟުއީ ގޮތުން ކުރިއަށް ނުގެންދެވޭނެ ދައުވާއެއް ކަމަށް ނިންމަވައިދެއްވުމަށް މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒްގެ ކިބައިން އެދުނެވެ.

އަޑުއެހުން އެއް ގަޑިއިރަށްވުރެ ދިގުލައިގެން ދިޔުމުން އެހާ ހިސާބުން ވަނީ އަޑުއެހުން ނިންމާލާފަ އެވެ. އަދި, އާޒިމްގެ ފަރާތުން ދެއްކި ވާހަކަތަކަށް ދައުލަތުގެ ފަރާތުން ރައްދު ދިނުމަށް ދެން ބާއްވާ އަޑުއެހުމަކަށް ޝެޑިއުލްކުރި އެވެ.

އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލާގައި ކުށަށް އިއުތިރާފުވެ, އަދީބާއި ޒިޔަތު ވަނީ ދައުލަތާއެކު އެއްބަސްވުމެއް ހަދާފަ އެވެ. އަދި, އެ އެއްބަސްވުމުގެ ދަށުން ދައުލަތަށް ކޮރަޕްޝަނާ ގުޅޭ ހެކިތައް ގެންދަނީ ފޯރުކޮށްދެމުންނެވެ.