Advertisement

އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނާ ރާއްޖެ ގުޅިއްޖެ

5 ސެޕްޓެންބަރު 2021 - 13:35 0

އަމަން ހަލީމް

އަމަން ހަލީމް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އައިއެސްޑީބީގެ ގަވަރުނަރުންގެ ވަށްމޭޒު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ: ފައްޔާޒު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ އައިއެސްޑީބީއަށް ކަނޑައަޅާފައި ހުންނެވި އެކްޓިން ގަވަރުނަރުގެ ހައިސިއްޔަތުން. -- ފޮޓޯ: ފިނޭންސް މިނިސްޓްރީ


އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނާ ރާއްޖެ ގުޅިއްޖެ

5 ސެޕްޓެންބަރު 2021 - 13:35 0

އިސްލާމިކް ފައިނޭންސިންގެ ތެރެއިން ވިޔަފާރިތަކަށް ޓްރޭޑް ފައިނޭންސްކޮށްދޭ އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)ގެ މެމްބަރަކަށް ރާއްޖެ ވެއްޖެ އެވެ.

އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކު (އައިއެސްޑީބީ)ގެ ޓްރޭޑް ފައިނޭންސް ގޮފި ކަމުގައިވާ އައިޓީއެފްސީއާ ރާއްޖެ ގުޅުނީ، އުޒުބަކިސްޓާނުގައި މިހާރު ކުރިޔަށްދާ އައިއެސްޑީބީ ގްރޫޕުގެ 46 ވަނަ އަހަރީ ބައްދަލުވުމުގަ އެވެ. މިގޮތުން އިއްޔެ ބޭއްވި ގަވަރުނަރުންގެ ޕްލީނަރީ ސެޝަންގައި އައިޓީއެފްސީ މެމްބަރަކަށް ވާން ރާއްޖޭގެ ހުށަހެޅުން ވަނީ ރަސްމީކޮށް ބަލައިގެންފަ އެވެ.

އައިއެސްޑީބީގެ އަހަރީ ބައްދަލުވުމުގައި އެކްޓިން ގަވަރުނަރުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.

އިއްޔެ ބޭއްވި ގަވަރުނަރުންގެ ވަށް މޭޒު ބައްދަލުވުމުގައި ފައްޔާޒު ވަނީ، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކްލައިމްޓް އިންވެސްޓުމަންޓުތަކުގެ ޒަރިއްޔާއިން އިޔާދަކުރަނިވި ހަކަތަ އިތުރުކޮށް، ފިސްކަލް ސްޕޭސް އިތުރުކުރަން އެހީތެރިކަން ފޯރުކޮށްދޭން ގޮވާލައްވައިފަ އެވެ.

އަދި ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި އިޖުތިމާއި ހޭދައަށް "ބްލޫ" ބޮންޑުތަކާއި "ގްރީން" ބޮންޑުތައް ފޯރުކޮށްދީގެން މިހާރަށް ވުރެ ހެޔޮ އަގެއްގައި ދަރަނި ލިބޭނެ ގޮތް ހަމަޖައްސައިދޭން އެދިވަޑައިގެންނެވި އެވެ.

އައިޓީއެފްސީއަކީ އައިއެސްޑީބީގެ މެމްބަރުންގެ މެދުގައި ވިޔަފާރި އާއި އިގުތިސޯދު ކުރިއަރުވަން މަސައްކަތް ކުރާ ކޯޕަރޭޝަނެކެވެ. މި ކޯޕަރޭޝަނާ ގުޅުމުގެ ސަބަބުން ރާއްޖެއަށް ވިޔަފާރީގެ ދާއިރާއިން އިތުރު ފައިނޭންސިން ހޯދަން މަގުފަހި ވާނެ އެވެ.

މެމްބަރު ގައުމަކަށް ނުވާއިރު ވެސް އައިޓީއެފްސީން ވަނީ ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ދާދިފަހުން އެސްޓީއޯއަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ތެލާއި ކާޑު ގަންނަން ފެސިލިޓީއެއް ހަމަޖައްސައިދީފަ އެވެ.

އަދި 2019 ވަނަ އަހަރު އެސްއެމްއީތަކާއި ދަނޑުވެރިކަމުގެ ދާއިރާއަށް އިންވެސްޓުކުރަން، 1.5 ބިލިއަން ޑޮލަރުގެ ފްރޭމްވާކް އެގްރީމަންޓެއްގައި ވަނީ ސޮއިކޮށްފަ އެވެ.