Advertisement

ޝަކާ ކޮވިޑް ވެކްސިން ޖަހަން މޮރީނިއޯ އެދިއްޖެ

5 ސެޕްޓެންބަރު 2021 - 12:54 0


ޝަކާ ކޮވިޑް ވެކްސިން ޖަހަން މޮރީނިއޯ އެދިއްޖެ

5 ސެޕްޓެންބަރު 2021 - 12:54 0

ޒިއުރިކް (ސެޕްޓެމްބަރު 5) - ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް-19 ގެ ވެކްސިން ޖެހުމަށް ދާދި ފަހުން އޭނާ ހޯދަން މަސައްކަތްކުރި އިޓަލީގެ އޭއެސް ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ އެދިއްޖެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލަށް ކުޅެމުން އަންނަ ޝަކާ ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން ސްވިޒަލެންޑުން ވޯލްޑް ކަޕް ކޮލިފައިންގައި ގްރީސް އަތުން މޮޅުވި މެޗުގައި ނުކުޅެވުނެވެ. އަދި ކޮލިފައިންގައި ކުރިއަށް އޮތް އިޓަލީ އާއި އަޔަލެންޑާ ދެކޮޅަށް ކުޅޭ ދެ މެޗު ވެސް ޝަކާ އަށް ގެއްލޭނެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވިއިރު، ޝަކާ މިހާތަނަށް ކޮވިޑް ވެކްސިން ޖަހާފައެއް ނުވެ އެވެ. ސްވިޒަލެންޑް ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ.

ސްވިޒަލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އެޑްރިއަން އާނޯލްޑް ވިދާޅުވީ އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ޝަކާ އަށް ވެސް ކޮވިޑް-19ގެ ވެކްސިން ޖެހުމަށް ފުރުސަތު ތަނަވަސް ކޮށްދީފައިވާ ކަމަށެވެ. އެކަމަކު، އެއްވެސް ކުުޅުންތެރިއަކަށް ކޮވިޑް ވެކްސިން ޖަހަން މަޖުބޫރު ނުކުރާތީ ޝަކާ އަށް ވެސް އޮތީ އެކަން އިހުތިޔާރީ ކަމެއްގެ ގޮތުގައި ބޭނުންވެއްޖެނަަމަ ވެކްސިން ޖެހޭ ގޮތަށް ލުއި ދީފައި ކަމަށް އެޑްރިއަން ވިދާޅުވި އެވެ.

ޝަކާ، އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްގައި ކުރި ޕޯސްޓަކަށް ރިޕްލައިކޮށް މޮރީނިއޯ އެދުނީ ކޮވިޑް ވެކްސިން ޖެހުމަށާއި ރައްކާތެރިވެ ހުރުމަށެވެ. ޝަކާ ވަނީ މޮރީނިއޯ އެ ގޮތަށް އެދުނީތީ ޝުކުރު އަދާކޮށްފަ އެވެ.

މިހާރު އޮތްގޮތުން ކޮވިޑުން ރަނގަޅުވެ ޝަކާ އަށް އެނބުރި ދަނޑަށް އާދެވޭނެ ކަމަށް ބެލެވެނީ މި މަހު 18 ވަނަ ދުވަހު އާސެނަލުން އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީއާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ. ޝަކާ މި ވަގުތު ހުރީ ކްލަބް ލެވަލްގައި ސަސްޕެންޝަނެއްގަ އެވެ. އެއީ އެންމެ ފަހުން ޕްރިމިއާ ލީގުގައި އާސެނަލް 5-0 އިން މެންޗެސްޓާ ސިޓީ އަތުން ބަލިވި މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ.

މޮރީނިއޯގެ ރޯމާގެ ހުށަހެޅުން ދޫކޮށް އުމުރުން 28 އަހަރުގެ ޝަކާ ވަނީ ދާދި ފަހުން އާސެނަލްގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. ޝަކާ އެއްބަސްވީ 2024 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އާސެނަލްގައި މަޑުކޮށް ކްލަބުން އެދޭނަމަ އިތުރު އެއް އަހަރަށް އެ ޓީމުގައި ކޮންޓްރެކްޓް އާ ކުރެވޭ ގޮތަށެވެ.