Advertisement

ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށް ޑްރޯން ހަމަލާއެއް ދީފި

1 ސެޕްޓެންބަރު 2021 - 05:08 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަބްހާ އިންޓަނޭޝަނަލް އެއާޕޯޓް.


ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށް ޑްރޯން ހަމަލާއެއް ދީފި

1 ސެޕްޓެންބަރު 2021 - 05:08 0

ރިޔާދް، ސައުދީ އަރަބިއްޔާ (އޯގަސްޓު 31) - ސައުދީ އަރަބިއްޔާގެ އަބްހާ އެއާޕޯޓަށް އަންގާރަ ދުވަހު ދިން ޑްރޯން ހަމަލާއެއްގައި އަށް މީހަކަށް އަނިޔާވެފައިވާ ކަމަށް އަވައްޓެރި ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅު އަސްކަރީ ކޯލިޝަނުން ބުނެފި އެވެ.

ސައުދީ އަރަބިއްޔާގެ ރަސްމީ އަލް އެހްބަރިއްޔާ ޓީވީން އިއުލާނު ކުރި ކޯލިޝަނުގެ ބަޔާނުގައި ބުނެފައި ވަނީ "އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް އައި ފުރަތަމަ ހަމަލާ އަށް ފަހު ދެ ވަނަ ހަމަލާގައި ފޮނުވި ޑްރޯން ވައްޓާލާފައިވާ" ކަމަށެވެ.

"އަށް މީހުންނަށް އަނިޔާވި އަދި އާއްމު ދަތުރުތަކަށް ބޭނުން ކުރާ ވައިގެ އުޅަނދަކަށް ގެއްލުން ލިބުނު،" މިއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ސިފަކޮށް އެ ބަޔާނުގައި ބުންޏެވެ.

އެލް އެހްބަރިއްޔާ ޓީވީން ރިޕޯޓު ކުރި ގޮތުގައި ފުރަތަމަ ހަމަލާ އަށް ފަހު އެއާޕޯޓުގެ ރަންވޭ މައްޗަށް ޑްރޯންގެ ބާރުގަދަ ކުރުމަށް ހިމެނި ތަކެތީގެ "ޝްރެޕްނެލް" ބުރައިގެން ދިޔަ ކަމަށެވެ.

ހަމަލާ އަށް ފަހު އެއާޕޯޓުގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފައި ވާއިރު، ހޫތީ ހަނގުރާމަވެރިން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ސައުދީން އިސް ނަގައިގެން އުފެއްދި އަސްކަރީ ކޯލިޝަނުން ޔަމަން ހަނގުރާމައިގައި ބައިވެރިވީ 2015 ވަނަ އަހަރު އެވެ. ސައުދީން ތާއީދު ކުރަނީ ބައިނަލްއަގްވާމީ މުޖްތަމައިން ބަލައިގަންނަ ޔަމަނުގެ އިންތިހާބީ ސަރުކާރެވެ.

ސައުދީ ކޯލިޝަނުގެ ސިފައިން ޔަމަނަށް އެރީ ހޫތީ ހަނގުރާމަވެރިން ވެރިރަށް ސަނާ ހިފުމުންނެވެ. އިރާނުގެ ތާއީދާއެކު އޮޕަރޭޓު ކުރާ ހޫތީން ވަނީ ޔަމަނުގެ ބޯޑަރު ހުރަސްކޮށް، ގިނަ ހަމަލާތަކެއް ސައުދީ އަރަބިއްޔާ އަށް ދީފަ އެވެ.

ފަހަކަށް އައިސް ހަމަލާ ދިނުމަށް ބޭނުން ކުރަނީ ޑްރޯން އަދި މިސައިލެވެ. ޔަމަނުގެ ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެފައި ވާއިރު، އެތައް މިލިއަން މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. އދ. އިން ސިފަކުރީ ގޮތުގައި ޔަމަނަށް ދިމާވެފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު އިންސާނީ ކާރިސާ އެވެ.

ހަނގުރާމަ ނިމުމަކަށް ގެންނަން އދ. އިން ބާރު އަޅަމުން ދާއިރު، ހޫތީން ޑިމާންޑު ކުރަނީ ސުލްހައިގެ މަޝްވަރާތައް ފެށުމުގެ ކުރިން ސަނާ އެއާޕޯޓު އަލުން ހުޅުވުމަށެވެ. ސައުދީގެ މަސައްކަތުން އެ އެއާޕޯޓު ބަންދު ކުރީ 2016 ގަ އެވެ.